ތިން ރަށެއްގައި 25 މިލިއަން ހަރަދުކޮށްގެން ސްކޫލް އިމާރާތްތައް އަޅަނީ
ތިން ރަށެއްގައި 25 މިލިއަން ހަރަދުކޮށްގެން ސްކޫލް އިމާރާތްތައް އަޅަނީ

ތިން ރަށެއްގައި ސްކޫލްގެ އާ އިމާރާތް އަޅަން 25 މިލިއަން ރުފިޔާ އަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެއީ ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމާއި އޮފީސް އިމާރާތުގެ މަސައްކަތާއި ށ. ނަރުދޫ ސްކޫލްގައި އަޅާ ތިން ބުރީގެ އިމާރާތަކާއި، ލ. ހިތަދޫ ސްކޫލްގައި އިމާރާތްކުރާ ހަތަރު ކުލާސްރޫމްގެ މަސައްކަތެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ނަރުދޫ ސްކޫލާއި ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. މީގެ ތެރެއިން ނަރުދޫ ސްކޫލްގެ އިމާރާތަށް 9.2 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތް އަޅަން ހަވާލުކުރީ 12.3 މިލިއަން ރުފިޔާ އަށެވެ. މި ދެ އިމާރާތުގެ މަސައްކަތް ވެސް އެއް އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ލ. ހިތަދޫ ސްކޫލް އާ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރީ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތަށް ހަތަރު މިލިއަން ހަރަދުކުރާއިރު، ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.

މި ސްކޫލުތަކުގެ އިމާރާތުގެ މަސައްކަތްކުރަނީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެންނެވެ.

އެޑިއުކޭޝަނުން މިނިސްޓްރީން އިއްޔެ ވެސް ވަނީ ތ. ކަނޑޫދޫ ސްކޫލްގައި އިމާރާތްކުރަން ފަށާފައިވާ ތިން ކުލާސްރޫމެއްގެ ނުނިމި ހުރި މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން އެހެން ބައެއް ސްކޫލުތަކުގެ އިމާރާތުގެ މަސައްކަތައް ވެސް ވަނީ މިފަހުން ބަޔަކާ ހަވާލުކޮށްފަ އެވެ.