ގޭބަންދުގައި ތިބޭ ކުށްވެރިން އުޅޭ ގޮތް ބަލަން ޓެގް އެޅުވިދާނެ: އުސޫލު
ގޭބަންދުގައި ތިބޭ ކުށްވެރިން އުޅޭ ގޮތް ބަލަން ޓެގް އެޅުވިދާނެ: އުސޫލު

ގޭބަންދުގައި ބައިތިއްބާ ކުށްވެރިން އުޅޭނޫޅޭ ގޮތް ބަލަން ޓެގް އެޅުވުމުގެ އިހުތިޔާރު ހޯމް މިނިސްޓްރީ އަށް ލިބޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި އާންމުކުރި އުސޫލުގައި ބުނީ، ގޭބަންދު ކޮށްފައިވާ މީހެއްގެ އަދަބު ތަންފީޒު ކުރެވޭކަން ކަށަވަރު ކުރުމަށްޓަކައި، އެ މީހެއްގެ ހަރަކާތްތައް ދެނެގަނެވޭނެ ގޮތަށް ޒަމާނީ އިލެކްޓްރޯނިކް ސާމާނު ބޭނުން ކުރުމުގެ އިހުތިޔާރު އަދަބު ތަންފީޒު ކުރާ އިދާރާއަށް ލިބޭ ކަމަށެވެ.

އެ އުސޫލުގެ 22 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން ނަމަ ގޭބަންދު ކޮށްފައިވާ މީހާގެ ހަރަކާތްތައް ދެނެގަނެވޭ ގޮތަށް ކުށްވެރިޔާގެ ގައިގައި އިލެކްޓްރޯނިކް ޓެގެއް އެޅުވުމުގެ އިހުތިޔާރު ވެސް އަދަބު ތަންފީޒު ކުރާ އިދާރާ އަށް ލިބެ އެވެ.

ކުށްވެރިޔާ ގޭބަންދުގައި ހުންނަ ރަށުގައި އަދަބު ތަންފީޒު ކުރާ އިދާރާގެ ގޮތްޕެއް ނެތް ނަމަ، އެ މީހާ އަދަބު ތަންފީޒު ކުރާކަން ކަށަވަރު ކުރަން ރަށު ކައުންސިލާއި އެ ރަށެއްގައި ތިބޭ ފުލުހުންގެ ކިބައިން އެދުމުގެ އިހްތިޔާރު ވެސް ސުޕްރީމް ކޯޓުން އަލަށް އެލުލަވައިލި އުސޫލުގެ ދަށުން ލިބޭނެ އެވެ.

ނަމަވެސް، މި ކަންކަމާ ގުޅޭ ގޮތުން އަދަބު ތަންފީޒު ކުރާ އިދާރާ އިން އުސޫލުތަކެއް ހަދައި އާންމު ކުރަން ޖެހެ އެވެ. ޓެގް އެޅުވޭނީ އެފަދަ އުސޫލެއްގެ ދަށުން އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ.

އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން ތަންފީޒީ އިދާރާ އިން ހަދަން ޖެހޭ ގަވައިދުތައް ނިންމަން ޖެހެނީ އުސޫލު އާންމު ކުރާތާ 60 ދުވަހުގެ ތެރޭގަ އެވެ.

މިހާރު ޓެގް އަޅުވަނީ ހަމައެކަނި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދޫކުރާ މޮނިކޮން އަމުރުގެ ދަށުންނެވެ. އެ އަމުރު ނެރެނީ މުޖުތަމައަށް އެ މީހެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ މީހުން މޮނިޓާ ކުރުމަށެވެ. މޮނިކޮން އަމުރު ތަންފީޒު ކުރަނީ ފުުލުހުންނެވެ.