ތަކުރާރުކޮށް ފޭކް ސްލިޕް ފޮނުވާ މީހަކު ފުލުހުން ހޯދަނީ
ތަކުރާރުކޮށް ފޭކް ސްލިޕް ފޮނުވާ މީހަކު ފުލުހުން ހޯދަނީ

އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރީ ކުރުމަށް ފަހު، ފޭކް ސްލިޕް ފޮނުވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އޭނާގެ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.

ދިރިއުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ފުލުހުން ހޯދަމުން އަންނަނީ ހއ. ދިއްދޫ، ވިނޯލިޔާގެ، އިބްރާހީމް ހަލީލް، 32، އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން އިބްރާހިމް ހަލީލް ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އެންގުމަށް އިއުލާންކޮށްފައިވާ ކަމަށެވެ.

"އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް،" އޭނާ ހާޒިރުވާން ޖެހޭ ސަބަބުގެ ގޮތުގައި ފުލުހުން ބަޔާންކޮށްފައިވެ އެވެ.

އޭނާ އަށް އަންގާފައި ވަނީ މި މަހު 15 ވަނަ ދުވަހު ހަވީރު 4 ޖަހާއިރު ޝާހީދު ހުސެއިން އާދަމް ބިލްޑިން އަށް ހާރިޒުވުމަށެވެ.

މަކަރާއި ހީލާތުން މީހުންގެ އަތުން ފައިސާ ފޭރުމާއި ވިޔަފާރި ކުރުމަށް ފަހު ފޭކް ސްލިޕްތައް ފޮނުވުމުގެ މައްސަލަތައް މިދިޔަ ދެ އަހަރާ އަޅާ ބަލާއިރު މި އަހަރު މިހާތަނަށް ދެ ގުނަ އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ފޭކް ސްލިޕް ފޮނުވުމުގެ މައްސަލަ އެންމެ ބޮޑުވީ ކޮވިޑާ އެކު އޮންލައިންކޮށް ފައިސާ ދެއްކުމަށް ވިޔަފާރިތަކުން އިސްކަންދޭން ފެށި ފަހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.