އާ ގަވާއިދުގެ ދަށުން ބައިބައިވުން އުފެދޭ ކަންކަން ކުރުން ފުލުހުންނަށް މަނާ!
އާ ގަވާއިދުގެ ދަށުން ބައިބައިވުން އުފެދޭ ކަންކަން ކުރުން ފުލުހުންނަށް މަނާ!

ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭ ފަދަ އެއްވެސް ކަމަކަށް ތާއީދު ނުކުރުމަށާއި އެހެން ދޭހަވާ ފަދަ ކަމެއް ވެސް ބަހާއި އަމަލުން ދެއްކުން މަނާކޮށް، ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ފުލުހުންގެ ސުލޫކީ މިންގަނޑުގެ ގަވާއިދު މިއަދު އާންމުކޮށްފި އެވެ.

އާ ގަވާއިދުގެ ދަށުން ބައިބައިވުން އުފެދޭ ކަންކަން ކުރުން ފުލުހުންނަށް މަނާ!
އާ ގަވާއިދުގެ ދަށުން ބައިބައިވުން އުފެދޭ ކަންކަން ކުރުން ފުލުހުންނަށް މަނާ!

މި ގަވާއިދުގައި ފުލުހުންގެ ވަޒީފާ އަދާކުރުމުގަ އާއި ޒާތީ ދިރިއުޅުމުގައި ވެސް، އާންމު ސުލޫކީ މިންގަނޑުގެ ތެރެއިން ފުލުހުންގެ ބަހާއި އަމަލުތައް ބަހައްޓަން ޖެހޭ ގޮތްތައް ފާހަގަކޮށްފައިވެ އެވެ.

އެއްވެސް ހާލަތެއްގައި މީހަކާ މެދު އަމިއްލަ އަށް ނުވަތަ އެހެން މީހަކު ލައްވައި ވިޔަސް، ރަހުމު ކުޑަ ނުވަތަ ލާއިންސާނީ ގޮތަކަށް އަމަލު ނުކުރުމާއި އެފަދަ ގޮތަކަށް އަމަލުކުރާކަން އެނގިއްޖެ ނަމަ އެކަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށް ގަވައިދުގައި ވެ އެވެ. އާންމުންނާ މުއާމަލާތު ކުރަން ވާނީ އިޖުތިމާއީ ހަމަތަކާއި އަހުލާގީ ހަމަތަކުގެ މަތިން، ރީތި ބަހުން ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.

"ފުލުހުންނަށް ލިބިފައިވާ ބާރު (ޔޫސް އޮފް ފޯސް) ގެ ބޭނުން ކުރުމުގައި ގާނޫނާއި ގަވާއިދާ އެއް ގޮތްވާ ގޮތުގެ މަތިން، އެ ހާލަތާ އެކަށީގެންވާ މިންވަރަށް ބާރުގެ ބޭނުން ކުރުމާއި ބާރުގެ ބޭނުންކުރި ގޮތާ މެދު ޖަވާބުދާރީވުން،" މި ގަވާއިދުގައިވެ އެވެ.

- އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމާއި ގާނޫނާއި ގަވާއިދުތަކަށް އަމަލު ކުރުން.

- ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ނުކުރުން.

- އާންމު ކޮންމެ މީހަކަށް ވެސް ލިބޭ އުސޫލަކުން ލިބެން އޮންނަ ހަދިޔާއެއް، އެހީއެއް ނުވަތަ މަންފާއެއް ފިޔަވައި، އެހެން އެއްޗެއް ނަހަމަ ގޮތުގައި ނުހޯދުން.

- ގޯނާކުރުމާއި ފުރައްސާރަ އާއި ޖިންސީ ފުރައްސާރައިގެ އެއްވެސް އަމަލެއް ނުކުރުން.

- ސިޔާސީ އެއްވެސް ފިކުރަކަށް ތާއީދު ނުކުރުން.

- އެއްވެސް މީހަކަށް ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކޮށްފާނެ ކަމުގެ ބިރު ނުދެއްކުން.

- އަދާކުރަންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތަށް ފުށުއަރާ ފަދަ އެއްވެސް ކަމެއް ނުކުރުން.

- ފުލުހުންގެ މުދަލާއި ވަސީލަތްތަކަށް ގެއްލުން ނުދިނުމާއި އެ ވަސީލަތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުން.

ވަކި މީހެއްގެ ނަސްލަށް، ކުލަ އަށް، ގައުމަށް، ސަގާފަތަށް، ޖިންސަށް، އުމުރަށް، ޖިސްމާނީ އާއި ނަފުސާނީ ނުކުޅެދުންތެރިކަމަށް، ސިޔާސީ އާއި އެ ނޫން ވެސް ވިސްނުމަށް، މާލީ ފުދުންތެރިކަމަކަށް، އާއިލާ އަށް އަދި އުފަން ރަށަށް ވެސް ބެލުމެއް ނެތި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ޚިދުމަތް ފޯރުކޮށްދޭންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަކާ ހިލާފު ވެއްޖެ ނަމަ، އެ ހިލާފުވީ މިންވަރެއްގެ މައްޗަށް ބަލައި، އެ ފުލުހަކާ މެދު ފިޔަވަޅު އެޅޭނެ އެވެ. އަދި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ފުލުހުން އަހުލުވެރި ކުރުމަށް ކޮންމެ އަހަރަކު ތަމުރީނު ޕްރޮގްރާމެއް ވެސް ބާއްވަން ޖެހެ އެވެ.

މި ގަވާއިދު އާންމުކުރުމާ އެކު، މިއަދުން ފެށިގެން ވަނީ މިއަށް އަމަލުކުރަން ފަށައިފަ އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ ހުރިހާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން ގެޒެޓް ނުކުރެވި ހުރި ގަވައިދުތަކަށް އަމަލުކުރެވެން ފެށެން ދެން، ކުރީގެ ގަވައިދުތަކަށް އަމަލުކުރަމުން ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

ފުލުހުންގެ މުއައްސަސާ އަށް ބޮޑެތި ބަދަލުތަކެއް ގެނައި، "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ، މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ، ގާނޫނު ތަސްދީގު ކުރިތާ ތިން މަސް ފަހުން މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

މި ގާނޫނުގެ ދަށުން ގިނަ އަދަދެއްގެ ގަވާއިދުތައް އެކުލަވައިލަން ލާޒިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ސުލޫކީ މިންގަނޑާއި ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިފައިވާ ބާރުތަކާއި އިހްތިޔާރުތައް ބޭނުންކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދާއި ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކުގެ ގަވާއިދާއި ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތައް ހިންގުމާ ބެހޭ ގަވާއިދު ވެސް ހިމެނެ އެވެ.