ފްރޮންޓްލައިން އެލަވަންސް އަބަދަކު ނުދެވޭނެ: އަމީރު
ފްރޮންޓްލައިން އެލަވަންސް އަބަދަކު ނުދެވޭނެ: އަމީރު

މުއްދަތެއް ނެތް ގޮތަށް ފްރޮންޓްލައިން އެލަވަންސް އަބަދަކު ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފްރޮންޓްލައިން އެލަވަންސް އަބަދަކު ނުދެވޭނެ: އަމީރު
ފްރޮންޓްލައިން އެލަވަންސް އަބަދަކު ނުދެވޭނެ: އަމީރު

"މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ފްރޮންޓްލައިން އެލަވަންސް ދިނުން ހުއްޓާލާނެ ދުވަހެއް އަދި ނިންމާފައި ނުވިޔަސް، އެއީ ބަލި އޮތްހާ ދުވަހެއް ވަންދެން އަބަދު ދޭން ޖެހޭ އެލަވަންސެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިކަމުގައި އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށާއި ވޮލެންޓިއާކޮށް މަސައްކަތް ކުރާ މީހުންނަށާއި ވަޒީފާއެއް ނެތި މަސައްކަތް ކުރާ މީހުންނަށް އެ ކޮމްޕެންސޭޓް ކުރަން ޖެހޭނެ. ދެން މިހާރު އޮތް ގޮތުން ފްރޮންޓްލައިން އެލަވަންސް ދިނުން ހުއްޓާލާނީ އަދި ކޮން ދުވަހަކުތޯ އަޅުގަނޑަށް ދަންނަވަން ދަތި. އެކަމަކު ވަރަށް އަވަހަށް އެ ނިންމުން ވެސް ނިންމާނަން،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 12،200 މީހުންނަށް 160 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ފްރޮންޓްލައިން އެލަވަންސް ދެނީ ކޮވިޑުން ރައްކާތެރިވުމަށް އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއްގަައިހެން ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެންމެ އިސް ސަފުގައި އުޅުނު މީހުންނަށް އެލަވަންސް ދިން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ ކޮވިޑްގެ ހާލަތުގައި ހެލްތުގެ ބޭފުޅުންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރި އެހެން ފަރާތްތައް އެކުރީ ވަރަށް އުނދަގޫ ބުރަ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ފްރޮންޓްލައިން އެލަވަންސް ދޭން ފެށީ މާޗް 7، 2020 ގަ އެވެ. މި އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. "ހައި ރިސްކް" ކެޓަގަރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 500ރ. ދޭ އިރު މީޑިއަމް ރިސްކް ކެޓަގަރީގައި މަސައްކަތް ކުރާ މީހުންނަށް މަހަކު 250ރ. ގެ އެލަވަންސެއް ދޭނެ އެވެ. އަދި ލޯ ރިސްކްގެ ގޮތުގައި މަސަައްކަތް ކުރާ މީހުންނަށް ދުވާލަކަށް 200ރ. ލިބޭނެ އެވެ.