07 ޖުލައި 2021 - 06:22

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މޮޑެލްކުރާ މީހުންގެ ފޮޓޯ ހިމަނައިގެން ހަދާ އިޝްތިހާރާއި ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ މީހުން ޕޯސްޓްކުރާ ފޮޓޯތަކުގައި ސިފަ އަށް ބަދަލު ގެންނަން އެޑިޓްކޮށްފައިވާ ނަމަ އެކަން ބުނެފައި އޮތުން ލާޒިމްކުރަން ނޯވޭގައި ގާނޫނަށް އިސްލާހެއް ގެންނަން ނިންމައިފި އެވެ.

އެ ގައުމުގައި އަމަލުކުރަމުން އަންނަ ގާނޫނަކަށް ގެނައި އިސްލާހެއްގައިވާ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުންގެ ފޮޓޯ ޕޯސްޓްކުރާއިރު އެޑިޓްކުރަން އެއްވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވާ ނަމަ އެކަން ޕޯސްޓަކާ އެކު ހިމަނަން ޖެހޭނެ އެވެ. ނޫން ނަމަ ފިޔަވަޅު އަޅާނެ އެވެ.
މާކެޓިން އެންޑް ކޮންޓްރޯލް އެކްޓަށް މިދިޔަ ބުރާސްފަތި ގެނައި އިސްލާހު ފާސްވީ ވޯޓު ދިން މެމްބަރުންގެ 72 ވޯޓާ އެކީގަ އެވެ. އިސްލާހާ ދެކޮޅަށް ވޯޓް ދިނީ އެންމެ 15 މެމްބަރެކެވެ.
އެ އިސްލާހު ފާސްވި ނަމަވެސް ރަސްމީކޮށް އަމަލުކުރާނީ ނޯވޭގެ ރަސްގެފާނު އިސްލާހު ތަސްދީގުކުރެވުމުންނެވެ. އެހެންވެ އާ އިސްލާހަށް އަމަލުކުރަން ފަށާނެ އިރެއް އަދި ސާފެއް ނުވެ އެވެ.
ނޯވޭ އިން ބުނި ގޮތުގައި ސޯޝަލް މީޑިއާއާ ހެދި ވަރަށް ގިނަ މައްސަލަތައް، ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި، ބޮޑެވެ. ހިކިކޮށް ތިބުމާއި ހަންގަނޑު އޮމާންކުރުމާއި ތުންފަތް ރީތިކުރަން އެކި ކަހަލަ ޕްރޮސީޖާތައް ހަދާފައި ހުންނަ މީސްމީހުންގެ ފޮޓޯތަކުގެ ސަބަބުން އާންމުންގެ މެދުގައި އަމިއްލަ ސިފަ އާއި ހަށިގަނޑާ މެދު އުފެދޭ ޕްރެޝަރުތައް ބޮޑު ކަމަށް ނޯވޭގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ހަދާފައިވާ ދިރާސާއަކުން ދައްކަ އެވެ. އަދި ސޯޝަލް މީޑިއާ އިން ފެންނަ ފޮޓޯތަކުގެ ޕްރެޝަރާ ހެދި އަމިއްލަ އަށް ސިފައާ މެދު ނުރުހި ފުރާނަ ދުއްވައިލަން މަސައްކަތްކުރާ ޒުވާން އަންހެން ކުދިންގެ އަދަދު ވެސް އިތުރުވަމުންދާކަން ނޯވޭގެ ޗިލްރެން އެންޑް ފެމިލީ އެފެއާޒް މިނިސްޓްރީން ބުންޏެވެ.
މިފަދަ މައްސަލަތައް ދިމާވާތީ އިންސްޓަގްރާމްގެ ފިލްޓަކަތަކަށް ވެސް މި ފަހުން ވަރަށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވެ އެވެ.
ނޯވޭ އިން ފާސްކުރި ފޮޓޯ އެޑިޓިންއާ ގުޅޭ އިސްލާހާ ބެހޭ ގޮތުން އެ ގައުމުގެ މަޝްހޫރު އިންސްޓަގްރާމް އިންފްލުއެންސާއެެއް ކަމަށްމާ މެޑެލީން ޕެޑާޒެން ބުނި ގޮތުގައި އިސްލާހަށް އޭނާ ވަރަށް ތާއީދެވެ. އޭނާ ބުނި ގޮތުގައި ސިފަ ރީތިކުރަން ފޮޓޯތައް އެޑިޓްކޮށްފައި އެއްވެސް އިރެއްގައި ޕޯސްޓްކޮށްފައެއް ނުހުންނާނެ އެވެ.
"އަހަންނަކީ އަހަރެންގެ ސިފައާ މެދު ހިތްހަމަޖެހިގެން ހުރި މީހެއް. އެހެންވީމަ ނެތް ސިފައެއް ދައްކުވައިދޭކަށް ފޮޓޯތައް އެޑިޓްކޮށް އެތައް ބައިވަރު ފިލްޓަ ލާފައި ޕޯސްޓްކުރުމަކީ އަބަދު ވެސް އަހަރެން އެކަމާ ވަރަށް ދެކޮޅު ކަމެއް." އިންސްޓަގްރާމްގައި 90.4 މިލިއަން ފޮލޯވަރުން ތިބި މެޑެލީން ބުންޏެވެ.
އޭނާ ބުނީ އުންމީދަކީ އަލަށް ގެނައި އިސްލާހަށް ވީހާ ވެސް އަވަހަކަށް އަމަލުކުރަން ފެށުން ކަމަށެވެ. އަދި އޭގެ ސަބަބުން ހެޔޮ ނަތީޖާތަކެއް ނުކުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.