24 ނޮވެމްބަރ 2016 - 13:59

ނިއު ދިއްލީ (ނޮވެމްބަރު 24) - އިންޑިއާގައި ބޭނުންކުރާ 500 އާއި 1،000 ރުޕީސް ކުއްލިއަކަށް އުވާލި މައްސަލާގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު 13 ޕާޓީއަކުން އިހުތިޖާޖަށް ނުކުންނަން ނިންމައިފި އެވެ.

އަންނަ ހޯމަ ދުވަހު ބާއްވާ މުޒާހަރާ އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ "ރުޅިވެރިކަން ހާމަކުރާ ދުވަހެއްގެ" ގޮތުގަ އެވެ.
އިންޑިއާގައި ދައުރުވާ ފައިސާގެ 85 ޕަސެންޓް ކަމަށްވާ 500 އާއި 1،000 ރުޕީސް މި މަހު 8 ވަނަ ދުވަހުގެ ރޭ 12 އިން ފެށިގެން ބޭނުން ނުކުރެވޭނެކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ އެރޭ 8 ޖެހި އިރު އެވެ. އެކަމަކު ކުރީގެ ނޫޓުގެ ބަދަލުގައި އަލަށް ތައާރަފްކުރި ނޫޓު ލިބުން ދަތިވުމުން އިންޑިއާގައި ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑަށް ދަތިކަން ފޯރައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ފައިސާގެ ދެ ނޫޓެއް އުވާލި މައްސަލާގައި މޯދީ ޕާލަމެންޓަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. ޕާލެމެންޓުގެ އިދިކޮޅު 200 ވަރަކަށް މެންބަރުން މިދިޔަ އަންގާރަ ދުވަހު ވަނީ މި މައްސަލާގައި އިހުތިޖާޖް ކޮށްފަ އެވެ.
"މޯދީގެ ނިންމެވުމުގައި ބޮޑު އޮޅުވާލުމެއްވާ ކަމަށް ބެލެވޭ. އަދި ބޮޑު ވަޒީރުގެ ޕާޓީގެ ރައީސް އާއި އެ ޕާޓީގެ މެންބަރުންނަށް ކުރިން މިކަން އަންގާފައިވާ ކަމަށް ބެލެވޭ. މި މައްސަލާގައި އިދިކޮޅު ހުރިހާ ފަރާތްތަކެއް ވަނީ އެކަތިގަނޑަކަށްވެފައި،" އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވި އެވެ.
ކުރީގެ ފައިސާގެ ބަދަލު ކުރަން ވަނީ އަންނަ މަހުގެ 30 އާ ހަމައަށް މުހުލަތު ދީފަ އެވެ. ނަމަވެސް ބޭންކުތަކުގައި ކިޔޫ ދިގުވެ ފައިސާ ލިބުން ދަތިވެފައިވާ އިރު އޭޓީއެމްތަކުން ވެސް ދުވާލަކަށް މީހަކަށް ނެގެނީ 2،000 ރުޕީސް އެވެ.