07 ޖުލައި 2021 - 14:14

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވެފައިވާ ނަމަ، ކަރަންޓީނު ނުވެ ރަށަށް ދެވޭ ގޮތަށް އެޗްޕީއޭގެ އުސޫލަށް ބަދަލު ގެނެސްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް، މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. އެކަމަކު އެމީހުން ދަތުރުކުރަން ޖެހޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު އެވެ.
މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލުކުރާ ގޮތަށް ނިންމާފައިވާއިރު ޕީސީއާރު ނެގެޓިވް ނަތީޖާއެއްގެ ގޮތުގައި ރެންޑަމްކޮށް ނަގައި ސާމްޕަލް ވެސް ބަލައިގަންނާނެ އެވެ.
އޭގެ ދަށުން، ރިސޯޓު މުވައްޒަފުންނަށް ވެސް ކަރަންޓީނުވުމަކާ ނުލައި ރަށަށް ދެވޭނެ އެވެ. އެކަމަކު އެ ލުއި ދިން ނަމަވެސް ރިސޯޓުތަކުން މަހަކު އެއް ފަހަރު އެކްޓިވް ސަވައިލަންސްގެ ގޮތުގައި މަދުވެގެން މުވައްޒަފުންގެ 10 ޕަސެންޓްގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ޖެހެ އެވެ. އަދި އެގޮތަށް މުވައްޒަފުން ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރިސޯޓުތަކުންނެވެ.
މިއަދު މެންދުރު 2:30 ގައި ބާއްވާ އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި ބަދަލު އިއުލާނުކުރާނެކަން ވަނީ އެނގިފަ އެވެ.
ވެކްސިން ޖެހި މީހުންނަށް އީދާ ދިމާކޮށް ދަތުރުކުރުމުގައި ލުއިތަކެއް ދޭން ސަރުކާރުން ނިންމިއިރު ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ގިނަ ބަޔަކު އެބަ ތިއްބެވެ. ވެކްސިން ފުރިހަމަކުރުމުން ވެސް ލުއި ނުލިބޭތީ އެމީހުން ޝަކުވާކުރެ އެވެ.