ކޮވިޑްގައި މަރުވި މީހުންގެ އަދަދު 4 މިލިއަނުން މައްޗަށް
ކޮވިޑްގައި މަރުވި މީހުންގެ އަދަދު 4 މިލިއަނުން މައްޗަށް

މިހާރު މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ބަލީގައި، ދުނިޔޭގެ އެކި ގައުމުތަކުން މަރުވި މީހުންގެ ޖުމްލަ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔެ އިން މަރުވި ޖުމްލަ މީހުންގެ ތެރެއިން، ތިން ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ އެންމެ ތިން ގައުމުން މަރުވި މީހުންނެވެ. މިހާތަނަށް އެންމެ ގިނަ މީހުން މަރުވީ އެމެރިކާ އިންނެވެ. މުޅި ދުނިޔޭން މަރުވި މީހުންގެ 15 ޕަސެންޓް (606،000 މީހުން) މީހުންނަކީ، އެމެރިކާ އިން މަރުވި މީހުންނެވެ.

ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒީލުންނެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ އިންޑިޔާ އިންނެވެ. ކޮވިޑް-19 އެންމެ ގިނަ ބަޔަކަށް ޖެހިފައިވަނީ އެމެރިކާ އިންނެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވަނީ އިންޑިޔާ އިންނެވެ. ތިން ވަނަ އަށް ބްރެޒީލުންނެވެ.

އެމެރިކާ އާއި ޔޫރަޕް ގައުމުތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައިވުމުން، އެމެރިކާ އާއި ޔޫރަޕްގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު، ދުވަހުން ދުވަހަށް އަންނަނީ ދަށްވަމުންނެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ކޮވިޑް ވެކްސިން ނެތުމުން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ނުޖެހޭ ގައުމުތަކުގައި، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

އޭގެ އިތުރުން ކޮވިޑް ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަސް ފެތުރޭ ގައުމުތަކުގައި ވެސް، ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އިންޑޮނީޝިޔާ އާއި ބްރެޒިލް ފަދަ ގައުމުތައް ހިމެނެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވަސިޓީން ބުނި ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގައި މުޅި ދުނިޔޭން، ކޮވިޑްގައި މަރުވާ އަދަދު ހުރީ އެވްރެޖް ގޮތެއްގައި ދުވާލަކު 7900ގަ އެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ އަދަދުތަކާ އަޅައި ބަލާއިރު، 46 ޕަސެންޓް ދަށް ނިސްބަތެކެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ އަދަދު ހުރީ ދުވާލަކު 14700ގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އެ އަދަދު ހުރީ ދުވާލަކު ގާތްގަނޑަކަށް 5000ގަ އެވެ.

ކޮވިޑް ބަލީގައި މުޅި ދުނިޔެ އިން މަރުވި މީހުންގެ އަދަދު އެއް މިލިއަނަށް އެރީ، މި ބައްޔަކީ ވަބާއެއް ކަމުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައެޅިތާ އެންމެ 191 ދުވަސް ފަހުން، ސެޕްޓެމްބަރު 18، 2020ގަ އެވެ. ކޮވިޑްގައި މަރުވި މީހުންގެ އަދަދު ދެ މިލިއަނަށް އެރީ، ފުރަތަމަ އެއް މިލިއަން ހަމަވިތާ 115 ދުވަސް ފަހުންނެވެ. އަދި ތިން މިލިއަނަށް އެރީ އޭގެ 88 ދުވަސް ފަހުންނެވެ. ހަތަރު މިލިއަން ހަމަވީ އޭގެ 89 ދުވަސް ފަހުންނެވެ.

ކޮވިޑްގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ، ހަތަރު މިލިއަން ކަމަށް ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ހިސާބުތަކުން ދެއްކި ނަމަވެސް، އެ އަދަދު އެއަށް ވުރެ މާ ބޮޑަށް އިތުރުވާނެ ކަމަށް، ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ. ސަބަބަކީ، ދެކުނު އޭޝިޔާ އާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގައި، ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ ފުރިހަމަ އަދަދުތައް، އެ ގައުމުތަކުގެ ރަސްމީ އިދާރާތަކުގައި ރެކޯޑް ކުރަމުން ނުދާތީ އެވެ.