ފުރައްސާރަ އާއި ބުލީ ނުކުރަން ވަކީލުންނަށް ބާ ކައުންސިލުން އަންގައިފި
ފުރައްސާރަ އާއި ބުލީ ނުކުރަން ވަކީލުންނަށް ބާ ކައުންސިލުން އަންގައިފި

ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްރައިވެޓް ގުރޫޕްތަކުގައި ގާނޫނީ ވަކީލުން އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކުރުމާއި ބުލީ ކުރުމުގެ މައްސަލަތައް އިތުރުވަމުން ދާތީ، އެކަން އެ ގޮތަށް ނުކުރުމަށާއި ވަކީލުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އާންމު ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ބާ ކައުންސިލުން މިރޭ އިލްތިމާސްކޮށްފި އެވެ.

ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ގާނޫނީ ދާއިރާގައި އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދިނުމަށް ހުރަސްއެޅެމުން ދާތީ މިކަމާ މެދު އެ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ. އަދި އެ ކައުންސިލްގެ އިލްތިމާސަކީ ހުރިހާ ވަކީލުން ވެސް މިފަދަ އަމަލުތަކުން ދުރުވެ ތިބުމަށް ކަމަށް ބުނެފައިވެ އެވެ.

ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވަކީލުން ވާތީ، އާންމު ސުލޫކީ މިންގަނޑު ހިފެއްހެޓުމަށާއި މީހުންގެ ހައްގަށް އިހުތިރާމުކުރުމަށާއި އަދި ނަޒާހަތްތެރިވާން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

"... ވަކީލުންގެ މަސައްކަތާ ގުޅުން ހުރި ކަންކަމުގައި ސޯޝަލް މީޑިއާ، އަދި އެ ނޫން ވެސް ޕަބްލިކް ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވާއިރު، ގާނޫނީ ވަކީލުން އަމަލު ކުރަންޖެހޭ މިންގަނޑުތައް ހިފަހައްޓައި ގާނޫނީ ފަންނުގެ މިންގަނޑުތަކަށާއި ގާނޫނާއި ގަވާއިދަށް ހާއްސަ ސަމާލުކަމެއް ބެހެއްޓުމަށް އެންމެހާ ގާނޫނީ ވަކީލުންނަށް ހަނދާންކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.

އެއްވެސް ގާނޫނީ ވަކީލަކަށް، ގާނޫނީ ހިދުމަތް ދިނުމަށް ހުރަސްއެޅޭ ބާވަތުގެ ފުރައްސާރަކުރުމާއި ބުލީ ކުރުމާއި ކުރިމަތިލާންޖެހިފައިވާ ނަމަ އެކަން ލަސްނުކޮށް ބާ ކައުންސިލުގެ ސަމާލުކަމަށް ގެންދިއުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.