ދުބާއީ ބަނދަރުގައި އޮތް ބޯޓެއްގައި ބާރުގަދަ ގޮވުމެއް
ދުބާއީ ބަނދަރުގައި އޮތް ބޯޓެއްގައި ބާރުގަދަ ގޮވުމެއް

ދުބާއީ (ޖުލައި 8) - ދުބާއީ ބަނދަރުގައި އޮތް ކޮންޓޭނަރު އުފުލާ ބިޔަ އާގުބޯޓެއްގައި، ރޭ ދަންވަރު ބާރުގަދަ އެއްޗެއް ގޮވައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ދުބާއީގެ ޖަބަލް އަލީ ބަނދަރުގައި އަޅާފައި އޮތް ކޮންޓޭނަރު އުފުލާ ބޯޓުގައި އެއްޗެއް ގޮވި އަޑު، އެތައް ކިލޯމީޓަރެއްގެ ދުރަށް އިވުނުކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެތައް ކިލޯމީޓަރެއްގެ ދުރުގައި ހުރި އިމާރާތްތަކަށް ގުޑުން އެރިކަމަށާއި، އެއްޗެއް ގޮވުމާ އެކު ބިޔަ އަލިފާން ބޯޅައެއް ގޮތަށް ހުޅުގަނޑު ވަރަށް މައްޗަށް އަރައިގެން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

ބޯޓުގައި ބާރު ގަދަ އެއްޗެއް ގޮވުމާ އެކު، ބޯޓުގެ ތައްޓު މަތީގައި އަލިފާން ރޯވި އެވެ. އެ އަލިފާންގަނޑު ނިއްވައިލީ ބޯޓުގެ ފަޅުވެރިންނާއި ދުބާއީގެ އަލިފާން ނިއްވާ އިދާރާގެ މުވައްޒަފުން ކުރި މަސައްކަތުންނެވެ. މާ ގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ނިއްވައިލެވުނު ކަމަށް، ދުބާއީގެ އަލިފާން ނިއްވާ އިދާރާ އިން ބުންޏެވެ.

ދުބާއީ ސަރުކާރުން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ވެސް ނުލިބެ އެވެ. މި ހާދިސާގައި އެ ބޯޓުގައި ގޮވީ ކޮން އެއްޗެއް ކަމެއް އަދި އެ އެއްޗެއް ގޮވީ ކީއްވެގެން ކަމެއް ވެސް ދުބާއީ ސަރުކާރުން ނުބުނެ އެވެ.

ޖަބަލް އަލީ ބަނދަރަކީ ދުނިޔޭގެ ކަނޑުގެ ބަނދަރުތަކުގެ ތެރެއިން ކާރުބާރު އެންމެ ބޮޑު އެއް ބަނދަރެވެ. އަދި މިއީ ދުނިޔޭގައިވާ އެންމެ ބޮޑު ކަނޑުގެ ބަނދަރެވެ. މި ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ޖަބަލް އަލީ ފްރީ ޒޯންގައި ދުނިޔޭގެ އެކި ގައުމުތަކުގެ 8،000 ކުންފުންޏެއްގެ ގޮފިތައް ހުޅުވައި މުދާ އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމުގެ ވިޔަފާރި ހިންގަ އެވެ. މިއީ މެދުއިރުމަތީގެ އެންމެ ބޮޑު މިނިވަން ވިޔަފާރީގެ ސަރަހައްދެވެ.