08 ޖުލައި 2021 - 11:49

ވޯކް ޕާމިޓުގައި ދެކުނު އޭޝިއާއިން ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީން ވާން ޖެހޭ މުއްދަތު ހަތް ދުވަހަށް ކުރުކޮށްފި އެވެ.
ދެކުނު އޭޝިއާގެ ވޯކް ޕާމިޓު ހޯލްޑަރުންނަށް އިއްޔެއިން ފެށިގެން ރާއްޖެ އާދެވޭ ގޮތް ވަނީ ހަދައިފަ އެވެ. ނަމަވެސް އެ ގައުމުތަކުން ރާއްޖެ އާދެވޭނީ 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއަކާ އެކުގަ އެވެ. ރާއްޖެ އައިސް ކަރަންޓީން ވާން ޖެހޭނީ އެ މީހަކު ގެންނަ ކުންފުންޏަކުން ނުވަތަ އެޗްޕީއޭއިން ކަނޑައަޅާފައިވާ ތަނެއްގަ އެވެ.
ވޯކް ޕާމިޓު ހޯލްޑަރުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މީހުން ރާއްޖެ އައިސް 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ.
އެޗްޕީއޭ އިން ވަނީ ދެކުނު އޭޝިއާގެ ވޯކް ޕާމިޓު ހޯލްޑަރުން ކަރަންޓީނުވާން މިހާތަނަށް ތިން ގެސްޓުހައުސެއް ހަމަޖައްސައިފަ އެވެ. އެއީ މާލޭގެ "ބީހައިވް" ހޮޓަލާއި "ތްރީ އިން" އާއި ހުޅުމާލޭގެ "ވައިޓް ހާޕް" އެވެ.
ވޯކް ޕާމިޓުގައި ރާއްޖެ ދަތުރު ކުރާ މީހުން ރާއްޖެ އައުމަށްފަހު 48-72 ގަޑިއިރު ތެރޭގައި އިތުރު ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމުމުން ވެސް ޓެސްޓު ހައްދަން ޖެހޭނެ އެވެ. މި ޓެސްޓުތަކަށް ހަރަދުކުރަން ޖެހޭނީ އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހާ ގެންނަ ކުންފުންޏަކުންނެވެ.
މީގެ އިތުރުން ކަރަންޓީން ވާ ތަނަށް ދިއުމަށާއި ކަރަންޓީނުގެ މުއްދަތުގެ ހުރިހާ ހަރަދެއްވެސް ކުރަން ޖެހޭނީ އެމީހާ އަމިއްލައަށް ނުވަތަ އެ މީހާ ގެންނަ ކުންފުނިންނެވެ.
ރާއްޖެއަށް ދެކުނު އޭޝިއާއިން މީހުން އައުން މަނާ ކުރީ އެ ގައުމުތަކުގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރޭތީ މިދިޔަ މެއި މަހުން ފެށިގެންނެވެ. މި މަހުގެ 15އިން ފެށިގެން އެ ސަރަހައްދުގެ ޓޫރިސްޓުންނަށް ވެސް ރާއްޖެ ހުޅުވާލާނެ އެވެ. ނަމަވެސް މަސް ނިމެންދެން ދެކުނު އޭޝިއާގެ ޓޫރިސްޓުން ގެސްޓުހައުސްތަކަށް ދިއުން މަނާ ވާނެ އެވެ.