08 ޖުލައި 2021 - 11:26

ލިވަޕޫލް (ޖުލައި 8) - ޗެމްޕިއަންސް ލީގުގެ 2019 ގެ ސެމީ ފައިނަލުގައި އެފްސީ ބާސެލޯނާ ބަލި ކުރަން ލިވަޕޫލަށް އެހީވި ބޯލް ބޯއީ އޯކްލީ ކާނޮނިއާ، އޭނާގެ ޕްރޮފެޝަނަލް ފުރަތަމަ ކޮންޓްރެކްޓާ އެކު ލިވަޕޫލަށް ސޮއިކޮށްފި އެވެ.

އޯކްލީ ކާނޮނިއާ މަޝްހޫރުވީ ލިވަޕޫލްގެ "ހީރޯ" އެއްގެ ގޮތުގަ އެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސާގެ ކޭމްޕް ނޯ ސްޓްޑިއަމްގައި ލިވަޕޫލް ބަލިވީ 3-0 އިންނެވެ. ދެ ވަނަ ލެގުގައި 4-0 އިން އެންފީލްޑުގައި ލިވަޕޫލް މޮޅު ކޮށްދިނުމުގައި، އެ ޓީމުގެ ހަތަރު ވަނަ ލަނޑު އެލެގްޒެންޑާ އާނޯލްޑް ނެގި އަވަސް ކޯނަރުން ޑިވޯކް އޮރީގީ ޖެހުމުގައި ބޯލްބޯއީއެއްގެ ގޮތުގައި އޯކްލީ ކާނޮނިއާގެ ދައުރު ބޮޑެވެ. އޭނާ ވަނީ އަވަސް އަވަހަށް އާނޯލްޑް އަށް ބޯޅަ ދީފަ އެވެ.

ބާސާގެ ކުޅުންތެރިން ނުވިސްނައި ތިއްބައި ލިވަޕޫލުން ލަނޑު ޖެހުމުގައި ބޯލް ބޯއީގެ އަވަސް ހަރަކާތުން ދިން ބޯޅަ ލަނޑު ޖެހުމަށް ބޮޑު އެހީއަކަށްވި އެވެ. އޭރު އުމުރުން 14 އަހަރުގެ ބޯލް ބޯއީ އަކީ މިހާރު ލިވަޕޫލްގެ ޕްރޮފެޝަނަލް ކޮންޓްރެކްޓް ހޯލްޑް ކުރާ ކުޅުންތެރިޔެކެވެ.
ލީޑުސް އެކެޑެމީން ލިވަޕޫލްގެ އެކެޑެމީ އަށް ބަދަލުވި އޯކްލީ ކާނޮނިއާ، 17 ފާހަގަކުރެވިފައި ވަނީ ފުޓްބޯޅައިގެ އުންމީދީ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އުމުރު ފުރާގެ ގައުމީ ޓީމުގައި އިންގްލެންޑަށް ވެސް ކުޅުނު އޯކްލީ ކާނޮނިއާ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލުގެ 18 އަހަރުން ދަށުގެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ބާސާ އާއިި ލިވަޕޫލުގެ މެޗުގައި އޯކްލީ ކާނޮނިއާ އާދާކުރި ދައުރާ ބެހޭގޮތުން ޓެލެގްރާފް ނޫހުގައި ލިޔެފައި ވަނީ، ކާނޮނިއާ އަކީ ޔާގަން ކްލޮޕްގެ ކޯޗު ކަމުގެ ދަށުން ކުޅުމުގެ ކުރިން ވެސް އޭނާގެ އިރުޝާދުގެ ދަށުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މެޗުގެ ހިލޭ ޖެހުންތަކާއި ޑެޑް ބޯލްތަކުގައި ވީ އެންމެ އަވަހަށް ބޯޅަ ފޯރުކޮށް ދިނުމަށް ބޯޅަ ހޮވާ ހުރިހާ ކުދިންނަށް ކްލޮޕް އިރުޝާދު ދީފައިވެ އެވެ.