24 ނޮވެމްބަރ 2016 - 14:56

އަބުރާ ބެހުމުގެ މައްސަލަތަކުގައި އަބުރު ގެއްލުނު ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުތަކުން ނަގައިދެވޭނީ ހަމައެކަނި މާލީ ބަދަލުތައް ކަމަށާއި އެ ނޫން ބަދަލެއް ނަގައިނުދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އެގޮތަށް މިއަދު ނިންމީ ނ. ހެނބަދޫ ސްކޫލްގެ ޕްރިންސިޕަލްގެ އަބުރާ މީހަކު ބެހުމުން އެ މީހާ ދެއްކި ވާހަކައަކީ މާނަ އޮޅޭ ގޮތަށް ދެއްކުނު ވާހަކައެއް ކަމަށް އެ ރަށު ގިނަ ބަޔަކަށް އެނގޭނެ ހެން ބުނުމަށް، އެ މީހާގެ މައްޗަށް އެ ރަށު ކޯޓުން ކުރި ހުކުމުގެ މައްސަލައިގަ އެވެ.
ނޮވެމްބަރު، 2012 ގައި އެ ރަށު މީހަކު އެ ރަށު ސްކޫލްގެ ޕްރިންސިޕަލާ ދިމާލަށް ބުނެފައި ވަނީ އެ ސްކޫލްގެ އަންހެން ކުއްޖަކު ކުލާސް ރޫމަކަށް ވައްދައިގެން ޕްރިންސިޕަލް ގޯނާކުރި ކަމަށެވެ.
އެ މައްސަލަ ޕްރިންސިޕަލްގެ ފަރާތުން އެ ރަށު ކޯޓަށް ހުށަހެޅުމުން އެ ކޯޓުން 2013 ގައި ނިންމީ އަބުރާ ބެހުމުގެ ބަދަލުގެ ގޮތުގައި 5،000ރ. އެ މީހާ ޕްރިންސިޕަލަށް ދިނުމަށާއި ޕްރިންސިޕަލާ ބެހޭގޮތުން ދެއްކި ވާހަކައަކީ މާނަ އޮޅޭ ގޮތަށް ދެކެވުނު ވާހަކައެއް ކަމަށް އެ ރަށުގެ ގިނަ ބައެއް ކުރިމަތީގައި އެއްބަސްވުމަށެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ގެއްލުމުގެ ބަދަލަށް 5،000ރ. ޕްރިންސިޕަލަށް ދޭން އެންގި އެންގުން ރަނގަޅު ކަމަށާއި އެކަމަކު އެ ވާހަކައަކީ މާނަ އޮޅޭ ގޮތަށް ދެކެވުނު ވާހަކައެއް ކަމަށް މީހުން ކުރިމަތީގައި އެއްބަސްވުމަށް ކޯޓުން އެންގި އެންގުން ރަނގަޅު ނޫން ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގަވާއިދަށް ބަލާއިރު އަބުރާ ބެހުމުން އެކަމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭނެ ކަމަށް ބުނެފައިވަނީ ހަމައެކަނި މާލީ ބަދަލުތައް ކަމަށާއި އެ ނޫން ބަދަލެއް އެ ގަވާއިދުގެ ދަށުން ނެގޭނެ ކަމަށް ބުނެފައި ނެތް ކަމަށެވެ.
އެހެންވެ، ޕްރިންސިޕަލާ ބެހޭގޮތުން ވާހަކަ ދެއްކުނީ މާނަ އޮޅޭ ގޮތަށް ކަމަށް ބުނެ ރައްޔިތުން ކުރިމަތީގައި އެއްބަސްވާން ހެނބަދޫ ކޯޓުން އެންގި އެންގުން ބާތިލްކުރާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ނަމަވެސް ޕްރިންސިޕަލާ ބެހޭގޮތުން އެ މީހާ ދެއްކި ވާހަކައަކީ ހަގީގަތެއް ކަން އެ މީހާ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި އެ ވާހަކައަކީ ޕްރިންސިޕަލްގެ އަބުރު ގެއްލޭ ފަދަ ވާހަކަތަކަކެއް ކަމަށް ހުކުމުގައިވެ އެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އެ ގަވާއިދުގެ ދަށުން ނަގައިދެވޭ އެންމެ ބޮޑު އަދަދު ކަމަށްވާ 5،000ރ. އެ މީހާގެ ފަރާތުން ޕްރިންސިޕަލަށް ދޭން ކޯޓުން އެންގި އެންގުން ރަނގަޅު ކަމަށް ހުކުމުގައިވެ އެވެ.
އަބުރާ ބެހުން ޖިނާއީ ކުށަކަށް ހަދައި، އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ފާސްކުރިޔަސް ވަކިވަކި ފަރުދުންގެ އަބުރާ ބެހުމުން ގެއްލުން ލިބުނު ފަރާތަށް އެ ގާނޫނުގެ ދަށުން ބަދަލު ނަގައިދެވޭނީ ކުރިން ވެސް އޮތް ގަވާއިދުގެ ދަށުންނެވެ.
އެ ގަވާއިދު އެޓާނީ ޖެނެރަލްގެ އޮފީހުން އިސްލާހު ކުރަންޖެހޭނެ ކަމަށް އެ ގާނޫނުގައި އޮތަސް އެއަށް އެއްވެސް އިސްލާހެއް އަދި ނުގެނެ އެވެ.