މިއަދާއި މާދަމާ މޫސުން ވަރަށް ގޯސްވާނެ: މެޓް
މިއަދާއި މާދަމާ މޫސުން ވަރަށް ގޯސްވާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދު ރާއްޖެތެރޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، މެޓުން މިހާރު ވެސް އޮތީ 15 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނު 10:00 އިން ހަވީރު 3:00 އާ ހަމައަށެވެ.

އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ހަފުތާ ބަންދަކީ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ދެ ދުވަހެވެ. މޫސުން އެންމެ ގޯހީ އުތުރާއި މެދު ރާއްޖެތެރެ އަށެވެ. އެ ސަރަހައްދަށް ވިލާގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދުގައި ވައިގަދަވާނެ އެވެ. އަދި ކަނޑުގައި ބޮޑެތި ރާޅުތައް އުފެދެމުން ދާ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްރަށަށް އުދަ ވެސް އަރާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

"ކަނޑު އެންމެ ގަދަވާނީ އުތުރާއި މެދު ރާއްޖެތެރެއަށް. ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ. ވިލާގަނޑު އެ އަަށް ވުރެ ގަދަވާނެ." ވަހީދު ވިދާޅުވި އެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވެފައިވާއިރު ވަހީދު ވަނީ އުތުރާއި މެދު ރާއްޖެތެރޭގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ގޮތަކަށް ނުކުރުމަށް އެދިފަ އެވެ. އަދި ދަތުރެއް ކުރަން ޖެހިއްޖެ ނަމަ، މޫސުމަށް ސަމާލުވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

މިއީ ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ އާއި ކުރިއަށް އޮތީ އީދު ދުވަހާ ގުޅިގެން އަންނަ ބޮޑު ބަންދަކަށް ވެފައި ގިނަ ބަޔަކު ވަނީ އެކި ރަށްރަށަށް ދަތުރުކުރަން ތައްޔާރުވެފަ އެވެ.