ވަށިގާޑިޔާ
ވަށިގާޑިޔާ

އިރާދަމުގެ ވަގުތު ފެށެނީ، އިރު އޮއްސި ހަޔެއްޖެހުމާ އެކުގައެވެ. މާލޭގައި ނަމަ އެއީ، ރަށުގެ އަހުލުވެރިން މަސައްކަތް މެދުކަނޑައިލައި، ގެޔާ ދިމާއަށް މިސްރާބުޖަހަން ތައްޔާރުވާ ވަގުތެވެ. ގޭގައި ވަގުތު ހޭދަކުރުމަށް ޓަކައެވެ. ނުވަތަ ތާޒާވެލައިގެން އަނެއްކާ ވެސް މަގުމައްޗަށް ފެތުރިގަތުމަށް ޓަކައެވެ. ޔަގީނުން ވެސް ރޭގަނޑު އަށްގަޑި ބައިވާ އިރު މަގުތައް ހަލަބޮލިކޮށްލައެވެ. ސައިކަލު އިންޖީނުގެ އަޑާއި ބަރުގޮނުގެ އަޑުން ގުގުމައިލައެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެ މީހާއަށް އެހެން މީހުން ތަންދައްކާށެވެ.

ވަގުތަކީ އެ ވަގުތެވެ. އެހެން ރޭރެޔާ އެ ރެޔާ މާ ބޮޑު ތަފާތެއް ނެތެވެ. މަގުމަތީގައި ދިއްލައިފައި ހުރި ބޮކިތަކާއި، އުޅަނދުތަކުގެ ބޮކިތަކާއި، ރިވެލިން ހުޅުދާންވެފައިވާ މަގުތަކަށް އޮތީ ދިރުން އައިސްފައެވެ. އެހެންނަމަވެސް، އެއީ މާލޭގައި އަނދިރި ހާދިސާއެއް ނިއުޅުވެމުންދިޔަ ވަގުތެކެވެ. ތެމިފައިވާ ފޮށި ދަމަމުން، ވީހާ ވެސް ފަޅުހެން ހީވާ، ހަނި ގޯޅިތަކުން ޒުވާން އަފާޒު މިސްރާބުޖަހައިފައި ހުރީ ގެއާ ދިމާއަށެވެ. އުންމީދަކީ، އެކަކަށް ވެސް ނުފެނި ގެއަށް ވަނުމެވެ. އަމުދުން، ފުލުހެއްގެ ކުޑަ ވެސް ސަމާލުކަމެއް ލިބިދާނޭ ކަހަލަ އެއްވެސް ހަރަކާތެއް އަފާޒު ނުކުރެއެވެ. އެއީ އަފާޒުގެ ނަސީބު އަފާޒުގެ މުލައްދަނޑީގައި ވަރުގަދަޔަށް ހިފައިފައިވާ ރެޔެކެވެ. ގެ ހުންނަ ގޯޅިއަށް ލަނބައިލުމުގެ ކުރިން އަފާޒު ސިއްރުސިއްރުން ގޯޅިތެރެ ބަލައިލިއެވެ. ވަރަށް އަމާން ވަގުތެކެވެ. ފޮށި ހިފައިގެން އަފާޒު ގޯޅިއަށް ވަނެވެ. ހަރުކޮށް ހިނގައިފައި ގޮސް، ގެ ހުންނަ ހަނި ދެގޯޅި ތެރެއަށް ދެމިގަތެވެ. ހަމަ އެހާ އަވަހަށް، އަފާޒު ދިރިއުޅޭ ކޮޓަރިއަށް ދެމިގަތެވެ.

އަފާޒުގެ ކޮޓަރިއަކީ ވަރަށް އާދައިގެ ކޮޓަރިއެކެވެ. ދިއްލައިފައި ހުރި ބޮކީގެ އަލި މަޑެވެ. ފަރުނީޗަރުގެ ގޮތުން ނިކަމެއްޗެވެ. ފާރުތައް ބަލެވެ. ޖާގައިގެ ގޮތުން ބޮޑު ނަމަވެސް، އިނގިލިކުރި ޖައްސައިލާނެ ތަންކޮޅެއް ވެސް ކޮޓަރިއަކު ނެތެވެ. އެކި ތަންތަނުން ހޮވައިގެން ގެންނަ ސާމާނުތަކުން ކޮޓަރި އޮތީ ފުރިފައެވެ. ބާ ފަންކާއާއި، ހަލާކުވެފައިވާ އޭސީއެވެ. ކަރަންޓު ނަރުން ފުރިފައިވާ ގޯނިތަކާއި، މަސައްކަތްކުރަން ގެންގުޅޭ އެކި ކަހަލަ ސާމާނުތަކެވެ. ބަދިގޭ ހިފާގެންގުޅޭ ސާމާނާއި، ހަލާކުވެފައިވާ ކަރަންޓު ސާމާނާއި ހަލާކުނުވާ ސާމާނު ވެސް ހުއްޓެވެ. ގެނައި ބަރު ފޮށި ދަމައި އެތެރެކޮށްލައިފައި ކޮޓަރީގެ ދޮރު ލެއްޕިއެވެ. ކޮންމެވެސް ގޮތަކުން ސާމާނުތައް ކޮޅުކޮޅަށް ޖައްސައިލައި ތަންހަދައިލުމަށް ފަހުގައި، ފޮށި ރަނގަޅަށް ބޭއްވިއެވެ. ތަޅު ހަލާކުކޮށްލިއެވެ. ޒިބު ކަހައިލިއެވެ. މަތިގަނޑު ހުޅުވައިލިއެވެ. ސިއްސައިގެން ގޮސް އަފާޒު އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރާކަށް އަފާޒަކަށް ފަސޭހައެއް ނުވިއެވެ. ފޯނުން ރަނގަޅަށް އަލިކޮށްލައިފައި ފޮށި ތެރެ ބަލައިލިއެވެ. ފޮށި ތެރޭގައި އޮތީ ޒުވާން އަންހެންކުއްޖެއްގެ ގަބުރެކެވެ. އޭނަ ފޮށީގައި ބާއްވައިފައި އޮތީ ތުއްތު ދަރިފުޅު ބަނޑުގައި އޮންނަ އިރު އޮންނަ ކަހަލަ ގޮތަކަށެވެ. ކުރުގެޅިފައެވެ. ހަށިގަނޑަކު ފޭރާމެއް ނެތެވެ. އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފާޅުކޮށް ފެންނަން ހުއްޓެވެ. އޭނަގެ އިސްތަށިގަނޑުގައި ހުރީ ކަޅު ރަތްކުލައެކެވެ. ދެއަތާއި ދެފައި އޮތީ އައްސައިފައެވެ.

"ނަގުލަންދާށްޓާ!" މަޑުމަޑުން އަފާޒަށް ބުނެވުނެވެ.

ދެން ހަދާނެ ގޮތަކާ މެދު އަފާޒު ވިސްނައިލިއެވެ. ގޮތެއް ވިސްނުމާ އެކު އަމިއްލަށް ބޯހޫރައިލެވެއެވެ. ވިސްނުނު ގޮތް ކަމުނުދާތީއެވެ.

"ޕޮލިސް!" އަފާޒަށް ބުނެވުނެވެ. "ދެން ވެސް ކޮޕަށް ގުޅާ!"

އަފާޒު އުޅުނީ ފުލުހަށް ގުޅާށެވެ. ހަމަ އެ ސިކުންތުގައި އެ ހިޔާލު ވެސް ބަދަލުވިއެވެ. ކޮޓަރީގައި ވަގަށް ނަގައިގެން ގެނެސްފައިވާ ސާމާނު ވެސް އެބަ ހުއްޓެވެ. އެ ތަނަށް ފުލުހުން ވައްދާނީ ކިހިނެއް ހެއްޔެވެ؟ ދެން ގުޅީ ޖައިލާނަށެވެ. އަފާޒުގެ ހުރިހާ ސިއްރެއް އެނގޭ އެކުވެރިޔާއަށެވެ. ޖައިލާންގެ ފޯނު ރަނގަބީލުވަމުންދިޔަ އިރު، އަނެއްކާ އެހެން ދިމާއަކަށް އަފާޒުގެ ވިސްނުން ބަދަލުވިއެވެ. ހިތަށްއެރިއެވެ. އިތުރު މީހަކަށް އެންގުމަކީ މޮޔަކަމެކެވެ. އެންމެ ރަނގަޅުވާނީ އަވަހަށް ފޮށިން ސަލާމަތްވިއްޔާއެވެ.

"ކީކޭ ބުރަދާ!" ޖައިލާން ފޯނު ނެގިއެވެ.

ފޯނު ނެގުމުން ދެން ފޯނުކަނޑައިލާކަށް އަފާޒަކަށް ނުކެރުނެވެ. ހަމަޖެހިލުމަށް ޓަކައި ފުން ނޭވައެއް ބޭރުކޮށްލިއެވެ.

"ބުރަދާ!" ކޮންމެވެސް އެއްޗެއް ބުނުމުގެ ނިޔަތުގައި އަފާޒު ބުންޏެވެ. "ކޮބާ ނެތްތަ ކޮފީގަނޑެއް؟"

ޖައިލާން ހުރީ ހުޅުމާލޭގައެވެ. އެހެންނަމަވެސް، ކުޑަ އިރުކޮޅެއް ތެރޭގައި މާލެއަންނާނެކަމުގެ ޔަގީންކަން ދީފައި ފޯނު ބޭއްވިއެވެ. އަފާޒު ފޮށި ލައްޕައިލުމުގެ ކުރިން އެ ކުއްޖާއަށް އަނެއްކާ ވެސް ބަލައިލިއެވެ. އޮތް ގޮތުން އެ ކުއްޖާގެ މޫނެއް ނުފެނެއެވެ. ފޮށީތެރެއަކު ލެޔެއް ނެތެވެ. ގިނަ އިރު ބަލަން ނުހުރެ އަވަހަށް ފޮށި ލައްޕައިފައި ޒިބުއެޅުވިއެވެ. ފޮށީގައި ކުރިން ހުރި ތަޅު އޮތީ ހަލާކުވެފައެވެ. އެކަމަކު ތަޅެއް އަޅުވަން އަފާޒު ބޭނުންވިއެވެ. ގެންދަނިކޮށް ހުޅުވިދާނެތީއެވެ. ކޮޓަރީގައި އެއްކޮށްފައި ހުރި ސާމާނުގެ ތެރެއިން، ހުޅުވިފައިވާ ބޮޑު ތަޅެއް ފެނުނެވެ. އެ ތަޅު އެޅުވުމަށް ފަހު، ފޮށި ހިފައިގެން އަފާޒު ނުކުތެވެ. ދެކޮޅު ހޯދައިލައިފައި ހިނގައިގަތެވެ. ނަސީބުގަދަ ރެޔެއްކަމަށް ކުރިން ހީވި ނަމަވެސް، އެއަށް ވުރެ ބަދުނަސީބު ރެޔެއް އަފާޒަކަށް ނާދެއެވެ.

މަގުމަތި ފަޅުކޮށް އޮތް ވަގުތެކެވެ. ތަންކޮޅެއް ދުރުގައި ވަށިގާޑިޔަލެއް ހުއްޓެވެ. އެއީ ވެމްކޯއިން ކުނި އުފުލަން ގެންގުޅޭ، ހަތަރު ފުރޮޅުލީ ކުނިވަށިގަނޑެކެވެ. މަގުތައް ހަނިވީމައި ގެ ކައިރިއަށް ގެންނަނީ ވަށިގާޑިޔަލެވެ. އެއަށް ކުނި އަޅައި ސިކާރަވުމުން ވަށިގާޑިޔާ ގެންގޮސް ކުނިލޮރީއަށް އޮއްސައިލަނީއެވެ. ފޮށި ހިފައިގެން އަފާޒު ހިނގައިގަތީ ގެޔާ ވީހާ ވެސް ދުރަށް ފޮށި ގެންދިޔުމުގެ ނިޔަތުގައެވެ. އެކަމަކު، ވަށިގާޑިޔަލާ ހަމައަށް ދެވުމާއެކު ހިޔާލު ބަދަލުވިއެވެ. އަފާޒު ހިތަށްއެރިއެވެ. މަރުވެފައިވާ އިންސާނެއް ހިފައިގެން ތަންތަނަށް ހިނގުމަކީ މޮޔަކަމެކެވެ. އަވަހަށް އެ ފޮށިން ސަލާމަތްވާންވީއެވެ. ވަށިގާޑިޔާ ކައިރީގައި ފޮށި ބަހައްޓައިފައި އަފާޒު ހިނގައިގަތެވެ. ދެތިން ފިޔަވަޅު އަޅައިފައި ހުއްޓުނެވެ. އަލުން އައިސް ވަށިގާޑިޔަލުގެ މަތި ނަގައިފައި އެތެރެ ބަލައިލިއެވެ. ގާޑިޔަލުގައި ހުރީ ވަރަށް މަދު ކުނިކޮޅެކެވެ. ވަގުތުން ގާޑިޔާ އަރިކޮށްލައިފައި ގާޑިޔާ ތެރެއަށް ފޮށި ކޮއްޕައިލިއެވެ. އަދި ގާޑިޔާ ކޮޅަށް ޖަހައިފައި، މަތި ލައްޕައިފައި އަވަހަށް ދުވެ ފިލިއެވެ.

ކައިރީގައި އޮތް ގޯޅިތެރެއިން ކުނި އެއްކޮށްގެން ޒަހީން އައި އިރު، ރަނގަޅަށް ހިންދަމައި ނުލެވެއެވެ. ދެ އަތުގައި އެހާ ގިނަ ކޮތަޅު ހުއްޓެވެ. ކޮތަޅުތައް ބަހައްޓައިފައި ވަށިގާޑިޔަލުގެ މަތިގަނޑު ހުޅުވައިލިއެވެ. އަވަސްއަވަހަށް ގާޑިޔާ ތެރެއަށް ކޮތަޅުތައް އަޅާލުމަށް ފަހު، މަތިޖަހައިފައި އަނެއްކާ ވެސް ކުނި އެއްކުރަން ހިނގައިގަތެވެ. ވަރަށް ދުރުގައި ވަގަށް ބަލަން ހުރި އަފާޒަށް ހިތްހަމަޖެހުން ލިބުނެވެ. ނުކުރާ ކުށެއްގައި ބެދިގެން ޖަލަށް ދާކަށް އަފާޒު ބޭނުމެއް ނޫނެވެ. ޖަލު މަތިން އަފާޒު ފޫހިވެއްޖެއެވެ.

ވަށިގާޑިޔާ ފުރުމުން ލޮރީޔާ ދިމާއަށް ޒަހީން މިސްރާބުޖެހިއެވެ. ކުރިން ވެސް ވާރޭވެހިފައި އޮތުމުން، އަނެއްކާ ވެސް ވާރޭވެހިދާނެހެން ޒަހީނަށް ވަަރަށް ހީވެއެވެ. އޭގެ ކުރިން މަސައްކަތް ނިންމައިފައި ގެއަށް ވަންނަން ޒަހީން ބޭނުމެވެ. ކުނިލޮރީ އޮތީ ތަންކޮޅެއް ދުރުގައެވެ. އޭރު ވެސް ލޮރީ ކައިރީގައި ދެ ވަށިގާޑިޔާ ހުއްޓެވެ. ގާޑިޔަލުން ކުނިތައް ހުސްކުރަނީއެވެ. ލޮރީއިން ކުނި ފިއްތައި ސިކާރަކުރަން ހުރީ މޫސައެވެ. ބޮޑު މަގެއް ނަމަވެސް އޭރު ވެސް މަގު އޮތީ ތޮއްޖެހިފައެވެ. ބަރުގޮނުގެ އަޑުން އެއްއަޑުވެފައެވެ. ޒަހީންގެ ގާޑިޔަލާ ޖެހުމުން، ގާޑިޔަލުގައި ހުރި ކުނިތައް ލޮރީޔަށް އަޅަން ފެށިއެވެ.

"މަ ހިތަށްއަރާ ދިވެހިން އިސްރާފުކުރާ ވަރު ތަންކޮޅެއް މަދުކޮށްލާނެ ނަމައޭ،" ހަރަކާތް އަވަސްވެފައި ހުރި ޒަހީން ބުންޏެވެ. "އަތުން ހަރަދުވާ ވަރު ކުޑަވާނެ. ސަވާބުލިބޭނެ. އަހަރުމެންނަށް ވެސް ތަންކޮޅެއް ފަސޭހަވާނެ. މިރޭ އަދި މި އުޅެނީ ހުޅުމާލެއަށް ވެސް ޖައްސާލަންކަމަށް. ބުރިޖުމަތީ ހުއްޓާކަން ނޭނގެ އޮއްސާލާނީ. ކަލޭ ދާނަންތަ؟"

"މިރެޔަކު ނުވާނެ އެއްކަމެއް ވެސް،" އުޑުމައްޗަށް ބަލައިލަމުން މޫސާ ބުނެލިއެވެ. "އަހަރެން ދާ ގޮތަށް ފެންވަރައިގެން ތަންޑާވާނީ. ކުޑަކޮށް ގައިގަ ރިއްސާތީ މި އުޅެނީ."

މަސައްކަތް އަވަސްކުރުމަށް ޓަކައި މޫސަ ވެސް ޒަހީނަށް އެހީވިއެވެ. ކޮތަޅުތައް ނަގައި ލޮރީއަށް އަޅަމުން، ފިއްތަމުން ދަނިކޮށް އަޑީގައި ފޮށްޓެއް އޮއްވައި ފެނުނެވެ. ފޮށި ފުރަތަމަ ފެނުނީ މޫސައަށެވެ.

"މީ ކޯޗެއް؟ މަ އިއްޔެ ވެސް ބުނިން ދޯ ބޮޑެތި ކުނިތައް ނުނަގާށޭ!" ހިތްހަމަނުޖެހިފައި މޫސަ ބުންޏެވެ. "ދެން އަހަރުމެން ވީ ފުރަތަމަ ފޮށި ހުޅުވާފަ އޭގަ ހުރި ކުނިތައް ނެރެން. އެއްކަލަ ގޭން ނެރުނު އެއްޗެއް ދޯ މީ؟"

ޒަހީން ހައިރާންވެފައި ވަށިގާޑިޔާ ތެރެއަށް ނަޒަރުހިންގައިލިއެވެ. ގާޑިޔާ ތެރޭގައި އޮތް ފޮށްޓަކީ ޒަހީން ލީ އެއްޗެއް ނޫނެވެ. ޒަހީން އެ ފޮށި ދުށީ އަލަށެވެ.

"ތީ ކާކު ލީ އެއްޗެއް ބާ؟" ޒަހީން ހައިރާންވެފައި ބުންޏެވެ.

"އެހެންތަ؟" ހިތްހަމަނުޖެހިފައި މޫސަ ބުނެލިއެވެ. "ބުނޭ ނޭނގެޔޭ ކޮން ދިމާއަކުން ނެގި އެއްޗެއްކަމެއް ވެސް."

ދޭނެ ޖަވާބެއް ޒަހީނަކަށް ނޭނގުނެވެ. ވަށިގާޑިޔާ ތެރެއަށް ފޮށްޓެއް ނުލާކަން ޒަހީނަށް ކަށަވަރެވެ.

"ތީ ކާކު ލީ އެއްޗެއް ބާ؟" އަނެއްކާ ވެސް ޒަހީން ސުވާލުކުރިއެވެ.

"އަހަންނަށްތަ އެނގެނީ؟ ކަލޭ ނުވާނެ ރަނގަޅެއް. ޔަގީނޭ ކޮންމެވެސް މަންޖެއެއް ބޮލުގައެޅުވި އެއްޗެއްކަން،" މޫސަ ބުންޏެވެ. "ފޮށި ނަގާ މި ކަން ނިންމަމާ ހިނގާ! އެތެރޭގަ ނޭނގެ ކޯޗެއްކަމެއް ވެސް ހުރީ. ފޮށި ނެރޭ!"

ފޮށި ނަގަން ފަސޭހަކުރުމަށް ޓަކައި ވަށިގާޑިޔާ އަރިކޮށްލިއެވެ. ޒަހީން ފޮށީގައި ހިފައިލި އިރު ފޮށި ވަރަށް ބަރެވެ. ފޮށި ނެގުނީ ދެ މީހުން ވެގެންނެވެ.

"ކޯޗެއް އަޅާފަ ހުރި އެއްޗެއް؟" މޫސައަށް ބުނެވުނެވެ. "ބޮޑުސިންގާ ތަޅެއް ވެސް ލާފަ މިހިރީ. ކަންތަކާ ޖެހުނީޔޭ! ދޭބަލަ ޓޫލްބޮކްސްއިން ނަރުކެނޑި ހިފައިގެން އަންނަން."

ތަޅު ހަލާކުކޮށްގެން ފޮށި ހުޅުވައިލި ވަގުތު ދެ މީހުންނަށް ވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ. ހަދާނެ ގޮތެއް ނޭނގިފައި، އެކަކުއަނެކަކަށް ބަލަން އިރުކޮޅަކު ތިބެވުނެވެ. ޒަހީން ފޯނު ނެގިއެވެ. ފޮށްޓަށް އަލިކުރިއެވެ. ހީވީ ރަނގަޅަށެވެ. ފޮށި ތެރޭގައި އޮތީ ގަބުރެކެވެ.

ނުނިމޭ