07 ޖުލައި 2021 - 14:22

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި، މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން (44 މެމްބަރުން) ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ނޫނީ ވޯޓަށް ނޭހޭނެ ކަމަށް އޮންނަ ބާވަތުގެ ދެ ބިލަކަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ބެލި އިރު، އެ އަދަދަށް މެމްބަރުން ނެތިގެން ވޯޓަށް ނާހައި ފަސްކުރަން ޖެހިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުގައި ރައްޔިތުން އެ ގާނޫނަކަށް އަމަލުކުރަން ޖެހޭ އެއްވެސް ގާނޫނެއްގެ ބިލެއް ފާސްކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާ އެއްގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާގައި ބަހުސް ކުރަން އޮތް އެއްވެސް ކަމަކަށް ވާހަކަ ދައްކަވަން އެއްވެސް މެމްބަރަކު އެދިވަޑައިނުގެންނެވުމުން ޔާސަތުންް، މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އިއުލާނު ކުރެއްވީ އެ މައްސަލަތަކުގެ ބަހުސް ނިިމިއްޖެ ކަމަށެވެ. އެހެންވެ ވޯޓު ގަޑިއާ ޖެހެންދެން ޖަލްސާ މެދުކަނޑައިލި އެވެ.
އެއަށް ފަހު އެނބުރި ވޯޓު ގަޑީގައި ބިލްތަކަށް ވޯޓަށް އައްސަވަން ފެށްޓެވި އިރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 39 މެމްބަރުންނެވެ. އެކަމަކު ވޯޓަށް އަހަން އޮތް ފަސް އައިޓަމްގެ ތެރެއިން ދެ ކަމެއް ފިޔަވާ ދެން އޮތީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން (44 މެމްބަރުން) ތިއްބަވައިގެން ނޫނީ ވޯޓަށް އެހެން ނެތް ބިލުތަކެކެވެ.
- ތަފާސް ހިސާބުގެ ބިލް (ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް)
- ކުދި އަދި މެދުފަންތީގެ ގާނޫނުގެ ބިލު.
- އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލް ( މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށްް ނިންމި ގޮތުގެ ރިޕޯޓް)
މިއަދުގެ ޖަލްސާގައި ވޯޓު ނެގުނީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުގައި. ލާމަޒުކަޒީ ގާނޫނާ ތައާރުވާ ގޮތަށް އޮތް ބައި ބަދަލުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށާއި އިޒްރޭލާ ދެކޮޅު ގަރާރަށެވެ. އެ ބިލާއި ގަރާރު ވެސް ފާސްވި އެވެ.
މަަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާގެ ނިޔަަލަށް ކުރިއަށް ގެންދާ ގޮތަށް ދައުރު ދަންމައިލީ ސަރުކާރުން ހުށަހަޅާފައިވާ މުހިއްމު ބައެއް ބިލްތަކުގެ މަސައްކަތް ނިންމުމަށެވެ. އޭގެ ތެރޭގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލުގެންނަން ހުށަހެޅި ބިލާއި އިންކަމް ޓެކްސް ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު ހިމެނެ އެވެ.
.
.