10 ޖުލައި 2021 - 18:33

ލަންޑަން (ޖުލައި 10) - މިފަހަރު ޔޫރޯ ބާއްވަމުންދާ ހެން އެކި ގައުމުތަކުގެ އެކި ސިޓީ ތަކުގައި މުބާރާތް ބޭއްވުމަކީ އިންސާފެއް ނޫން ކަމަށް ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ 60 އަހަރުން ފުރުން ފާހަގަ ކުރުމުގެ ގޮތުން ޔޫއެފާއިން އެންމެ ފުރަތަމަ ނިންމީ ޔޫރަޕްގެ 13 ގައުމެއްގެ 13 ސިޓީގައި މުބާރާތް ބޭއްވުމަށެވެ. ނަމަވެސް މުބާރާތަށް ތައްޔާރުވުމަށް ބައެއް ގައުމުތަކަށް ކުރިމަތިވި ދަތިތަކާއެކު 11 ސިޓީއެއްގައި މުބާރާތް ބާއްވަން ޔޫއެފާއިން ނިންމި އެވެ.
މިގޮތަށް ޔޫރޯ ބާއްވަން ނިންމީ، ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓްނީގެ ދައުރުގަ އެވެ. ކެފެރިން ވިދާޅުވީ އަލުން މިގޮތަށް ޔޫރޯ ބާއްވަން އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ.
"މިގޮތަށް ބޭއްވުން ވެސް މިއީ ބޮޑު ޗެލެންޖެއް އަދި ބައެއް ޓީމުތަކަށް ވެސް މި ގޮތްވީ ރަނގަޅަކަށް ނޫން،" ބީބީސީ އަށް ދިން އިންޓަވިއުގައި ކެފެރިން ބުންޏެވެ.
"މެޗު ކުޅެން ބައެއް ޓީމުތައް 10،000 ކިލޯމީޓަރަށް އަނެއްބައި ޓީމުތައް 1000 ކިލޯމީޓަރަށް ދަތުރު ކުރަން ޖެހޭ. އެއީ ސަޕޯޓަރުންނަށް ވެސް އިންސާފެއް ނޫން އެއް ދުވަހު ރޯމްގައި ތިބެފައި އަނެއް ދުވަހު ބާކޫގައި. އެއީ ފުލައިޓްގައި ހަތަރު ފަސްގަޑިއރުގެ ދަތުރު."
އޭނާ ވިދާޅުވީ ޔޫރޯ ހޯސްޓް ކުރާ ބައެއް ގައުމުތަކަކީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތައް ނޫން ކަމަށާއި އެހެންވެ އެކި ގައުމުތަކަށް އެތެރެވުމުގައި އެކި މަރުހަލާތައް ފުރިހަމަ ކުރަން ޖެހުމަކީ ވެސް ސަޕޯޓަރުންނަށް ކުރިމަތިވާ އުނދަގުލެއް ކަމަށެވެ.
"މިގޮތަށް ޔޫރޯ ބޭއްވުން އެއީ ޝައުގުވެރި ހިޔާލެއް. ނަމަވެސް އެކަންކަން ތަންފީޒު ކުރަން އޮންނަނީ އުނދަގޫ ކަމަކަށް ވެފައި. އަހަންނަކަށް ހީއެއްނުވޭ ދެން މިގޮތަށް ޔޫރޯ ބާއްވަން އަހަރެމެން ނިންމަފާނެހެނެއް."
ޔޫރޯ 2024 ބާއްވާނީ ޖަރުމަންގަ އެވެ.