ކޮވިޑްގެ ފިޔަވަޅުތަކަށް ދޭ ލުއިތައް އިއުލާންކުރަން 2:30 ގައި ޕްރެސްއެއް
ކޮވިޑްގެ ފިޔަވަޅުތަކަށް ދޭ ލުއިތައް އިއުލާންކުރަން 2:30 ގައި ޕްރެސްއެއް

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ޕްރެސް ބްރީފިންއެއް މިއަދު މެންދުރު 2:30 ގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ދޭން ނިންމާފައިވާ ލުއިތައް އިއުލާންކުރުމަށް ބާއްވާ ޕްރެސް ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒާއި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ޕްރެސް ލޯކަލް ޓީވީތަކުންނާއި ގަވަމަންޓް އެމްވީގެ ޓްވީޓާ އިން ލައިވްކުރާނެ އެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް އެމީހުންގެ ރަށްރަށަށް ކަަރަންޓީނުވުމެއް ނެތި ދެވޭނެކަން ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ އިއުލާންކޮށްފަ އެވެ. ކަރަންޓީނުވުމެއް ނެތި އެމީހުންނަށް ދެވޭނީ ދެ ޑޯޒް ޖެހި ފަހުން 14 ހަފްތާވެފައިވާ ނަމަ އެވެ. އަދި ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދޭ ލުއިތައް ވެސް މި ޕްރެސްގައި އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ. މި ލުއި ދޭއިރު ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ އަދަދާއި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓަށް ވެސް ބަލާނެ ކަމަށް ވެ އެވެ.

ކޮވިޑްގެ ފެތުރުން ކޮންޓްރޯލެއްގެ ދަށުގައި އޮތް ކަމަށް ބަލަނީ އަދި އެކަށީގެންވާ މިންވަރެއް ކަމަށް ބަލަނީ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރުމުންނެވެ. މިދިޔަ މަސް ނިމުނުއިރު އެ ރޭޓް ހުރީ ދެއަކާއި ހަ ޕަސެންޓްގަ އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލުއިތައް ދޭނެ ކަމަށް ބުނަމުން އައި ނަމަވެސް ލުއި ދިނުން ލަސްވުމުން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔުން އަމާޒުކުރި އެވެ.