26 ނޮވެމްބަރ 2016 - 06:53

ސަންޖޭ ލީލާ ބާންސާލީގެ "ސާވަރިޔާ" އިން ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރު ފިލްމީ ދުނިޔެއަށް ނުކުތުމަށްފަހު މި ދެ ތަރިން އެކުގައި މިހާތަނަށް އެއްވެސް ފިލްމެއްގައި ބައިވެރިވެފައެއް ނުވެ އެވެ. ނަމަވެސް އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ސޯނަމް ބައިވެރިވާ ކަން އެ ފިލްމުގެ ޑައިރެކްޓަރު ރާޖް ކުމާރު ހީރާނީ ވަނީ މިދިޔަ ބުދަ ދުވަހު އިއުލާން ކޮށްފަ އެވެ.
ފިލްމުގައި ސަންޖޭ ދަތުގެ ރޯލު އަދާކުރަނީ ރަންބީރު ކަޕޫރެވެ. ސޯނަމް މި ފިލްމުގައި ކުޅެނީ މެހެމާނެއްގެ ބައެވެ. އޭނާ އަދާކުރަނީ 90ގެ އަހަރުތަކުގައި ސަންޖޭ ދަތު ރައްޓެހިވެގެން އުޅުނު ފިލްމީ ބަތަލާއެއްގެ ރޯލެވެ.
އިންޑިއާގެ ނޫހަކުން ބުނެފައި ވަނީ މިފިލްމުގައި ސޯނަމްގެ ކެރެކްޓާ ވަކި މީހަކަށް ނިސްބަތް ނުކުރާނެ ކަމަށާއި އެ ދުވަސްވަރު ސަންޖޭ ދަތުގެ ހަޔާތަށް އައި ފިލްމީ ތަރިންގެ ހަނދާންތައް މި ރޯލުން އާކޮށްދޭނެ ކަމަށެވެ.
މިފިލްމުގެ ޝޫޓިން ރަންބީރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ކުރީކޮޅު އެވެ. މި ފިލްމުގައި އަނުޝްކާ ޝަރުމާ ޖާނަލިސްޓެއްގެ ރޯލުން ފެނިގެން ދާނެ އެވެ.