07 ޖުލައި 2021 - 16:04

އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، އެ ގައުމުގައި ސުލްހަ ގާއިމުކުރުމާ ގުޅޭ ގޮތުން، އެ ގައުމުގެ އެންމެ ވަރުގަދަ ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ ތާލިބާނުންގެ ފަރާތުން ހުށަހަޅާ ސުލްހައިގެ މަޝްރޫއު، އަންނަ މަހު ސަރުކާރަށް ހުށަހަޅާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ ބިދޭސި ސިފައިން ފައިބައިންގެ ދިޔުމުން ތާލިބާނުންގެ ހަމަލާތައް ވަރުގަދަވެފައި ވިޔަސް، ސުލްހައިގެ މަޝްރޫޢުގެ ދެލިކޮޕީ މިހާރު ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.
އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން، ބަގްރާމް ވައިގެ އަސްކަރީ މަރުކަޒު ދޫކޮށް މިދިޔަ ހުކުރު ދުވަހު ފުރައިގެން ދިޔުމާ ގުޅިގެން، ތާލިބާނުން އަންނަނީ ސަރުކާރު ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތައް ވަރުގަދަ ވުމުގެ ސަބަބުން، އަފްގާން ސަރުކާރުގެ އެތައް ސަތޭކަ ސިފައިންނެއް މިހާރު ވަނީ، އެ މީހުންގެ މަގާމުތައް ދޫކޮށް، އަވައްޓެރި ތަޖިކިސްތާނަށް ގޮސްފަ އެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅިގެން، އަފްގާނިސްތާނުގެ ސުލްހައިގެ ވާހަކަތައް މިދިޔަ ހަފުތާގައި ވަނީ، ގަތަރުގެ ވެރިރަށް ދޯހާގައި އަލުން ފަށައިފަ އެވެ. ސުލްހައިގެ ވާހަކަތައް އަލުން މިފެށީ ދިގު މުއްދަތެއް ވަންދެން މަޝްވަރާތައް މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ސުލްހައިގެ ވާހަކަތައް ވަރަށް ބާރަށް ކުރިއަށް ދާނެ. އެ ވާހަކަތަކުގައި ދެން ފެށޭނީ ވަރަށް މުހިންމު ފިޔަވައްސެއް. އެއީ ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ރޭވުންތަކާ ބެހޭ ވާހަކަތައް. ދެ ފަރާތުން ހުށަހަޅާ ސުލްހައިގެ މަޝްރޫއު އަނެއް ބަޔަކާ ހިއްސާ ކުރުމަށް ފަހު، ދެ ފަރާތުން އެއްބަސްވުމަކަށް އައުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭ. ހަނގުރާމައިގެ މައިދާނުގައި މިހާރު ކުރިފަސް އޮތީ އަހަރެމެންނަށް ކަމަށް ވާއިރު، ސުލްހައިގެ ވާހަކަތައް އަހަރެމެން މި ދައްކަނީ ވަރަށް ސީރިއަސް ކަމާއެކު،" ތާލިބާންގެ ތަރުޖަމާނު ރޮއިޓާސް އަށް ވިދާޅުވި އެވެ.
އަވައްޓެރި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ވިދާޅުވެފައިވަނީ، އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމަ އަށް ސުލްހަވެރި ނިމުމެއް ގެނެވޭނީ، ތާލިބާނުން ވެސް ބައިވެރިވާ ސަރުކާރެއް އަފްގާނިސްތާނުގައި ގާއިމުކުރެވިގެން ކަމަށެވެ.
އެމެރިކާ މެދުވެރިވެގެން މިދިޔަ އަހަރުގެ ތެރޭގައި، ގަތަރުގައި ފެށި ސުލްހައިގެ ވާހަކަތައް، އަލުން ފެށުމާ ގުޅިގެން، އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގެ 40 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ހަމައެކަނި ގޮތަކީ، ދެ ފަރާތުގެ މެދުގައި ދެކެވޭ ސުލްހައިގެ ވާހަކަތަކުން ހައްލެއް ހޯދުމެވެ.
"އަފްގާނިސްތާނުގައި ބާރުގެ ބޭނުން ކޮށްގެން އުފައްދާ ސަރުކާރެއް، ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލެއް ނުކުރާނެ. އަފްގާނިސްތާނުގައި އުފައްދާ އެއްވެސް ސަރުކާރަކަށް ގާނޫނީ ހައިސިއްޔަތާއި، އެހެނިހެން އެހީތެރިކަން ވެސް ލިބޭނީ، އެ ސަރުކާރަކުން އެންމެ އަސާސީ އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ނަމަ،" އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވި އެވެ.
ތާލިބާނުން ބުނާ ގޮތުގައި އެ ގައުމުގެ 34 ޕްރޮވިންސެއްގެ 200 އަށް ވުރެ ގިނަ އަވަށް މިހާރު އޮތީ އެ ޖަމާއަތުގެ ބާރުގެ ދަށުގަ އެވެ. އެއީ މުޅި އަފްގާނިސްތާނުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި ސަރަހައްދެވެ.