"ވާނުވާ" ބަންދުގައި 343 މީހުން، 2015 އިން ފެށިގެން ތިބޭ ތިން މީހުން
"ވާނުވާ" ބަންދުގައި 343 މީހުން، 2015 އިން ފެށިގެން ތިބޭ ތިން މީހުން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނުވަތަ "ވާނުވާ" ބަންދު ޖަހާފައިވާ 343 މީހަކު މިހާރު ވެސް އެބަތިބި ކަމަށާއި އޭގެ ތެރޭގައި 2015 ވަނަ އަހަރުން ފެށިގެން ބަންދުކޮށްފައި ތިބި ތިން މީހުން އެބަ ތިބި ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

"ވާނުވާ" ބަންދުގައި 343 މީހުން، 2015 އިން ފެށިގެން ތިބޭ ތިން މީހުން
"ވާނުވާ" ބަންދުގައި 343 މީހުން، 2015 އިން ފެށިގެން ތިބޭ ތިން މީހުން

ބަންދުކުރާ މީހުންގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ކޮށްފައިވާ މަސައްކަތްތައް ކޮންމެ އަހަރަކު ދެ ފަހަރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. ޕީޖީ އޮފީހުން މިހާރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރެވިފައިވާ މަސައްކަތާ ގުޅޭ ރިޕޯޓު މަޖިލީހަށް ފޮނުވައިފަ އެވެ.

ޕީޖީގެ ރިޕޯޓުގައިވާ ގޮތުން މިވަގުތު 343 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ބަންދުގައި ބަހައްޓާފައި ތިބި ތިން މީހުން ހިމެނެ އެވެ. އަދި 2016 ވަނަ އަހަރުން ފަށައިގެން ބަންދު ކޮށްފައި ތިބި ފަސް މީހުން އެބަ ތިއްބެވެ. 2015 ވަނަ އަހަރު ބަންދު ކުރި އެހެން ދެ މީހަކު މިދިޔަ އަހަރު ދޫކޮށްލިޔަސް މިހާރު އަނެއްކާ ވެސް އެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

- 2015 ވަނަ އަހަރުން ފެށިގެން 3 މީހުން

- 2016 ވަނަ އަހަރުން ފެށިގެން 5 މީހުން

- 2017 ވަނަ އަހަރުން ފެށިގެން 34 މީހުން

- 2018 ވަނަ އަހަރުން ފެށިގެން 19 މީހުން

- 2019 ވަނަ އަހަރުން ފެށިގެން 52 މީހުން

- 2020 ވަނަ އަހަރުން ފެށިގެން 152 މީހުން

- 2021 ވަނަ އަހަރުން ފެށިގެން 40 މީހުން

އެ ރިޕޯޓުގައި ބުނެފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރީއަތް ނިމެންދެން ގިނަ ބަޔަކު ބަންދުކޮށްފައި ތިބުން ކަމަށެވެ. އެފަދަ މީހުންގެ މައްސަލަތައް އަވަސްކޮށްދޭން މުއައްސަސާތަކާ އެކު މަޝްވަރާ ކުރެވުނަސް ކޮވިޑާ ހެދި އެ މަސައްކަތަށް ދަތިވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި މިހާރު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބެން ފެށުމާ އެކު އަނެއްކާވެސް އެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވެ އެވެ.

"ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދޭނީ، މިހާރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ނިމެނޭނެ ގޮތެއް ހޯދުމަށެވެ. އެކަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަނާއި ދައުލަތުގެ އެހެން އިދާރާތަކާ މިހާރު ވެސް މިދަނީ މަޝްވަރާ ކުރަމުންނެވެ." ޕީޖީގެ ރިޕޯޓުގައިވެ އެވެ.

ޕީޖީ އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޕީޖީ ހުސެއިން ޝަމީމް ވަނީ ވާނުވާ ބަންދުގެ މައްސަލަ ދެމި އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، 30 ދުވަހުން ބަންދު މުރާޖައާ ކުރަން ޖެހޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުން ވެސް އެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

މަޖިލީހަށް ފޮނުވި ރިޕޯޓުގައި ވެސް އެކަން ފާހަގަކުރަމުން ބުނެފައި ވަނީ، ބައެއް މައްސަލަތަކުގައި ބަންދު ރިވިއު ކުރުން ހިނގަނީ ދުވަސްކޮޅަކު ކަމަށެވެ. އެއީ ވެސް ކޮވިޑްއާ ހެދި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ އެންމެންގެ އަޑުއެހުންތައް އޮންލައިންކޮށް ބާއްވަން ދަތިވާ ކަމަށް ބުނެފައިވެ އެވެ.

ތަހުގީގު މަރުހަލާގައި މީހުން ބަންދު ކުރަން ޖެހެނީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ބައިތިއްބަން ޖެހެނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ރިމާންޑު ޖަލުތަކުގަ އެވެ.

ނަމަވެސް، ޖަލުގައި ޖާގަ ނެތުމުގެ ސަބަބުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން 38 މީހުން ތިބީ ކަސްޓޯޑިއަލް ޖަލުތަކުގަ އެވެ. ބައެއް މީހުން ކަސްޓޯޑިއަލް ޖަލުގައި ތިބޭތާ މިހާރު 200 އަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ޕީޖީ އޮފީހުގެ ރިޕޯޓުގައި ވެ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުން ކަސްޓޯޑިއަލް ޖަލުތަކުގައި ތިބީ، ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަަތިކަމުގެ ސަބަބުންނާއި، ކޮވިޑްއާ ހެދި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ.

ރިމާންޑް ޖަލުތަކަށް ބަލާއިރު، މާލޭ ޖަލުގައި 135 މީހުން، މާފުށީ ޖަލުގައި 150 މީހުން، ހުޅުމާލޭ ޖަލުގައި 12 މީހުން، ގޭބަންދުގައި ހަތް މީހަކު އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ޝަރީއަތް ނިމެންދެން ބަހައްޓާފައި އެބަ ހުއްޓެވެ.