07 ޖުލައި 2021 - 23:24

ހަމައެކަނި ޖެންޑާ މިނިސްޓްރީން މަސައްކަތްކޮށްގެން ގެވެށި އަނިޔާ ނުހުއްޓުވޭނެ ކަމަށާއި މިކަން ހައްލުކުރެވޭނީ ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާތަކުން ވެސް މީހުން ހޭލުންތެރިކުރުމަށް އިސްނަގައިގެން ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ފަޒްނާ މިހެން ވިދާޅުވީ ޔޫއެންއެޕްޕީއޭ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ގެނެސްދެމުން އައި ގެވެށި ގުޅުން "ސާސްތުރަ" ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އެކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަމާ ބެހޭ ގޮތުން ފަޒްނާ ވިދާޅުވީ އެމީހުންނަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތްތަކެއް ފަހިވާންޖެހޭ ކަމަށެވެ.
"ދަރިފުޅަށް ހަރަދު ނުދިނުމުން ދާންވީ ކޮންތާކަށްތޯ، ފުރަންވީ ކޮންފޯމެއްތޯ، ފޯމް ފުރަންވީ ކިހިނެތްތޯ، ނޫން ނަމަ ޖިންސީ ގޯނާ ނޫނީ ރޭޕްގެ މައްސަލައެއް ނަމަ ފުލުހުންނާއި ހޮސްޕިޓަލުން އަމަލުކުރަން އޮންނަނީ ކިހިނެއްތޯ އާއި މިފަދަ މައުލޫމާތު މީހުންނަށް އެނގޭނެހެން ސަޕޯޓް ސިސްޓަމް ވަރުގަދަ ކުރެވިއްޖެ ނަމަ އެމީހުން ބާރުވެރިވުމުގެ ފުރުސުތު ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ވެސް ވިދާޅުވޭ،" ފަޒްނާ ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކީ މިނިސްޓްރީން އެކަނި ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ. ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކުން ވެސް މިފަދަ މައުލޫމާތު ފޯރުކޮށްދީ އެހީތެރިވުން މުހިންމު."
ސާސްތުރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ގައުމީ ކެމްޕެއިންގެ ދަށުން، ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށްވާ، ގެވެށި އަނިޔާއާ ގުޅޭގޮތުން ހޭލުންތެރިކުރުމަށާއި މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ބާރުވެރިކުރުމުގެ މަގުސަދުގައި ގެނެސްދޭ ސިލްސިލާ ޕްރޮގްރާމެކެވެ.