24 ނޮވެމްބަރ 2016 - 15:01

މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ނިންމަން އެމްޓީސީސީން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތަށް ވުރެ ދިގުލައިގެން ދިޔައީ، އެ ކުންފުންޏަށް ކުރިމަތިވި ދަތިތަކަކާ އެކު ވެސް ފެންވަރު ރަނގަޅުކޮށް މަސައްކަތް ނިންމަން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެ ތަނުގައި އެންމެ ބޮޑު ބިމެއް ހާއްސަކުރަނީ ކުނި ނައްތާލުމަށް ކަމަށެވެ. އެ ބިން މި މަހުގެ 29 ގައި އެންވަޔަރްމެންޓް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޒަމާނީ ފެންވަރަކަށް ކުނި ނައްތާލުމުގެ އިންތިޒާމްތައް ގެންދަން އެ ބިން ހަވާލު ކުރެވުނީމަ އެއީ ކުނި މެނޭޖްކުރަން ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އެތަނުގެ މައި މަގުގެ ގޮތުގައި ބޭނުން ކުރަން ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ވަނީ ތާރު ވެސް އަޅައިފަ އެވެ.
އިންޑަސްޓްރިއަލް ވިލެޖް މަޝްރޫއަށް 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ނިމުމުން، މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރާނެ އެވެ. އޭރުން މާލެ އަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.