އުރީދޫ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނެއްލައިދު އަށް
އުރީދޫ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނެއްލައިދު އަށް

އުރީދޫގެ ސުޕަނެޓުގެ ހިދުމަތް ހދ. ނެއްލައިދު އަށް މިއަދު ތައާރަފުކޮށްފި އެވެ.

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ޑިޒައިންކޮށްފައިވާ ހަލުވި ސްޕީޑްގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ނެއްލައިދު އަށް މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން އުރީދޫން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން އެ ރަށުން އެންމެ ފުރަތަމަ މި ހިދުމަތް ހޯދާ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސަންސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން ޔޫރޯ 2020އާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ "ނެޓް ހެޔޮ" ޕްރޮގްރާމުގެ ދަށުން އުރީދޫން ގެނައި ބަދަލާއެކު އެއީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް ހިމެނޭ ނެޓްވޯކު ކަމަށެވެ. އެހެންކަމުން މި ޕެކޭޖުތަކުގެ ފައިދާ ވެސް ނެއްލައިދޫ ރައްޔިތުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕަނެޓުގެ ހިދުމަތް ނެއްލައިދުއަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު އެ ރަށުގެ ރައްޔިތުންނަށް ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް، ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ވަނީ "ނެޓް ހެޔޮ" ޕްރޮގްރާމުގެ ދަށުން ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ގެނައި ބަދަލާއެކު ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓް އިތުރު ޑޭޓާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގައި ބޭނުން ކުރެވޭގޮތަށް ވެސް އުރީދޫން ވަނީ ޕެކޭޖުތަކަށް ބަދަލު ގެނެސްފަ އެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.