09 ޖުލައި 2021 - 15:15

އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕު ކޮލިފިކޭޝަންގައި ރާއްޖެ އިން، 2013 ގެ ޗެމްޕިއަން އިރާގާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެ އެވެ.
ރާއްޖެ ހިމެނޭ ގުރޫޕު ސީގައި ދެން ހިމެނޭ ޓީމުތަކަކީ، ގުރޫޕް ސީގެ ކޮލިފިކޭޝަން މެޗުތައް ބާއްވާ ބަހްރެއިން އާއި އަފްގާނިސްތާނެވެ. ކޮލިފިކޭޝަން މެޗުތައް ކުޅޭނީ އަންނަ އޮކްޓޯބަރު 23-31 އަށެވެ.
އޭޝިއާގެ 42 ގައުމެއްގެ މެދުގައި އޭއެފްސީން މިއަދު ވަނީ ގުރު ނެގުމަށް ފަހު 11 ގުރޫޕަކަށް ޓީމުތައް ބަހާލައިފަ އެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން އުޒްބެކިސްތާން ވަނީ ކޮލިފައިން ނުކުޅެ މުބާރާތުން ޖާގަ ކަށަވަރު ކޮށްފަ އެވެ. ޖުމަލަ 16 ޓީމު ވާދަކުރާ މުބާރާތުގެ އަނެއް 15 ޖާގަ ލިބޭނީ ގުރޫޕުތަކުގެ އެއް ވަނަ ހޯދާ 11 ޓީމުގެ އިތުރުން، ގުރޫޕުތަކުގެ ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހަތަރު ޓީމަށެވެ.
އޭއެފްސީ ވަނީ ގުރޫޕްތައް އޭޝިއާގެ މައި ދެ ޒޯނަކަށް ބަހާލައިފަ އެވެ. ހުޅަނގު ޒޯންގައި، ހުޅަނގު އޭޝިއާ އާއި ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ޓީމުތަކެވެ. އިރުމަތީ ޒޯންގައި ހިމެނެނީ އިރުމަތީ އޭޝިއާގެ ޓީމުތަކާއި އާސިއާންގެ ޓީމުތަކެވެ. ކޮންމެ ޒޯންގެއްގައި ހިމެނޭ ގުރޫޕަށް ވެސް ޓީމުތައް ލައްވާލީ އެ މައި ޒޯންގެ ތެރެއިންނެވެ.
ރާއްޖެ އާއި ލައްވާލި، އިރާގާއި ބަހްރެއިން އަކީ ހުޅަނގު އޭޝިއާ އިން ހުޅަނގުގެ މައި ޒޯނަށް ވަން ޓީމުތަކެވެ. އަފްގާނިސްތާނަކީ އިރުމަތީ އޭޝިއާގެ ޒޯނުން ރާއްޖެއާ ލައްވާލި ޓީމެވެ.
ކޮލިފިކޭޝަން މެޗުތަކަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ ރެނޭ ހިޑިންކް ރާއްޖެ ގޮވައިގެން ނުކުންނަ ފުރަތަމަ ޗެލެންޖެވެ. ކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ މަސްއޫލިއްޔަތު ވެސް ހަވާލު ކުރަނީ ސީނިއާ ޓީމުގެ ހެޑް ކޯޗަށެވެ. ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ޖަނެއަރީ 2020 ގައި ހަމަޖެއްސި ރެނޭ ހިޑިންކް 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް ބަދަލު ކުރުމަށް އެފްއޭއެމުން މި އަހަރުގެ ފެބްރުއަރީ މަހު ނިންމީ، އޭރު އޭނާއާ އެކު ހެދި ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އާ ކުރުމަށް ފަހު އެވެ.
ސީނިއާ ޓީމުގެ މަސައްކަތުން އޭނާ މުޅިން ވީއްލުމަށް ފަހު، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކުރީ ބޮޑު އެހެން ޒިންމާތަކާ ވެސް އެކުގަ އެވެ. އެއީ 21 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރު ފުރާތަކުގެ ޑިވެލޮމްޕެންޓްގެ މަސައްކަތްތައް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށެވެ.