07 ޖުލައި 2021 - 22:44

ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުނުވާ މީހުން، ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު ތިން ހާހަށް ވުރެ ދަށްވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،932 އެވެ. ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި 74،724 މީހުންގެ ތެރެއިން 61 ޕަސެންޓް މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އިއްޔެ އިރުއޮއްސި 6:00 އާއި މިރޭ އިރުއޮއްސި 6:00 އާއި ދެމެދު ނެގި 4،745 ސާމްޕަލްގެ ތެރެއިން ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 139 މީހުންނެވެ. އެއީ މާލެއިން 26 މީހުން، ރަށްރަށުން 81 މީހުން، ރިސޯޓުތަކުން އަށް މީހުން، ސަފާރީތަކުން ދެ މީހުން، އަދި ހަދަމުންދާ ރަށްރަށުން 22 މީހުންނެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރެވި ކޭސްތައް ދަށަށް ދާން ފެށުމާ އެކު އެޗްޕީއޭ އިން ވަނީ ލުއިތައް ދޭން ފަށައިފަ އެވެ. އޭގެ ތެރޭގައި މާލޭގެ ކާފިއު މާދަމާ އިން ފެށިގެން އުވާލުމާއި ރޭގަނޑު 11:30 ވަންދެން ފިހާރަތައް ހުޅުވަން ހުއްދަ ދިނުމާއި، ކެފޭ އަދި ސިނަމާ ފަދަ ތަންތަން ހުލުވަން ހުއްދަ ދިނުން ހިމެނެ އެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ 14 ދުވަސްތެރޭ މޮނިޓަރިންގެ ހާލަތުގައިވާ ރަށްތައް ފިޔަވައި އެއް ރަށުން އަނެއް ރަށަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތްވެސް ވަނީ ހަދައިފަ އެވެ.