ތިން އަހަރުގެ ކުއްޖަކު ބައްޕަގެ ފުރާނަ ސަލާމަތްކޮށްދީފި
ތިން އަހަރުގެ ކުއްޖަކު ބައްޕަގެ ފުރާނަ ސަލާމަތްކޮށްދީފި

ތިން އަހަރުގެ ކުޑަކުޑަ ލެނީ-ޖޯޖް ޖޯންސް އަށް އޭނާގެ ބައްޕަ ޚަބަރު ހުސްވާތަން ފެނުނެވެ. އަދި ވަގުތުން ބައްޕައަށް ގަދަކަމުން ޔޯގަޓް ކާން ދީގެން ފުރާނަ ސަލާމަތްކޮށްދިނެވެ. ލެނީގެ ބައްޕަ މާކް އަކީ ޓައިޕް 1 ޑައިބެޓީސް ހުންނަ މީހެކެވެ. މި ކުއްޖާގެ ބައްޕަގެ ހަކުރު ދަށްވެގެން ގޮސް ބަދިގޭ ތަޅުންގަނޑު މައްޗަށް ވެއްޓުނުއިރު ގޭގައި ބާކީ ހުރީ ތިން އަހަރުގެ ލެނީ އެކަންޏެވެ.

ލެނީގެ ވިސްނުން ރަނގަޅުކަމުން ކުޑަ ގޮނޑިއެއް ގެންގޮސް އައިސްއަލަމާރި ކައިރީގައި ބަހައްޓައި އަލަމާރި ހުޅުވައިގެން އޭގައި ހުރި ދެ ތަށި ޔޯގަޓް ނެގި އެވެ. ނަމަވެސް ސަމުސާތައް ލާފައި ހުރި އެއްޗަކަށް އޭނާގެ އަތެއް ނުފޯރި އެވެ. އެންމެފަހުން ކުޅެން ގެންގުޅޭ ޕްލާސްޓިކް ވަޅިއެއް ނަގައިގެން އެއިން އޭނާގެ ބައްޕަގެ އަނގަޔަށް ގަދަކަމުން ޔޯގަޓް ލެވީ އެވެ.

ލެނީ ޔޯގަޓް ކާން ދިނުމުން މާކް، 34، އަށް ކުޑަކޮށް ހޭވެރިކަންވާގޮތް ވި އެވެ.

ލެނީގެ މަންމަ އެމާ، 31، މެންޗެސްޓަ އިވްނިން ނިއުސްއަށް ކިޔައިދީފައިވާ ގޮތުގައި ލެނީ ކަންތައް ކުރި ގޮތާ މެދު އޭނާ ވަރަށް ފަޚުރުވެރިވެ އުފާވެ އެވެ. އޭނާ ކަންތައް އެކުރިގޮތަށް އެ ދުވަހު ކަންތައް ނުވިނަމަ ފިރިމީހާއަށް ވާނެ ގޮތެއް ވެސް ނޭނގޭ ކަމަށް އެމާ ބުންޏެވެ.

މާކް އަކީ ވަރަށް ޅަ އުމުރުގައި ހަކުރުބަލި ޖެހިފައިވާ މީހަކަށް ވާތީ ދުވާލަކު ހަތަރު ފަހަރު އިންސިއުލިން ޖަހަން ޖެހެ އެވެ. އެމާ ބުނި ގޮތުގައި މިކަމެއް ހިނގީ ކާރުގައި އެންމެ ދެ މިނިޓުން ދެވޭ ހިސާބު ކައިރީގައި ހުރި އޭނާގެ މަންމަގެ ގެއަށް އޭނާ ދިޔަ ތަނާ އެވެ. އެމާ ދިޔައިރު ފިރިމީހާ އާއި ދަރިފުޅު ޓީވީ ބަލަން ތިބިކަމަށް އޭނާ ބުންޏެވެ.

"ތިރީހަކަށް މިނިޓް ބޭރުގައި އަހަރެން ވާނީ. އެނބުރި އައިއިރު މާކް އާއި ލެނީ ސޯފާގައި އޮށޯވެލައިގެން ތިބި. މާކް ވަރަށް ބަލި ގޮތަކަށް އޮތީ. އަހަރެން އެހިން ކިހިނެއްހޭ ވީ،" އެމާ ކިޔައިދިނެވެ.

އެމާ ބުނި ގޮތުގައި އެވަގުތު ލެނީ އޭނާއާ ދިމާއަށް ބަލާލާފައި "އަހަރެން ބައްޕަ ސަލާމަތް ކޮށްދިނީއޭ" ބުނި ކަމަށެވެ. އަދި އެއީ ތެދެއް ކަމަށް މާކް ބުނި ކަމަށެވެ.

އެމާ ބުނިގޮތުގައި ފްރިޖްގައި ޔޯގަޓް ހުންނާނީ ވެސް ލެނީ އަތް ފޯރާ ހިސާބަކު ނޫނެވެ. ނަމަވެސް އޭނާގެ ވިސްނުން ރަނގަޅުކަމުން ގޮނޑިއެއް ދަމަމުން ގެންގޮސް ފްރިޖް ކައިރީގައި ބަހައްޓާފައި އެ ގޮނޑިއަށް އަރައިގެން ޔޯގަޓް ތަށިތައް ނެގީ އެވެ.

ލެނީ އެކަން ކުރި ގޮތަށް ކަންތައްކުރުމަށް އޭނާގެ ވިސްނުމަށް ނައިނަމަ މާކް ޑައިބެޓިކް ކޯމާ އަކަށް ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް އެމާ ބުންޏެވެ.

އެމާ ބުނީ އޭނާވެސް އަދި މާކް ވެސް ލެނީ ކައިރީގައި މާކްގެ ބައްޔާ ބެހޭ ގޮތުންނާއި އަދި ބަލިވެއްޖެނަމަ ކަންތައް ކުރާނެ ގޮތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރަން ލެނީގެ ވިސްނުމަށް އައީ ކިހިނެއް ކަމެއް އޭނާއަކަށް އެއްގޮތަކަށް ވެސް ނުވިސްނެ އެވެ.