ގްރޭޑު 9 އިން ފެށިގެން މަތީގެ ދަރިވަރުން ދެން ކިޔަވާނީ ޑިޖިޓަލް ފޮތުން
ގްރޭޑު 9 އިން ފެށިގެން މަތީގެ ދަރިވަރުން ދެން ކިޔަވާނީ ޑިޖިޓަލް ފޮތުން

ގްރޭޑު 9 އިން ފެށިގެން މަތީގެ ދަރިވަރުންގެ ފޮތްބައި ޑިޖިޓަލްކުރަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާ ދިރާސީ އާ އަހަރު ގްރޭޑު 9، 10، 11 އަދި 12 ގެ ދަރިވަރުން ކިޔަވާނީ ޑިޖިޓަލް ފޮތްބައިން ކަމަށެވެ.

އެކަމަކު، އެއަށްވުރެ ދަށް ގްރޭޑުތަކުގެ ދަރިވަރުން ބޭނުންކުރާނީ މިހާރެކޭ އެއްގޮތަށް، ޗާޕުކޮށްފައިވާ ފޮތްތަކެވެ. އެ ދަރިވަރުންނަށް ސްކޫލު ބަންދުވުމާ އެކު ފޮތްތައް ހަވާލުކޮށްފައިވެ އެވެ.

ޑރ. ރަޝީދު ވިދާޅުވީ މަތީ ގްރޭޑުތަކުގެ ދަރިވަރުން ކިޔަވަން ބޭނުންކުރާނީ ޓެބްލެޓް ކަހަލަ ޑިވައިސްއެކެވެ. ކިޔަވަން ބޭނުންކުރާނީ ފްލެޓްފޯމެއް ކަމަށާއި އޭގައި ހުރިހާ މާއްދާއެއްގެ ކޮންޓެންޓް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަތީ ގްރޭޑުތަކުގެ ދަރިވަރުން މި ބޭނުންކުރާ ފޮތްތައް ބަރުވީމަ އުނދަގޫތަކާ އެބަ ކުރިމަތިވޭ. އެހެންވެ، ޑިޖިޓަލްކުރީމަ އެކަންކަމުގައި ލުއި ލިބޭނެ އަދި ކިޔަވަން ބޭނުންކުރަން ވެސް ފަސޭހަވާނެ،" ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑރ. ރަޝީދު ވިދާޅުވި އެވެ.

ދަށް ގްރޭޑުތަކުގައި ކިޔަވާ ކުދިންގެ ފޮތްތައް ގިނަވެ، ދަބަސް ބަރުވާ ކަމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ. އެކަމަކު، އެ ކުދިންގެެ ފޮތްތައް ޑިޖިޓަލް ނުކުރިއަސް ފޮތްތައް ރިވައިސްކުރުމުން ކޮންޓެންޓް ކުޑަވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަރިކިއުލަމް ސިމްޕޯޒިއަމް ބޭއްވުން. އެ ސިމްޕޯޒިއަމް އިން ފާހަގަވި ކޮންޓެންޓް ގިނަކަން. އެކަންކަމަށް ރިއާޔަތްކޮށް ކޮންޓެންޓް ރިވައިސްކުރީ،" ޑރ. ރަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ސްކޫލަށް އެއް ދުވަހާ ގިނަ ފޮތް ގެންދަން ނުޖެހޭ ގޮތަށް ޓައިމްޓޭބަލް ރާވާލަން ވެސް ސްކޫލުތަކަށް އަންގާފައި ވެ އެވެ.