ކުދިންނަށް ވަގުތު ދީ، ބަސްނާހައޭ ބުނާނީ އޭގެ ފަހުން
ކުދިންނަށް ވަގުތު ދީ، ބަސްނާހައޭ ބުނާނީ އޭގެ ފަހުން

އަށް އަހަރުގެ މާކިން އިނީ ޓެބްލެޓް ހިފައިގެން ގޭމެއް ކުޅޭށެވެ. ގާތުގައި މާކިންގެ މާމަ ޓީވީގެ އަޑު ބާރުކޮށްލައިގެން ރޭގަނޑު އަށެއްގެ ހަބަރު ބަލަން އިނެވެ. އެ ވަގުތު ދެން ގެއަށް އައިސް އެ ވަނީ މާކިންގެ ބައްޕަ، ޝާވިން އެވެ. އޭރު ވެސް ޝާވިން ހުރީ ފޯނެއްގަ އެވެ. ދަރިފުޅު އިންކަން ފާހަގަ ނުވީ ކަމަށް ވެސް ވެދާނެ އެވެ. ގޭތެރެއަށް ވަދެގެން އައިގޮތަށް ކޮޓަރި އަށް ވަދެ އެ ލެއްޕީ ދޮރެވެ. މާކިންގެ މަންމަ އެ ވަގުތު ތައްޔާރުވަމުން އައީ ޖިމަށް ދާށެވެ.

ކުދިންނަށް ވަގުތު ދީ، ބަސްނާހައޭ ބުނާނީ އޭގެ ފަހުން
ކުދިންނަށް ވަގުތު ދީ، ބަސްނާހައޭ ބުނާނީ އޭގެ ފަހުން

މިއީ ކުރު ވާހަކައެއް ނޫނެވެ. އެކަމަކު މިއީ ރާއްޖޭގެ ވަރަށް ގިނަ ގޭގެ އިން މިހާރު އާންމުކޮށް ފެންނާނެ އެއް މަންޒަރެވެ.

ދަރިންގެ އުޅުން ތަފާތުވާ ހިސާބުން މައިން ބަފައިންގެ ރުޅި ފުރަތަމަ ވެސް އަމާޒު ވަނީ ކުއްޖާ އަށެވެ. އެކަން އެހެންވާން މެދުވެރިވަނީ ކީއްވެގެން ކަމާ މެދު ވިސްނަން ވެސް، ބައެއް މައިންބަފައިން ގިނަ ފަހަރު ބޭނުން ނުވާ ކަހަލަ އެވެ. އެކަމަކު ހަގީގަތަކީ ކުދިންގެ އުޅުން ތަފާތުވުމުގައި ބެލެނިވެރިންގެ ފަރާތުން ހެދޭ ގޯސްތައް ބޮޑު ހިއްސާއެއް އަދާކުރާ ކަމެވެ. ދަރިންނާ އެކު އެކަށީގެންވާ ވަގުތު ހޭދަ ނުކުރެވުމަކީ އޭގެ ތެރެއިން އެންމެ ބޮޑު އެއް ގޯހެވެ.

ދަރިންނާ އެކު ވަގުތު ހޭދަކުރަން މައިންބަފައިންނަށް ދަތިވާ މައިގަނޑު އެއް ސަބަބެއް ކަމުގައި ބެލެވެނީ އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތުގައި މާ ބޮޑަށް ބިޒީ ވުމެވެ. މިހާރަށް ބަލާއިރު އާމްދަނީ ހޯދުމަށްޓަކައި ދެމަފިރިން ވަޒީފާ އަށް ދިއުމަކީ އެންމެ އާންމުކޮށް ފެންނަ އެއް މަންޒަރެވެ. ދެމަފިރިން ވަޒީފާ އަށް ދިއުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އޭގެ ސަބަބުން ދަރިންނަށް ދޭންޖެހޭ ވަގުތާއި، އަޅާލުން ނުދެވި އެ ކުދިންގެ އުޅުމަށް ނޭދެވޭ ބަދަލު އަންނަ ހިސާބަކީ އެކަން މައްސަލައަކަށްވާ ހިސާބެވެ. އޭގެ ސަބަބުން ކުރިމަތިވާ ގެއްލުން ކުޑަކުރަން އެ ހިސާބުން ފެށިގެން މަސައްކަތްކުރުން ވަރަށް މުހިއްމެވެ.

ލިބޭ ހުސް ވަގުތުކޮޅު ވެސް، ދަރިންނަށް ވަގުތު ނުދީ އެހެން ކަންކަމުގައި މައިންބަފައިން ވަގުތު ހޭދަކުރާތަން ފެންނަނީ މަދަކުން ނޫނެވެ. ގިނަ ފަހަރަށް މުޅި އާއިލާ އޮންނަނީ ސޯޝަލް މީޑިއާ އަށް ގެނބިފަ އެވެ. މަސައްކަތުގެ ރަސްމީ ގަޑީގެ ފަހުން އޮންނަ އޮންލައިން ބައްދަލުވުންތަކަކީ ވެސް ހުރަހެކެވެ. ފުޓްބޯޅަ މެޗްތަކާއި ސީރީޒްތަކުން ބައެއް ބެލެނިވެރިންގެ ވަގުތު އޮންނަނީ ފުރިފަ އެވެ. އޭރު ކުދިން ވެސް ގިނަ ފަހަރު ތިބެނީ ކޮންމެވެސް ޑިވައިސްއެއްގައި ޖެހި އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިފަ އެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން ލިބޭ އެންމެ ބޮޑު ގެއްލުމަކީ މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވުމެވެ. މި ގުޅުން ހީނަރުވުމުން ކުދިންނަށް މައިންބަފައިން ދައްކާ ވާހަކައިގެ މުހިއްމުކަން ކުޑަވެ އެވެ. ކުދިންގެ ވާހަކަތައް އަޑުއަހާނެ ވަގުތު މައިންބަފައިންނަށް ނުދެވުނީމަ އެވެ. ކުދިންގެ ކަންކަމަށް ވުރެ އެހެން ކަންކަން މައިންބަފައިންނަށް މުހިއްމުވާ ކަން އެ ކުދިންނަށް އިހްސާސްކުރެވުނީމަ އެވެ. އެ ހިސާބުން ދެން ކުދިން ހޯދަން ފަށަނީ އެ ކުދިންނަށް ސަމާލުކަންދޭނެ ކޮންމެވެސް އެހެން މީހެކެވެ. ބައެއް ކުދިން ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އަނެއް ބައި ކުދިން ނުކުންނަނީ މަގުމައްޗަށެވެ. މިއީ، ދަރިން ގޯސް މަގުން ހިނގަން އަޅާ ފުރަތަމަ ފިޔަވަޅެވެ. އެކަމަކު ރަނގަޅު މީހަކާ ދިމާވެއްޖެ ނަމަ އެއީ ކުއްޖާގެ ނަސީބެވެ.

މައިންބަފައިންނާ ދަރިންނާ ދެމެދު ދެއްކޭ ވާހަކަ މަދުވެ ކުދިން ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތު ގިނަވެއްޖެ ނަމަ ދެން ނުކުންނަ އަނެއް ނުރަގަޅު ނަތީޖާ އަކީ ކުދިންގެ ކިބައިގައި ހަރުލާންޖެހޭ އިޖްތިމާއީ ހުނަރުތައް އަށަނުގަތުމެވެ. ކުދިން ހެދިބޮޑުވަމުން އަންނައިރު ވާހަކަދެއްކުމާއި، އެހެން މީހުންނަށް ސަމާލުކަން ދިނުން ފަދަ ކަންކަމަށް ސްކްރީންއާ އެކު ހޭދަކުރާ ވަގުތު ގިނަވުމުގެ ސަބަބުން އުނިކަން ލިބެ އެވެ.

ރަނގަޅަށް މުއާމަލާތުކުރަން ދަސް ނުވުމަކީ ކުދިންގެ ކިޔެވުމާއި، އެހެން ކުދިންނާ ގުޅިގެން އުޅުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުދިންނަށް ކުރިމަތިކުރުވާ ކަމެކެވެ. މި ގޮންޖެހުންތަކާ އެކު ކުދިންނަށް ދެން ކުރިމަތިވަނީ ހާސްކަމާއި، ރުޅި އެވެ. އިހްތިޔާރުކުރަނީ އެކު އުޅުމުގެ ބަދަލުގައި އެކަހެރިވުމެވެ. ނޭނގުމެއްގެ ތެރޭގައި ނަމަވެސް ކުޑަކޮށްލެވެނީ އެހެން ކުދިންނަށް ކުރަންޖެހޭ އިހްތިރާމެވެ. އެހެން ކުދިންނާ އެކު އުޅޭއިރު ދަރިންގެ ފަރާތުން މައިންބަފައިން ބޭނުން ނުވާ އެތައް ކަމެއް ފެންނަނީ އެ ސަބަބުތަކާ ހުރެ އެވެ.

ދަރިންގެ އަތްމައްޗަށް މައިންބަފައިން ފޯނާއި، އައިޕެޑް ނުވަތަ ޓެބްލެޓް ފަދަ ތަކެތި ދޫކޮށްލާ މައިގަނޑު އެއް ސަބަބަކީ ކުދިން ފޫހިވެގެން އުޅުނަ ނުދިނުމެވެ. ވަކިން ހާއްސަކޮށް ކޮވިޑާ ގުޅިގެން ކުދިންނަށް ބޭރަށް ދެވެން އޮތް ފުރުސަތުތައް މަދުވުމުން ގިނަ މައިންބަފައިންނަށް އެކަން ނުކޮށްވެސް ފަރަކު ނުޖެއްސުނެވެ.

ކުރިން ވެސް ފާހަގަކުރިހެން ސްކްރީން ޓައިމް ގިނަ ވުމަކީ މައްސަލައެކެވެ. އެކަމަކު އެކަން އިތުރަށް ގޯސްވަނީ ސްކްރީނުން ކުދިން ބަލާ މަންޒަރާއި އިވޭ އަޑުތައް ކުދިންގެ އުމުރާ ގިނަ ފަހަރަށް ނުގުޅޭތީ އެވެ. އެ އާއެކު ކުދިން ދަސްކުރަނީ އެ ކުދިން ބަލާ ވީޑިއޯތަކުން ފެންނަ މީހުން އުޅޭ ގޮތަށް އުޅޭށެވެ.

ވާހަކަދެއްކުން ވެސް ބައްޓަންކުރަން ފަށަނީ އެ ސްޓައިލަށެވެ. ޖަޒްބާތުތައް ކޮންޓްރޯލް ނުކުރެވުމުން ދެން ހަދަންވީ ގޮތް ވެސް ދަސްކުރަނީ އެއިންނެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އަތް އިސްކުރުމާއި، ބޭއަދަބީ ބަސް ބޭނުންކުރުމަކީ ވަރަށް ގިނަ ކުދިން ޝައުގުވެރިވާ ގޮތަށް ހަދާފައިހުންނަ ވީޑިއޯ ތަކުން ފެންނަ ކަންކަމެވެ. މިހިރީ ހައްތާ ވެސް ކުދިންގެ އުޅުން ތަފާތު ވުމުގެ ފަހަތުގައިވާ ސަބަބުތަކެވެ. މިހުރިހާ ކަމެއް ބަދަލުކޮށްލަން އަޅަން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ދަރިންނަށް ވަގުތު ދިނުމެވެ.

ދަރިން ތަރުބިއްޔަތުކުރުމުގެ ވާހަކަދެކެވޭ އިރު ވަރަށް އާންމުކޮށް ބޭނުންކުރާ ބުނުމެއް އޮވެ އެވެ. މައިންބަފައިންގެ ފަރާތުން ދަރިންނަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާ އަކީ އެ ކުދިންނާ އެކު ވަގުތު ހޭދަކުރުމެވެ.

ދަރިންނާ އެކު ފައިދާ ހުރި ވަގުތު ހޭދަކުރުމުގެ ގޮތުން ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ކުދިންގެ ހޯމް ވޯކް ހެދުމާއި، ކިޔެވުމާ ގުޅުންހުރި އެހެން ކަންކަމުގައި އެހީތެރިވެދިނުމަކީ ކުރުން ހަމަ އެންމެ ރަނގަޅު އެއް ކަމެވެ. ވަކިން ހާއްސަ ގޮތެއްގައި ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ކުދިންގެ މައިންބަފައިންނަށް މިކަމުން ރަނގަޅު ނަތީޖާއެއް ނެރުމުގެ ފުރުސަތު ބޮޑެވެ. ދިރާސާތަކުން ފެންނަންހުރި ގޮތުގައި އެ އުމުރުފުރާގެ ކުދިންގެ ހޯމް ވޯކް ހެދުން ފަދަ، ކިޔެވުމާ ގުޅުންހުރި ކަންކަމުގައި ސީދާ ގޮތުން މައިންބަފައިންގެ އެހީތެރިކަން ލިބޭ ނަމަ ކުދިންގެ ތައުލީމީ ނަތީޖާ ރަނގަޅުވުން ގާތެވެ.

ދަރިންނާ އެކު ފޮތެއް ކިޔާލުން، ކުދިން ބައިވެރިކޮށްގެން ކާއެއްޗެއް ހެދުން، ބާޒާރުކޮށްލަން ދިއުން ފަދަ ކަންކަމުގައި ހޭދަކުރެވޭ ވަގުތަކީ ވެސް ފައިދާ ހުރި ވަގުތެވެ. މަންމަ އަންހެން ދަރިފުޅާ އެކު ގޭގައި ނަމާދުކުރާއިރު، ބައްޕަ އަށް ފިރިހެން ދަރިފުޅު ގޮވައިގެން މިސްކިތަށް ދެވިދާނެ އެވެ. ކޮންމެ ދުވަހަކު މަދުވެގެން ކޮންމެވެސް އެއް ވަގުތަކީ އެކީގައި ކާ ވަގުތަކަށް ވެސް ހެދިދާނެ އެވެ. ދަރިންނާ އެކު ގޭމެއް ކުޅުން ނުވަތަ ފިލްމެއް ބަލާލުން ފަދަ ކަމެއް ވެސް ކުރެވިދާނެ އެވެ. ކުދިންނާ އެކު ސަކަރާތްޖަހައި މަޖާ ވެސް ކުރަންވީ އެވެ.

މިއިން ކޮންމެ ކަމެއް ކުރިއަސް ހަނދާން ބަހައްޓަންޖެހޭ ވަރަށް މުހިއްމު ކަމެއް އެބައޮތެވެ. މިކަންކަމަށް ކުދިންނާއެކު ހޭދަކުރާ ވަގުތަކީ އެ ކުދިންނަށް އެކަނި ހާއްސަކުރާ ވަގުތަކަށް ހެދުމެވެ. ހޯމް ވޯކް ހަދައިދޭން ކުއްޖާގެ ގާތުގައި އިނދެ ފޭސްބުކް ނުވަތަ ވައިބަ ސްކްރޯލް ކުރުމަކުން މަގްސަދު ހާސިލެއް ނުވެ އެވެ. ކުދިންނާއެކު ކާން އިށީންނަ ވަގުތަކީ ފޯނުން ނޫސްކިޔާ ގަޑިއަށް ހަދައިފި ނަމަ މައިންބަފައިން އެ ތަނުގައި ހަމަ ނެތް ފަދަ އެވެ. ދަރިންނާ އެކު ގޭމެއް ކުޅެން ނުވަތަ ފިލްމެއް ބަލަން އިންނަ ވަގުތު ފޯނުން އެހެން މީހަކާ ވާހަކަދެއްކާ ނަމަ އެއީ ދަރިންނަށް ހުސްކުރި ވަގުތެއް ކަމުގެ އިހުސާސެއް އެ ކުދިންނަކަށް ނުކުރެވޭނެ އެވެ.

ދަރިންނާ އެކު ހޭދަކުރެވޭ ވަގުތު ފައިދާ ހުރި އެއްޗަކަށް ވާނީ އެ ވަގުތުގެ ތެރޭގައި ބެލެނިވެރިޔާ އާއި ދަރިންނާ ދެމެދު ރަނގަޅަށް ވާހަކަދެކެވޭ ނަމަ އެވެ. ދަރިން ދައްކާ ވާހަކަ އަށް ފުރިހަމައަށް އިޖާބަ ދޭކަން އެ ކުދިންނަށް އިހްސާސްކުރެވޭ ނަމަ އެވެ. ދަރިންނާ އެއްގޮތަށް ބެލެނިވެރިން ވެސް ޝައުގުވެރިކަމާ އެކު އެ ވަގުތު ހޭދަކުރާ ނަމަ އެވެ. މިކަންކަން މިގޮތަށް ހިނގާ ނަމަ ދަރިންގެ ވާހަކަތަކަށް ބެލެނިވެރިން ސަމާލުކަންދޭކަން ދަރިންނަށް އިހްސާސްކުރެވޭނެ އެވެ.

ވަގުތު ހޭދަކުރުމަކީ މައިންބަފައިންނާ ދަރިންނާ ދޭތެރޭ އޮތް ގުޅުން ރަނގަޅު ކުރުމަށް އެންމެ ރަނގަޅު ފަރުވާ އެވެ. ދަރިން ރަނގަޅު ގޮތުގައި ބޮޑު ކުރުމަށް ވެސް، އެއަށް ވުރެ މުޖައްރިބު ބޭހެއް ނެތެވެ.

އެޑިޓަރުގެ ނޯޓް: އަބްދުﷲ އަޝްރަފަކީ، ސައިކޮލޮޖީން ބެޗެލާސް ޑިގްރީ އަދި ސޯޝަލް ޕޮލިސީން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތާ ގުޅޭ ދާއިރާގައި މިހާތަނަށް 14 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާއިރު، އިޖުތިމާއީ މައްސަލަތަކުގައި އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވައިފަ އެވެ. މި ދާއިރާ އިން އޭނާގެ ލިޔުއްވުންތައް "މިހާރު"ގައި ދެން ސިލްސިލާކޮށް ޝާއިއުކުރަމުން ގެންދާނެ އެވެ.