މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި، ކަރަންޓީނުވާކަށް ނުޖެހޭނެ
މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި، ކަރަންޓީނުވާކަށް ނުޖެހޭނެ

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމަށާއި ވެކްސިން ފުރިހަމަކުރި މީހުން މާލެއިން ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އެޗްއީއޯސީން މިއަދު ބުނެފި އެވެ.

އެޗްއީއޯސީން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް، މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. އަދި ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅައިގެން އެ މީހުންނަށް ދަތުރުކުރެވޭނެ އެވެ.

މަބްރޫކް ވިދާޅުވީ ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނީ އެ މީހަކު ހުރި ތަނެއްގައި ފަސް ޕަސެންޓުން ދަށުގައި ޕޮޒިޓިވްވިޓީ ރޭޓް ހުންނަ އިރު ކަމަށެވެ. މާލޭ ސަރަހައްދުގައި މިމަހުގެ ތެރޭގައި ޕޮޒިޓިވިޓީ ރޭޓް އުޅެނީ 2-3 ޕަސެންޓްގަ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ރަށަށް ދަތުރުކުރާއިރު ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގައި ހުރެއްޖެ ނަމަ، ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހެ އެވެ. އަދި އެ މުއްދަތު ހަމަވެ، ސާމްޕަލް ނަގައިގެން ނެގެޓިވް ވެއްޖެ ނަމަ، ބޭރަށް ނުކުމެވޭނެ އެވެ.

މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހަމަކުރަން ޖެހޭނީ ޕޮޒިޓިވިޓީ ރޭޓް 10 ޕަސެންޓްގައި ހުރި ނަމަ އެވެ.

ވެކްސިން ޖެހި މީހުންނަށް އީދާ ދިމާކޮށް ދަތުރުކުރުމުގައި ލުއިތަކެއް ދިންއިރު ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ގިނަ ބަޔަކު އެބަ ތިއްބެވެ. އެކަމަކު ދަތުރުކުރުމުގައި ލުޔެއް ނުލިބި ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މާދަމާ އިން ފެށިގެން މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ވެސް އުވާލާނެ އެވެ. ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައިވާތީ ސަރުކާރުން ގިނަ ލުއިތަކެއް ދިނެވެ.