07 ޖުލައި 2021 - 15:33

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގެ ވިޔަފާރިތައް ހުޅުވާފައިވާ ބެހެއްޓޭ ގަޑި މަދުކޮށްފައި އޮތް އޮތުން މާދަމާ އިން ފެށިގެން ނިމުމަކަށް ގެނެސް ކުރިއެކޭ އެއްގޮތަށް ފިހާރަތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން މިއަދު ދީފި އެވެ.
އާއްމު އުސޫލުން ފިހާރަތައް ހުޅުވަން ހުއްދަ ދިން ނަމަވެސް ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނަށް އަމަލު ކުރަން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.
އާންމު ހާލަތުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 11 ޖަހަންދެނެވެ. އެހެންވެ، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ވެސް އެ ގަޑިއާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ އެވެ.
މާދަމާ އިން ފެށިގެން ދޭ ލުއިތަކާއެކު ކެފޭ/ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ރޭގަނޑު 11:30 ވަންދެން ދެވޭނެ އެވެ. އަދި ފުލުހުންގެ ހާއްސަ ހުއްދައަކާ ނުލައި 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދިނުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.
ވިޔަފާރިތައް އާއްމު ހާލަތަށް ގެންނަށް ނިންމާފައިވާއިރު މާދަމާ އިން ފެށިގެން ސިނަމާތައް ވެސް ހުޅުވާލާނެ އެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މާދަމާ އިން ފެށިގެން އުވައިލާން ނިންމީ ގާތްގަނަކަށް ދެ މަސް ފަހުންނެވެ. މި ލުއިތަކާއެކު ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނަށް ވެސް ލުއިތަކެއް ވަނީ ދީފަ އެވެ.