08 ޖުލައި 2021 - 12:16

ޕެރިސް (ޖުލައި 8) - ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވި ސާޖިއޯ ރާމޯސް އަށް އޭނާގެ ފޭވަރިޓް ޖޯޒީ ނަންބަރު، ޕީއެސްޖީން އޭނާ އަށް ޓަކައި ހުސްކޮށްފި އެވެ.
ރާމޯސް މިހާރު ވަނީ ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޕީއެސްޖީ އަށް ސޮއިކޮށްފަ އެވެ. އެ ކްލަބުގައި ޖޯޒީ ނަންބަރު ހަތަރެއް ބޭނުން ކުރަމުން ދިޔައީ ޖަރުމަންގެ ޑިފެންޑަރު ތިލޯ ކޭރާ އެވެ. ކްލަބުގެ އެދުމުގެ މަތިން އޭނާ ވަނީ ހަތަރު ނަންބަރު ޖޯޒީ ރާމޯސް އަށް ޓަކައި ދޫކޮށްލަން އެއްބަސްވެފަ އެވެ.
"އަހަރެން ވަރަށް އުފާ ކުރަން ނަންބަރު ހަތަރެއް އަހަންނަށް ލިބޭތީ. އަހަރެން ގަބޫލު ކުރަނީ އެ ނަންބަރާ އަހަރެންނާ އާދަޔާ ހިލާފު ގުޅުމެއް ވާކަމަށް،" ޕީއެސްޖީގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ރާމޯސް ބުންޏެވެ.
"އަހަރެންގެ މުޅި ކެރިއާގައި އެ ނަންބަރު ބޭނުން ކުރަން. އަދި އެ ނަންބަރުގެ ސަބަބުން އަހަންނަށް ނަސީބު އެހީވާ ކަމަށް އަހަރެން ގަބޫލު ކުރަން. މިހާރު ނަންބަރު ހަތަރަކީ އަހަރެންގެ އަމިއްލަ ކެރިއާއާ ވެސް އަދި ޕްރޮފެޝަނަލް ކެރިއާއާ ވެސް ގުޅުން ހުރި ނަންބަރެއް."
ރާމޯސް ބުނީ، ޕީއެސްޖީ ކަހަލަ ކާމިޔާބު ކްލަބެއްގައި ހަތަރު ނަންބަރު ޖޯޒީ ބޭނުން ކުރަން ލިބުމަކީ އޭނާ އަށް ލިބޭ ހާއްސަ އުފަލެއް ކަމަށެވެ.
ނަންބަރު ހަތަރަކާ ގުޅުވައި ރާމޯސްގެ ބްރޭންޑެއް ވެސް ހިންގަ އެވެ. އޭނާގެ "އެސްއާރް 4" ބްރޭންޑް އަކީ ސްޕެއިންގެ ކުޅިވަރު އިންޑަސްޓްރީގައި މަޝްހޫރު ނަމެކެވެ.
ސްޕެއިންގެ ގައުމީ ޓީމުގައި ރާމޯސް ބޭނުން ކުރަނީ ނަންބަރު 15 އެވެ. މި ފަހަރުގެ ޔޫރޯ ސްކޮޑުން ރާމޯސް އަށް ފުރުސަތެއް ނުދެ އެވެ. ނަމަވެސް އޭނާ ބޭނުން ކުރި 15 ވަނަ ނަންބަރު ބޭނުން ނުކުރަން ގައުމީ ޓީމުގެ ކުޅުންތެރިން ނިންމި އެވެ. އަންނަ ސީޒަންގައި ބާސާ އަށް ބަދަލުވާ އެރިކް ގާސިއާ ބުނީ ގައުމީ ޓީމުގައި 15 ވަނަ ނަންބަރު ބޭނުން ނުކުރީ ކުޅުންތެރިން ރާމޯސް އަށް ކުރާ އިހްތިރާމުގެ ސަބަބުން ކަމަށެވެ.
ރެއާލް މެޑްރިޑަށް 16 އަހަރު ކުޅުމަށް ފަހު، މިދިޔަ މަހު ކޮންޓްރެކްޓް ހަމަވުމުން ރާމޯސް ނިންމީ ކޮންޓްރެކްޓް އާ ނުކުރުމަށެވެ. ޓީމުން ވަކި ވަމުން ބޭއްވި ފެއާވެލް ޕްރެސްގައި ރާމޯސް ބުނީ، މުސާރަ ކުޑަ ކޮށްގެންވެސް ރެއާލްއާ އެކު ކުރިއަށްދާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އޭނާ ބޭނުންވި އިރު އެ ކްލަބުގެ ހުށަހެޅުމެއް ނެތް ކަމަށް ބުންޏެވެ.