07 ޖުލައި 2021 - 12:31

ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށް 14 ދުވަސް ވުމުން ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މުވައްޒަފުންނަށް ކަރަންޓީން ނުވެ ރަށަށް ދެވޭނެ ކަމަށެވެ. ނަމަވެސް ރިސޯޓުތަކުން މޮނިޓަރިންގައި އޮތް ރަށްތަކަށް ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނީ ވެކްސިން ފުރިހަމަ ކުރިތާ 14 ދުވަސް ފުރިހަމަ ކުރުމަށް ފަހު ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއަކާއެކުގަ އެވެ.
މި ކަމާ ގުޅޭ ތަފްސީލު އެޗްޕީއޭ އިން ލިބުމުން ރިސޯޓުތަކާ ހިއްސާ ކުރައްވާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
އަލަށް ދޭ ލުއިތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު 2:30 ގައި ޕްރެސްއެއް އޮންނާނެ އެވެ.
ރިސޯޓް މުވައްޒަފުންނަކީ ކޮވިޑްގެ އެންމެ ނުރައްކާ ދުވަސްވަރު ވެސް، ވަޒީފާ އަށް ނުކުމެ މަސައްކަތުގައި އުޅުނު މީހުންނަށް ވާއިރު ވެސް އެ މީހުންގެ އާއިލާތަކާ ބައްދަލުނުވެ އެތައް މަހެއް ވެފައި ވާތީ އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ކޮވިޑް ވެކްސިން ލިބުމުން ރިސޯޓް މުވައްޒަފުންނަށް އިސްކަން ދީގެން ވެކްސިން ޕްރޮގްރާމެއް ހިންގާފައި ވާއިރު މިހާތަނަށް ރިސޯޓް މުވައްޒަފުންގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.