25 ނޮވެމްބަރ 2016 - 06:25

މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އެއް ފިލްމަކީ "ޑިއާ ޒިންދަގީ" އެވެ. ހުކުރު ދުވަހު ރިލީޒްކުރާ، ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ މި ފިލްމުގައި އާލިއާ ކުޅެނީ ގޮތް ހުސްވެ މާޔޫސްވެފައިވާ ޒުވާން އަންހެންކުއްޖެއްގެ ރޯލެވެ. ލައިފް ކޯޗެއްގެ ހައިސިއްޔަތުން އާލިއާގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭން ޝާހްރުކް މަސައްކަތް ކުރެ އެވެ.
މި ފިލްމުގައި ޝާހްރުކްގެ ރޯލު އެހާ ދިގު ނޫން ނަމަވެސް އޭނާގެ ރޯލު ވަރަށް މުހިންމެވެ. މި ފިލްމުގައި ބައިވެރިވާ އިތުރު އެކްޓަރުންގެ ތެރޭގައި އަލީ ޒަފަރް، ކުނާލު ކަޕޫރު އަދި އަންގަދް ބޭދީ ހިމެނެ އެވެ. މި ހުރިހާ އެކްޓަރުންގެ ރޯލު ވެސް ފިލްމުގައި މާ ދިގެއް ނޫނެވެ.
ފިލްމު އިންޑިއާގައި ރިލީޒްކުރަނީ ހުކުރު ދުވަހު ނަމަވެސް ހުޅަނގުގެ ގައުމުތަކުގައި މިހާރު ފިލްމު ވަނީ ރިލީޒްކޮށްފަ އެވެ. އަދި ފިލްމުގެ ފުރަތަމަ ރިވިއު ވެސް މިހާރު ވަނީ ކިޔުންތެރިންނާ ހަމައަށް އައިސްފަ އެވެ.
ވެބް ޕޯޓަލް ރިޕޯޓާ ޓައިމްސްގައިވާ މި ރިވިއުގައިވާ ގޮތުން "ޑިއާ ޒިންދަގީ" އަކީ އާލިއާ ބަޓް މިހާތަނަށް ކުޅުނު އެންމެ ރީތި ފިލްމެވެ. ފިލްމަކީ އާލިއާ އަށް ޚާއްސަ ފިލްމެއް ކަމަށާއި އޭނާގެ އެކްޓިން ހުނަރު ވެސް ވަރަށް ރަނގަޅަށް މި ފިލްމުން ފެނިގެން ދާކަމަށް މި ރިވިއުގައިވެ އެވެ.
މިއީ ޝާހްރުކްގެ ފޭނުންނަށް ޚާއްސަ ފިލްމެއް ކަމަށާއި އޭނާގެ ފޭނަކަށް ނުވިޔަސް ފިލްމުގައި އޭނާ ދޭ އަގުހުރި ނަސޭހަތްތަކަކީ މިހާރުގެ ޒުވާނުންނަށް ވަރަށް ބޭނުން ހިފޭނެ އިބްރަތްތެރި ވާހަކަތަކެއް ކަމަށް ވެސް މި ރިވިއުގައިވެ އެވެ.
ފިލްމުގެ ވާހަކައިގައި މާ ޝައުގުވެރިވާ ކަހަލަ ކަންތައްތަކެއް ނެތް ކަމަށް ބުނަމުން އެ ރިވިއުގައި ބުނެފައިވަނީ މިއީ މެދުފަންތީގެ އާއިލާއެއްގެ ޓީންއޭޖް އަންހެންކުއްޖަކަށް ދިމާވެދާނެ ކަހަލަ ހާދިސާތަކެއް ފެނިގެންދާ ފިލްމެއް ކަމަށެވެ. ފިލްމުގެ ބައެއް މަންޒަރުތައް މާބޮޑަށް ދިގު ދަންމާފައިވާ ކަމަށް ބުނެ ޝަކުވާ ކުރަމުން މި ރިވިއުގައި ޑައިރެކްޓަރަށް އިލްތިމާސް ކޮށްފައިވަނީ ފިލްމު އަމާޒުކުރާ އޯޑިއަންސަށް ވިސްނާލަން ޖެހޭނެކަމަށެވެ.