10 ޖުލައި 2021 - 14:29

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދާފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިމި، އެ ތަނަށް އެ މިނިސްޓްރީ މާދަމާ ބަދަލުކުރަން ނިންމައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކޮށްފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ބައެއް ތަންތަން ހަލާކުވާން ފެށުމުން، ޗައިނާގެ އެހީގައި އަލުން އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށީ އޮގަސްޓް 2019 ގައެވެ.
އެހެންވެ، މިދިޔަ ދުވަސްތަކުގައި ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައީ ހުޅުމާލޭ ފެރީ ޓާމިނަލްގެ އިރުމަތީ ފަރާތުގައި އެމްޓީސީސީން އަލަށް ހެދި އިމާރާތުގަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، މާދަމާ އިން ފެށިގެން އެ މިނިސްޓްރީ ހިންގާނީ ޗައިނާ ސަރުކާރުން އިމާރާތް ކުރި ތަނުގައި ކަމަށެވެ. އިމާރާތް ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދާއިރު މިނިސްޓްރީން ދެމުން ގެންދާ ހިދުމަތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފޮރިން މިނިސްޓްރީން މާފަށް އެދެ އެވެ.
މަރާމާތަށް ފަހު، ފޮރިން މިނިސްޓްރީގެ ރަސްމީ އިމާރާތަށް ޚާރިޖީ ދާއިރާގެ މަސައްކަތްތައް ބަދަލުކުރާއިރު، އެ އިމާރާތުގެ ނަން މިހާރު ވަނީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ހަނދާންތަކަށް ނިސްބަތްކޮށް ދީފަ އެވެ.
ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް އެންމެ ދިގު މުއްދަތެއްގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި މީގެ އަށް އަހަރު ކުރިން އަވަހާރަވެފައިވާ ފަތުހުﷲގެ ނަންފުޅާ ގުޅުވައިގެން ފޮރިން މިނިސްޓްރީގެ އިމާރާތުގެ މިހާރުގެ ނަމަކީ "ފަތުހުﷲ ޖަމީލް ބިލްޑިންގ" އެވެ.