ކޯޗިން އަށް ވަންނަން އަދި ވަގުތު ބޭނުން: ޖެރާޑް
ކޯޗިން އަށް ވަންނަން އަދި ވަގުތު ބޭނުން: ޖެރާޑް

ލަންޑަން (ނޮވެމްބަރު 24) - ކޯޗިން އަށް ވަންނަން އަދި އަވަސް ކަމަށާއި އެމްކޭ ޑޮންސްގެ ހުށަހެޅުން ލިބުނީ އުއްމީދުކުރި ވަރަށް ވުރެ މާ އަވަހަށް ކަމަށް އިންގްލެންޑް އަދި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެެރާޑް ބުނެފި އެވެ.

އެމެރިކާގެ މޭޖާ ލީގުގެ އެލްއޭ ގެލެކްސީ އަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ޖެރާޑް ޑިސެމްބަރު މަހު ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބް ދޫކޮށްލަން ވަނީ ނިންމާފަ އެވެ. ޖެރާޑް ބުނީ އަދި ކުޅުން ހުއްޓާލަން ނުވިސްނާ ކަމަށާއި ކޯޗިން އަށް ދާން އަދި އަވަސް ކަމަށެވެ.

"އެމްކޭ ޑޮންސް އިން އަހަންނާ މަޝްވަރާކުރި. އެއީ ވަރަށް ޝައުގުވެރިވާ ކްލަބެއް. އެކަމަކު ކޯޗިން އަށް ދާން އަދި އަވަސް. މުސްތަގުބަލާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޖެރާޑް ބުންޏެވެ.

ޖެރާޑް ގެންދިއުމަށް ނިއުކާސަލް ޔުނައިޓެޑާއި ސްކޮޓެލެންޑުގެ ސެލްޓިކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ލިވަޕޫލުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެޓީމާ ގުޅުމަށް ޖެރާޑް ވަނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާ މަޝްވަރާކޮށްފައިކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އިންގްލެންޑުން ވެސް ވަނީ ޖެރާޑްގެ ކޯޗިން ލައިސަންސް ލިބުމުން އޭނާ ޔޫތު ޓީމު ކޯޗެއްގެ ވަޒީފާ ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ގެލެކްސީ އަށް ޖެެރާޑް ބަދަލުވީ 1998 އިން 2015 ވަނަ އަހަރާ ހަމައަށް ލިވަޕޫލަށް 710 މެޗު ކުޅެފަ އެވެ. އޭނާ ވަނީ އެ ކްލަބާ އެކު 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.