08 ޖުލައި 2021 - 15:13

ކްލަބު ފުޓްބޯޅަ އަށް އަލުން އެނބުރި ދިއުމާ މެދު ގިނަ ގޮތްތަކަކަށް ވިސްނާނެ ކަމަށް، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓު ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ކްލަބު ފުޓްބޯޅައިގައި ހެޑް ކޯޗެއްގެ ގޮތުގައި، މެދުނުކެނޑި 12 އަހަރު މަސައްކަތް ކުރުމަށް ފަހު ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗު ކަމާ ސުޒޭން ހަވާލުވީ ޖެނުއަރީ 2020 ގަ އެވެ. ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީއްސުރެ މިިދޔަ ސީޒަންވެފައި ވަނީ އޭނާ ކްލަބެއްގައި މަސައްކަތް ނުކުރާ ހަމައެކަނި ސީޒަނަށެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗުކަމާ ސުޒޭން ހަވާލުވީ ތާރީހީ ރެކޯޑަކާ އެކު އެވެ. އޭނާ އަކީ ފުޓްބޯޅައިގައި އެކްޓިވްކޮށް މަސައްކަތް ކުރާ ކޯޗުންގެ ތެރެއިން އެންމެ ގިނަ ތަށި ހޯދި ކޯޗެވެ.
ރާއްޖޭގެ އެންމެ ޓޮޕް ޑިވިޝަންގައި ސުޒޭން ވަނީ 11 ތަށި ހޯދައިފަ އެވެ. އެއީ މާޒިޔާއާ އެކު ދިވެހި ޕްރިމިއާ ލީގު އެއް ފަހަރު، އެފްއޭ ކަޕް އެއް ފަހަރު، ޕްރެޒިޑެންޓް ކަޕް އެއް ފަހަރު އަދި ޗެރިޓީ ޝީލްޑް ދެ ފަހަރު އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރި ވިކްޓަރީ ސްޕޯޓްސް ކްލަބާ އެކު ޕްރެޒިޑެންޓް ކަޕް ތިން ފަހަރު، މާލޭ ލީގު އެއް ފަހަރު އަދި އެފްއޭ ކަޕު ދެ ފަަހަރު ހޯދި އެވެ.
ސުޒޭން ބުނީ އަލުން ކްލަބު ފުޓްބޯޅަ އަށް ދިއުމާ މެދު ގިނަ ގޮތްގޮތަށް ވިސްނަން ޖެހޭ ކަމަށެވެ.
"މިކަމުގައި މިހާރު ހުރި ކަންކަން ކިހިނެއްތޯ ބަލާނީ. އެއީ ކްލަބުގައި ވެސް އެ ފިއުޗާ އެބައޮތްތޯ ބަލަން ޖެހޭ. އަދި ރަށްރަށުގައި ދަނޑުތައް އަޅައިގެން ކަންކަން ކުރަން މަސައްކަތް ކުރާއިރު އެކަންކަން ހުރިގޮތް ވެސް ބަލަން ޖެހޭ،" "މިހާރު" އަށް ދިން އިންޓަވިއުގައި ސުޒޭން ބުންޏެވެ.
"ކުރެވޭ ވަރު ކަމެއް ވެއްޖެއްޔާތާ ކުރަން ޖެހޭނީ. އެކަކު އެކަނި އުޅެގެން ކުރެވޭ ވަރަށް ވުރެ މިހާރު ރާއްޖޭގެ ފުޓްބޯޅަ މިއޮތީ އިތުރު ގޮތް ތަކަކަކަށް ބޭނުން ވެފައި. އެހެންވީމަ އެކަންކަމަށް ވިސްނާނީ."
އޭނާ ބުނީ ފުޓްބޯޅައާ މެދު އެހެން ކުޅިވަރުތަކުންނާއި އާންމުންގެ ފަރާތުން ވެސް ގިނަ ޗެލެންޖުތަކެއް ކުރާ ކަމަށެވެ. އެގޮތުން ފުޓްބޯޅަ އަށް ދައުލަތުން ހޭދަކުރާތީ ބައެއް ފަރާތްތަކުން ކަންބޮޑުވެގެން އުޅޭ ތަން ފެންނަ ކަމަށް އޭނާ ބުންޏެވެ.
"މިހާރު މީހުންނަށް މާ ބޮޑަށް އާ ބަހެއް ފަރިތަވެގެން އެބަ ބުނޭ ޓެކްސް ފައިސާ އިން ފުޓްބޯޅަ އަށް ހަރަދުކުރާ ވާހަކަ. އެ ވާހަކަ ދައްކާއިރު ފުޓްބޯޅަ އަށް ޗެލެންޖު ކުރާނެ އެހެން ކުޅިވަރެއް އެބައޮތްބާ. މިސާލަކަށް ދިވެހި ރާއްޖެ އަށް ފުޓްބޯޅަ އިން އަހަރެއްގެ މައްޗަށް ދެތިން މިލިއަން ޑޮލަރު ބޭރުން އެތެރެ ކުރޭ. އެހެން އެއްވެސް ކުޅިވަރަކުން 50،000 ޑޮލަރު ވެސް ބޭރުން އެތެރެ ކުރެވޭ ކުޅިވަރެއް ނެތް،" ސުޒޭން ފާހަގަކުރި އެވެ.
"ފުޓުބޯޅަ އަށް ދައުލަތުން މިސާލަކަށް ފަސް މިލިއަން ޑޮލަރު ހަރަދު ކުރަންޏާ ބޭރުން އެތެރެ އެބަކުރޭ ހަމަ އެހާ ފައިސާ. ފުޓްބޯޅަ އިން ރާއްޖެ އަށް އެތައް ބަޔަކަށް ވަޒީފާ އެބަ ލިބޭ. އެހެންވީމާ އެއީ މައްސަލައެއް ނޫންތާ ފުޓްބޯޅަ އަށް ހޭދަކުރުން."
ދިވެހި ޕްރިމިއާ ލީގު 2023 އިން ފެށިގެން ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭއްވުމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކުލަވާލެއްވި ކޮމިޓީ އަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ، ސުޒޭންގެ އިތުރުން އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އެވެ.
"އެ މަސައްކަތް ކުރާނެ ގޮތް އޮންނާނެ ކަރުދާހަށް ނަގައިފައި މިހާރު. އެހެންވީމާ އެއާ އެއްގޮތަށް އެކަން ކުރިއަށް ދާނެ،" ސުޒޭން ބުންޏެވެ.