07 ޖުލައި 2021 - 12:27

ލަންޑަން (ޖުލައި 7) - ޔޫރޯގެ ފައިނަލުގެ ހާއްސަ މެހެމާނުންގެ ގޮތުގައި، ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އާއި އޭނާގެ މެޑިކަލް ޓީމަށް ވެމްބްލީގެ ވީއައިޕީގައި މެޗު ބެލުމަށް ޔޫއެފާ އިން ދައުވަތު ދީފި އެވެ.
ޔޫރޯގައި ޑެންމާކު ކުޅުނު ފުރަތަމަ މެޗުގައި، ފިންލެންޑާ ދެކޮޅަށް ކުޅެމުން ދަނިކޮށް މެޗުގެ 43 ވަނަ މިނެޓުގައި ހާޓު އެޓޭކެއް ޖެހި އެރިކްސަން ދަނޑުމައްޗަށް ވެއްޓުނެވެ. އޭނާ ސަލާމަތް ކުރުމުގައި އެހީވީ ދަނޑުގައި އެ ވަގުތު ތިބި މެޑިކަލް ޓީމެެވެ.
ޔޫއެފާއިން ބުނީ އެރިކްސަން އާއި އޭނާގެ އަންހެނުންނާއި އޭނާ އަށް އެހީތެރިވި ހަ މެންބަރުންގެ މެޑިކަލް ޓީމަށް ވެމްބްލީ އަށް ޒިޔާރް ކުރުމަށް ދައުވަތު ދީފައިވާ ކަމަށެވެ.
ޔޫއެފާގެ އެ ދައުވަތު އެރިކްސަން ގަބޫލު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ. އެ ހާދިސާ އަށް ފަހު އެރިކުސަން މިހާރު ގެންދަނީ ގޭގައި އަރާމު ކުރަމުންނެވެ.
އެރިކްސަން އަށް ދަނޑުގައި އަވަސް ފަރުވާ ދިން ޓީމުގެ މެޑިކަލް ޕީޑާ އެރެސްގާޑް ބުނީ ވީއައޕީ އޮފިޝަލެއްގެ ގޮތުގައި ޔޫރޯ ފައިނަލު މެޗަށް ދާން ދައުވަތު ލިބުމަކީ އޭނާ އަށް ލިބުނު އުފަލެއް ކަމަށެވެ.
އެރިކްސަން ވެމްބްލީ އަށް ދާނަމަ އެކަން ވެގެންދާނީ އެ ހާދިސާ އަށް ފަހު ޕަބްލިކުގެ ތެރެއަށް އޭނާ ނުކުންނަ ފުރަތަމަ އިވެންޓަށެވެ.