08 ޖުލައި 2021 - 13:53

ލަންޑަން (ޖުލައި 8) - ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް، ޔޫރަޕަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. ކޮވިޑްގެ އާފާތުގެ ތެރެއިން ވެސް ޔޫރޯގެ އިންތިޒާމުތަކަށް ފުލު މާކުސް ހައްގުވެ އެވެ.

ޔޫރަޕްގެ 11 ސިޓީއެއްގައި ބޭއްވި މުބާރާތަކީ ދުނިޔޭގައި ބޭއްވި އެންމެ އުނދަގޫ މުބާރާތެވެ. ނަމަވެސް މުބާރާތް ފުރިހަމަ އެވެ. މުބާރާތުން ފެނުނު ހިތްގައިމު ކަންތައްތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ޝައުގުވެރިވި ވާހަކަ އަކީ ޔޫރޯގެ މެޗު ބޯޅަ އުފުލަން ބޭނުން ކުރާ މިނީ ރިމޯޓް ކާރެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި މުބާރާތުގެ ފުރަތަމަ މެޗު ފަށަން އެތައް މިލިއަން ބަޔަކު އިންތިޒާރު ކޮށްގެން ތިބިއިރު އެ ހުރިހާ އެންމެންގެ މޫނު މައްޗަށް ވެސް ހިނިތުންވުން ގެނައީ ބޯޅަ އުފުލައިގެން ދަނޑަށް އެރި ރިމޯޓް ކޮންޓްރޯލް ކާރެވެ. ކާރު ގޮސް ރެފްރީ ކައިރިއަށް މަޑުކޮށްލުމުން ރެފްރީ އެ ކާރުން ބޯޅަ ނެގުމުން އަލުން ދަނޑުން ފައިބައިގެންދާ މަންޒަރުވީ އެތައް ބަޔަކަށް ޝައުގުވެރި ކުރުވި މަންޒަރަކަށެވެ.
ބޯޅަ އުފުލާ ރިމޯޓް ކޮންޓްރޯލް ކާރު، ޔޫއެފާ އަށް ފޯރު ކޮށްދިނީ، ޔޫރޯގެ "މޯބިލިޓީ ޕާޓްނަރު" ޖަރުމަންގެ "ވޯލްކްސްވޭގަން" ކުންފުނިންނެވެ. އެއީ އޯޓޯ މޯބައިލް ސާމާނު އުފައްދާ ޔޫރަޕްގެ އެންމެ ބޮޑު ފެކްޓްރީ ހިންގާ ކުންފުންޏެވެ.
"ނޯމަލައިޒް މީނީ ކާރަކުން ބޯޅަ ހިފައިގެން ދަނޑުގައި ދުއްވަނީ،" އީއެސްޕީއެންގެ ޕްރެޒެންޓާ އާޑޯ އޯކަލް ޓްވިޓާގައި ލިޔެފައިވެ އެވެ.
"އަހަންނަކަށް ނޭނގެ މި މަންޒަރު ބަލަން ބޭނުން ވަނީ ކާކު ކަމެއް. އެކަމަކު ޔޫރޯ ބޯޅަ ޑެލިވަރީ ކޮށްދިނީ ރިމޯޓް ކޮންޓްރޯލް ކާރެއް،" އޮންލައިން ގޭމް ސްޓްރީމާ ޒުވީ ބެކް ބުނެފައިވެ އެވެ.
ބޯޅަ އުފުލަން ކާރެއް ބޭނުން ކުރުމަކީ ބައެއް މީހުންނަށް ކަމުދިޔަ ކަމެއް ނޫނެނެވެ.
މޭޓީ ހީވިޓް އަކީ، އިނގިރޭސި ވީލާތުގެ ސޯޝަލް މީޑިއާ ކޮންޓެންޓް ރައިޓާ އެކެވެ. އަދި އިނގިރޭސި ކްލަބު ސަންޑަލޭންޑްގެ ބޮޑު ސަޕޯޓަރެކެވެ. ބޯޅަ އުފުލައިގެން ދަނޑުގައި ކާރު ދުއްވަން އޭނާ އަށް ކަމަކު ނުދިޔަ އެވެ.
"ބަލާ! އަހަރެން ހުރީ ޔޫރޯ އަށް މުޅިން ހުސްވެގެން. އެކަމަކު މި ކާރު އެރުވި މަންޒަރު ފެނުނު ފަހުން އަހަންނަކަށް ކަމަކު ނުދިޔަ. މިކަން ހުއްޓާލާ،" ސޯޝަލް މީޑިއާގައި އޭނާ ލިޔެފައިވެ އެވެ.