24 ނޮވެމްބަރ 2016 - 13:00

ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގައި މި މަހު 8 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގައި އޮޅުންތަކެއް ކުރި ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށާއި އެހެންވެ ވޯޓު އަލުން ގުނުމަށް ކޮމްޕިއުޓާ ސައެންސްވެރިން ހިލަރީ އަށް ލަފާ ދެއްވަން ފައްޓަވައިފި އެވެ.

ވޯޓުގައި އެންމެ ބޮޑަށް ޝައްކު އުފެދުނު ތިން ސްޓޭޓަކީ މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިން އެވެ. ޕެންސިލްވޭނިއާ އާއި ވިސްކޮންސިންގެ ވޯޓު ކާމިޔާބު ކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ. އަދި އިންތިޚާބު ބޭއްވިތާ ދެ ހަފުތާ ފާއިތުވިއިރު ވެސް މިޝިގަންގެ ނަތީޖާ އުޅެނީ ވަރަށް ހަމަހަމަކޮށެވެ. އެހެންވެ ސައެންސްވެރިންގެ ގްރޫޕަކުން ދަނީ މި ސްޓޭޓްތަކުގެ ނަތީޖާއާ މެދު މައްސަލަ ޖައްސާ އަލުން ވޯޓު ގުނުމަށް ހިލަރީ އަށް ބާރު އަޅަމުންނެވެ. ސައެންސްވެރިން ލަފާކޮށްފައިވާ ގޮތުގައި މި ތިން ސްޓޭޓުގެ އިލެކްޓްރޯނިކް ވޯޓު ހެކްކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެ އެވެ. ސަބަބަކީ ވޯޓު ކަރުދާސް ބޭނުންކޮށްގެން ހިލަރީ އަށް ލާފައިވާ ވޯޓާއި އީ-ވޯޓިންގައި ބޮޑު ފަރަގެއް އުޅޭތީ އެވެ. މި ގޮތުން އީ-ވޯޓިން ބޭނުންކުރި ކައުންޓީތަކުން ހިލަރީ އަށް ހަތް ޕަސެންޓް މަދުން ލިބިފައިވާ ކަމަށް ކޮމްޕިއުޓާ ސައެެންސްވެރިން ބުނެ އެވެ. ވިސްކޮންސިން ހިލަރީ އަށް ގެއްލުނީ 27،000 ވޯޓުންނެވެ. އެކަމަކު ސައެންސްވެރިން ގަބޫލް ކުރާ ގޮތުގައި އެ ސްޓޭޓުގެ އީ-ވޯޓިން ނިޒާމުން ހިލަރީ އަށް ވަނީ 30،000 ވޯޓު މަދުވެފަ އެވެ.

ކޮމްޕިއުޓާ ސައެންސްވެރިންނާއި އިންތިޚާބާ ބެހޭ ގާނޫނީ ވަކީލުންނާއި އިލްމީ ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބޭރުގެ ނުފޫޒަކުން ސިސްޓަމް ހެކްކޮށްފައި ވުމަކީ ވެދާނެ ކަމެކެވެ. އެކަމަކު ރަސްމީކޮށް މައްސަލަ ޖެއްސުމާ މެދު ހިލަރީގެ ކެމްޕޭން ޓީމުން އަދި ގޮތެއް ނުނިންމަ އެވެ. ސައެންސްވެރިން ވަނީ ވޯޓު އަލުން ގުނުން އަވަސް ކުރުމަށް ހިލަރީ ކެމްޕޭން ޓީމަށް ލަފާދީފަ އެވެ. އެއީ ވިސްކޮންސިންގެ ވޯޓު އަލުން ގުނުމުގެ ސުންގަޑި ހުކުރު ދުވަހަށް ހަމަވާނެތީ އެވެ. ޕެންސިލްވޭނިއާގެ މުއްދަތު ހޯމަ ދުވަހު އަދި މިޝިގަންގެ މުއްދަތު ބުދަ ދުވަހު ހަމަވާނެ އެވެ.
ސައެންސްވެރިން ބުނަނީ ވޯޓު ހެކްކުރި ކަމުގެ ސާފު ހެކި ނެތް ނަމަވެސް ވޯޓު އަލުން ގުނުމުގެ އިތުރުން ވޯޓިން މެޝިންތަކުގެ ފޮރެންސިކް އޮޑިޓެއް ވެސް ހަދަން ޖެހޭނެ ކަމަށެވެ.
ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީން ހެކްކޮށް މައުލޫމާތުތަކެއް މި އަހަރު ވަނީ ލީކުކޮށްފަ އެވެ. މިކަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ރަޝިޔާގެ ހެކަރުންގެ މައްޗަށެވެ. އެހެންވެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވެސް ހެކްކޮށްފާނެ ކަމަށް ކުރިން ވެސް ދިޔައީ ތުހުމަތު ކުރަމުންނެވެ.
ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުލީ ހިލަރީ އަށް ކަމަށް ވިޔަސް ޓްރަމްޕް ހޮވިވަޑައިގެންނެވީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. ޓްރަމްޕަށް 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އިރު ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ. މިޝިގަންގެ ނަތީޖާ މުޅިން ނުނިމޭތީ އެ ސްޓޭޓުގެ 16 އިލެކްޓޯރަލް ވޯޓު ލިބޭ ފަރާތެއް އަދި ކަނޑަނާޅަ އެވެ. މިޝިގަންގެ ވޯޓު އަލުން ގުނާ އެ ސްޓޭޓް ހިލަރީ އަށް ލިބި އަދި ވިސްކޮންސިން ( 10 އިލެކްޓޯރަލް ވޯޓު) އާއި ޕެންސިލްވޭނިއާ (20 އިލެކްޓޯރަލް ވޯޓު) ހިލަރީ ކޮޅަށް އެނބުރިއްޖެ ނަމަ އިލެކްޓޯރަލް ކޮލެޖް ވޯޓު އެކަމަނާ އަށް ކާމިޔާބު ކުރެއްވޭނެ އެވެ. އެކަމަކު އެގޮތަށް ބެލުމުގެ ފުރުސަތު ކުޑަ އެވެ.
އިންތިޚާބުގެ ބޭއްވިތާ ދެ ހަފުތާ ފަހުން އަދިވެސް ބައެއް ވޯޓު ގުނަމުންދާ އިރު ހިލަރީ ވަނީ ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިހާތަނަށް 64.2 މިލިއަން ވޯޓު ވަނީ ހިލަރީ އަށް ލިބިވަޑައިގެންފައިވެ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62.2 މިލިއަން ވޯޓެވެ.