09 ޖުލައި 2021 - 17:34

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ޓަވަރެއްގެ ތަނބެއް ބިންދައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަނީ ހަގީގަތާ ހިލާފު ވީޑިއޯއެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވީ އެ އިން ޓަވަރެއްގެ ތަނބެއް ބިންދައިގެން ގޮސް، ހޮއި ހެދިފައިވާ ކަމަށް ބުނާ ވީޑިއޯ އެކެވެ. ވަަރަށް ބޮޑަށް ޒޫމްކޮށްގެން ނަގާފައިވާ އެ ވީޑިއޯ އިން ސީދާ އެއީ ހިޔާ ޓަވަރެއްގެ ތަނބެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވިގޮތުގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ހިޔާ ޓަވަރެއްގެ ގްރައުންޑް ފްލޯގައި ރޭންޕެއް ހެދުމަށްޓަކައި ބޭރަށްވާ ގޮތަށް ހުރި ކޮންކްރީޓު ޝީޓުކޮޅެއް ކަނޑާލާފައިވާ ހިސާބުގައި ހުރި ތަންކޮޅެކެވެ.
އެކަން ފާހަގަކުރެވުމާ އެކު، މީގެ ދުވަސްތަކެއް ކުރިން ކޮންޓްރެކްޓަރު ލައްވައި، އެތަން މަރާމާތު ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިކަން ފާހަގަވީ ހިސާބުން ކޮންޓުރެކްޓަރު ލައްވައި، އެކަމަށް އެންމެ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާ އެކު، މީގެ ދުވަސްކޮޅެއް ކުރިން އެ ތަން ވަނީ މަރާމާތު ކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފުރަތަމަ ފަހަރަށް ފިނިޝިން މަސައްކަތް ނުހިމެނޭ ގޮތަށް، ހިޔާ ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏާ އެވެ. އެއީ އެންމެ ބޮޑު އަގުގައި ފްލެޓް އަޅަން ހުށަހެޅި ކުންފުންޏެވެ. އެ ތަނަށް ކަރަންޓު ގުޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ފްލެޓް ލިބުނު މީހުންނާ އެކު މި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.