09 ޖުލައި 2021 - 22:46

މިދިޔަ 24 ގަޑިއިރު މުޅި ރާއްޖޭން ފެނުނީ ކޮވިޑު-19 ގެ 55 ކޭސް ކަމަށާއި އިތުރު 119 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 4،580 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން 25 މީހަކާއި އެކި ރަށްރަށުން 20 އަދި ރިސޯޓުތަކުން 10 މީހެކެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ބަލިން 100 އަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު 2،801 އަށް މަދުވެފައި ވެ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދަކީ 26 އެވެ.
ބަލި ޖެހޭ މީހުންގެ އަދަދު މަދުވާން ފެށުމުން ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު އުވާލައި ދެ ޑޯޒް ޖެހިތާ 14 ދުވަސް ހަމަވެފައިވާ ނަމަ ކަރަންޓީން ނުވެ ދަތުރުކުރުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.