ކަރަންގެ ފިލްމުގައި ދަރޭ އާއި ޖަޔާ އަކީ ދެ ބައިވެރިން
ކަރަންގެ ފިލްމުގައި ދަރޭ އާއި ޖަޔާ އަކީ ދެ ބައިވެރިން

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ކުޅެން ލިބުނީ ވަރަށް ރޮމޭންޓިކް ރޯލެއް ކަމަށާއި އެ ފިލްމުން ފުރުސަތު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާ ބުނެފި އެވެ.

އަންގާރަ ދުވަހު އިއުލާންކުރި ފިލްމުގެ ޕޯސްޓަރެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ދަރޭ، 85، ބުނީ މިއީ އަނެއްކާ ވެސް އޭނާގެ ވަރަށް ރޮމޭންޓިކް ރޯލެއް ފެންނާނެ ފިލްމެއް ކަމަށެވެ.

"މި ފިލްމުން އަހަރެން ފެންނާނެ ގޮތް ދައްކައިލަން ވެސް މިހާރު މި ހުންނަނީ ކެތްމަދުވެފައި،" ފިލްމީ ކެރިއަރުގެ ރަންޒަމާނުގައި ލޯބީގެ ރޯލްތަކުން މަޝްހޫރުވި ދަރޭ ބުންޏެވެ.

ކަރަން ޑައިރެކްޓްކުރާ ހަތް ވަނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އިޝްގީ ލޯތްބާއި އާއިލީ ގުޅުން ވެސް ވަރަށް ބޮޑަށް ދައްކުވައިދޭނެ ފިލްމެކެވެ. އޭނާ 2001 ގައި ބޮޑު ކާސްޓަކާ އެކު ގެނެސްދިން "ކަބީ ހުޝީ ކަބީ ޣަމް" އަކީ ވެސް މި ސްޓައިލްގެ ފިލްމެކެވެ.

އެ ފިލްމުގެ އެންމެ މުހިއްމު އެއް ރޯލު ކުޅުނު ޖަޔާ ބައްޗަން ވެސް ކަރަންގެ އާ ފިލްމުގައި ހިމެނެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި އަމީތާބް ބައްޗަންގެ އަންހެނުންނާއި ދަރޭ އާ ފިލްމުގައި ފެންނާނީ ދެ ބައިވެރިންގެ ގޮތުގަ އެވެ.

މީގެ ކާސްޓްގައި ތަޖުރިބާކާރު ބަތަލާ ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ލީޑް ތަރިންނަކީ އާލިއާ ބަޓާއި ރަންވީރު ސިންގް އެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ބެލުންތެރިންނަށް މި ގެނެސްދޭނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް ނުނިންމަ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ދަރޭ ސޮއިކުރި އޭނާ އަންނަނީ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ އާއި ބޮބީ އަދި ކާފަ ދަރިން ކަރަން ޑިއޯލްއާ އެކު 2007 ގެ "އަޕްނޭ" ގެ ސީކްއެލްގެ މަސައްކަތް ވެސް ފަށަން ތައްޔާރުވަމުންނެވެ. އެއީ ވެސް އަންނަ އަހަރު ރިލީޒްކުރާނެ ފިލްމެކެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެއްގައި ދަރޭ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.