08 ޖުލައި 2021 - 23:47

ދީނީ އެކިއެކި މައްސަލަތަކާ ގުޅިގެން، މަރަން ޖެހޭ މީހުންގެ ލިސްޓަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ތަކުރާރުކޮށް އަރާފައިވާ ކަމަށް ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ނަޝީދުގެ ފުރާނަ ދުއްވާލުމަށް، މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ކޮމެޓީން ހެދި އިންކުއަރީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ތަފާތު އެކި ކަހަލަ އިންޒާރުތަކާ ގުޅިގެން ރައީސް ނަޝީދުގެ ތްރެޓް ލެވެލް، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނުވަ ފަހަރެއްގެ މަތިން ވަނީ އެސެސްކޮށްފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ ތްރެޓް ލެވެލް މަތިކުރަމުން ގޮސް އެންމެ މަތީ ލެވެލް އަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ. ރިޕޯޓުން ދައްކާ ގޮތުން އެމަނިކުފާނަށް އައި ތްރެޓްތައް ފަހަރަކަށް ވުރެ ފަހަރެއް އައީ ބޮޑު ވެސް ވަމުންނެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން، ރިޔާސީ އިންތިހާބަށް ފަހު ރައީސް ނަޝީދު އިނގިރޭސިވިލާތުން ނޮވެމްބަރު 1، 2018 ގައި ވަޑައިގަތް ފަހުން އެކިއެކި ތްރެޓްތައް އައީ ލިބެމުންނެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ތްރެޓެއް އައީ، 2019 ގައި ގދ. މަޑަވެއްޔަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހަރުކަށި ފިކުރުގެ ބަޔަކު އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅުމުގެ ތުހުމަތުގައި ވަނީ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އެހެންވެ، އެޕްރީލް 25، 2019 ގައި ނަޝީދުގެ ތްރެޓް ލެވެލް މައްޗަށް ވެސް ޖެއްސި އެވެ.
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރި މައްސަލާގައި ވެސް، އެކަމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ދޭ މެމްބަރުން މަރާލާނެ ކަމަށާއި، ނަޝީދަކީ ފުރަތަމަ ޓާގެޓް ކަމަށް ސިފައިންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ. އެހެންވެ، އެމަނިކުފާނުގެ ތްރެޓް ލެވެލް އަނެއްކާ ވެސް ރިވިއު ކުރި އެވެ.
ސެޕްޓެމްބަރ 3، 2019 ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު "ހަރުކަށި ފިކުރު"ގެ މީހެއްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނެ މީހަކު ޓްވީޓްކޮށްފައިވާ ކަމަށާއި އެމަނިކުފާނަށް އޮތް ތްރެޓް އަނެއްކާ ވެސް ރިވިއު ކުރި ކަމަށް ރިޕޯޓްގައި ވެ އެވެ. އަދި އޮކްޓޫބަރު 17، 2019 ގައި، "އެންމެން އެކުގައި ދިވެހި" ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖެއްގައި ނަޝީދުގެ ބޮލަށް ވަޅިއެއް، އަދި މެޔަށް ފުރޯއެއް ޖަހާފައިވާ ގޮތަށް އެޑިޓްކޮށްފައިވާ ފޮޓޯއެއް ޕޯސްޓް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.
މީގެ އިތުރުން ޑިސެމްބަރު 29، 2019 ގައި ނަޝީދު އަވަހާރަކޮށްލަން (ނަން ކަނޑާލައިފައި) ނިސްބަތްވާ ބަޔަކު މަސައްކަތް ކުރާ ކަމަށް ވެސް އިންޓެލް އަށް މައުލޫމާތު ލިބިފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ.
ޖުލައި 26، 2020 ގައި އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއްގައި، ރައްޔިތުންގެ މަޖިލީހުން އިސްލާމީ ޝަރީއަތާ ހިލާފުވާ ކަމާއި ގާނޫނު ހެދުމަށް އޮންނަ މި މަޖިލީހުން މާތްﷲ ހަރާމް ކުރެއްވި ކަންކަން ހަލާލު ކުރާ ކަމަށާއި އަދި ހަލާލު ކުރެއްވި ކަންކަން ހަރާމް ކުރާ ކަމަށް ބުނެ، ހަމަލާތައް ދިނުމަށާއި ޖިހާދު ކުރުމަށް ގޮވާލައިފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ. އަދި "ހަރުކަށި ފިކުރުގެ ފަރާތްތަކުން ޓާގެޓްތައް ސިލެކްޓް ކުރުމުގައި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ މެމްބަރުންނަށް އަމާޒުކުރުމަށް ހިތްވަރު ދޭ ފަދަ މޭރުމަކުން" އެ ވީޑިއޯގައި ވާހަކަތައް ގެނެސްފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ. އެ ވީޑިއޯއާ ގުޅިގެން، ރައީސް ނަޝީދުގެ ތްރެޓް ލެވެލް "ސިވިއަ" ނުވަތަ ހަމަލާއެއް ދީފާނެ ކަމުގެ ފުރުސަތު އޮތް ހާލަތަށް ބަދަލުކޮށްފައިވެ އެވެ.
ރާއްޖޭގެ ހައި ލެވެލް ބޭފުޅުންނަށް ހަމަލާއެއް ދިނުމަށް ރާވަމުން ދާ ކަމަށާއި އެގޮތުން އެ ހަމަލާ ނަޝީދަށާއި މަޖިލީހުގެ އިދާރާ އަށް ޓާގެޓް ކޮށްފައިވާ ކަމަށް އިންޓެލް މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ވަނީ މައުލޫމާތު ލިބިފަ އެވެ. އެހެންވެ، ތްރެޓް ލެވެލް އަނެއްކާ ވެސް ވަނީ ރިވިއުކޮށްފަ އެވެ. އެކަމަކު ތްރެޓް ލެވެލް ބަދަލުކޮށްފައެެއް ނުވެ އެވެ. އަދި މިދިޔަ ޖެނުއަރީ 21 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި މަޖިލީހުގެ އިދާރާ އަށް އަމާޒުކޮށް، "ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ވިސްނުން ގެންގުޅޭ" ކަމަށް ފުލުހުންގެ އިންޓެލް އަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން މިދިޔަ ފެބްރުއަރީ 15 ގައި [ނަން ކަނޑާލައިފައި] ހުޅުވާފައިވާ ފޭސްބުކް އެކައުންޓުން ވަނީ މަރާލަން ބޭނުންވާ މީހުން ކަމަށް ބުނެ ލިސްޓެއް އާންމުކޮށްފަ އެވެ. އެ ލިސްޓްގައި ނަޝީދުގެ ނަން ހިމެނޭ ކަމަށާއި އެ މީހުން މަރާލަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ﷲ އާއި ރަސޫލާ އަށް ޓަކައި ކަމަށެވެ. ޑިފެންސް އިންޓެލިޖެންސް އާ ހަވާލައި ދީ، ރިޕޯޓްގައި ބުނެފައިވާ ގޮތުން، މި އިންޒާރު ދީފައި ވަނީ މަޖިލީހަށް ހުށހެޅިފައިވާ މިއުޒިކާ ގުޅޭ ގަރާރުގެ ސަބަބުން ކަމަށެވެ. މިއީ، ވަރަށް އަވަހަށް ދީފާނެ ހަމަލާއެއް ކަމަށް ބެލެވޭތީ، އެ ތްރެޓް އެސެސްކުރުމަށް ފަހު ފެބްރުއަރީ 25، 2021 ގައި ނަޝީދުގެ ތްރެޓް ލެވެލް އަކީ "ކްރިޓިކަލް" ކަމަށް ކަނޑައެޅި އެވެ.
މެއި 6 ވަނަ ދުވަހުގެ ރޭ ނަޝީދަށް ބޮމުގެ ހަމަލާއެއް ދީފައި ވަނީ މި އިންޒާރު ދީފައި އޮއްވަ އެވެ. އެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ އެތައް ބައިވަރު ޒަހަމަކަށް މިހާރު އަންނަނީ ރާއްޖެ އިން ބޭރުގައި ފަރުާ ހޯއްދަވަމުންނެވެ. ޑޮކްޓަރުން ބުނެފައިވާގޮތުން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ!
ރިޕޯޓްގައި، ބުނެފައިވާ ގޮތުން ނަޝީދުގެ ހަރަކާތްތަކަށް ފާރަލައި، ބަޔަކު ދިޔައީ ފޮޓޯ ވެސް ނަގަމުންނެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި، މާޗް 12 ވަނަ ދުވަހުގެ ރޭ ބޭއްވި އިވެންޓެއްގައި "ދުރުގައި ތިބެގެން ރައީސް މުހަންމަދު ނަޝީދުގެ ހަރަކާތްތައް ބަލައި ފޮޓޯ ނަގާ ހަދާފައިވާކަން އެނގިފައިވާ" ކަމަށް ރިޕޯޓްގައި ވެ އެވެ. އަދި އެމަނިކުފާނަށް ހަމަލާ ދިން މީހުން އެއް ފަހަރަށް ވުރެ ގިނައިން ނީލޯފަރު މަގު [އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ގޯޅި] ގައި ހަރަކާތްތެރިވެ ސަވެއިލް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.