ރޮނާލްޑޯ އަށް ކޯޗުކޮށްދޭން އުނދަގޫ: ސާރީ
ރޮނާލްޑޯ އަށް ކޯޗުކޮށްދޭން އުނދަގޫ: ސާރީ

ރޯމް (ޖުލައި 7) - ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެނޭޖްކޮށް ކޯޗުކޮށް ދިނުމަކީ އުނދަގޫ ކަމެއް ކަމަށް ޔުވެންޓަސްގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ސާރީ ވަނީ ޔުވެންޓަސްގައި ރޮނާލްޑޯ އަށް ކޯޗު ކޮށްދީފަ އެވެ. "ސެރީ އާ" ގެ ޗެމްޕިއަން ޔުވެންޓަސް އަށް އެންމެ ފަހުން ހޯދައި ދިނީ ސާރީ އެވެ.

މިހާރު ލާޒިއޯގެ ކޯޗުކަމުގެ މަގާމު އަދާކުރަމުން އަންނަ ސާރީ ބުނީ ރޮނާލްޑޯ އަކީ މަލްޓި ނެޝަނަލް ބުރޭންޑެއް ކަމަށާއި ޓީމުގެ އިތުރުން އޭނާގެ ޕާސަނަލް އިންޓަރެސްޓް ބޮޑު ކަމަށެވެ.

"އެ ޕާސަނަލް އިންޓަރެސްޓް އަންނަން ޖެހޭނީ ޓީމާ އެއްވަރަށް،" ސްޕޯޓު އިޓާލިއާ އަށް ދިން އިންޓަވިއުގައި ސާރީ ބުންޏެވެ.

"އެ ހުރިހާ ޕޮއިންޓަކުން އޭނާ މެނޭޖު ކުރުމަކީ އުނދަގޫ ކަމެއް. މެނޭޖަރަކަށް ވުރެ ބޮޑަށް އަހަރެން ބަލަނީ އަހަންނަކީ ކޯޗެއް ކަމަށް."

ސާރީ ބުނިގޮތުގައި ރޮނާލްޑޯ އަކީ ވަރަށް ބައިވަރު ޕޮޒިޓިވް ކަންތައްތަކެއް ވެސް ހުރި ކުޅުންތެރިޔެކެވެ.

"ޓީމުގެ އެހެން ކުޅުންތެރިންނަށް ވުރެ އޭނާ ހާސިލު ކުރާ ކަންކަން ބޮޑު ވެއްޖެއްޔާ އެ ކުޅުންތެރިޔަކު ވެސް ވަނީ އާންމު މިންގަނޑަށް ވުރެ ވެސް މަތީގައި."

ރޮނާލްޑޯ ޔުވެންޓަސްގައި ދެމިހުރުން އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރުމުން ސާރީ ބުނީ، އެކަން ނިންމާނީ އެ ޓީމުން ކަމަށެވެ. ނަމަވެސް ފަހެއް ނުވަތަ ހަ ކުޅުންތެރިން ދޫކޮށްލުމަށް ވުރެ އެއް ކުޅުންތެރިޔަކު ދޫކޮށްލުން ރަނގަޅު ވާނެ ކަމަށް އޭނާ ބުންޏެވެ.