06 ޖުލައި 2021 - 20:08

އަފްގާނިސްތާނުގެ ބަގްރާމް ވައިގެ މަރުކަޒުގައި ގާއިމުވެ ތިބި އެމެރިކާ ސިފައިން އެ މަރުކަޒު ދޫކޮށް ފައިބައިގެން ދިޔައީ، އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް، އަފްގާނިސްތާން ސަރުކާރާ ހިއްސާ ނުކޮށް ކަމަށް، އަފްގާނިސްތާނުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އެމެރިކާ ސިފައިން މިދިޔަ ހުކުރު ވިލޭރޭ ބަގްރާމް ވައިގެ މަރުކަޒު ދޫކޮށް ދިޔުމުން، އެ މަރުކަޒާ ހަވާލުވެ ހުންނެވި އަފްގާނިސްތާނު ސިފައިންގެ ކޮމާންޑަރު، ޖެނެރަލް އަސަދުﷲ ކޮހިސްތާނީ ވިދާޅުވި ގޮތުގައި، އެމެރިކާ ސިފައިން ފައިބައިގެން ދިޔައީ ހުކުރު ވިލޭރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެކަން އަފްގާނިސްތާނު ސަރުކާރަށް އެނގުނީ ހުކުރު ދުވަހު ހެނދުނު، މީޑިއާތަކުން އެ ވާހަކަ ފެނުމުން ބެލި ބެލުމުންނެވެ.
ބަގްރާމް ވައިގެ މަރުކަޒުގައި އަސްކަރީ ހަރަކާތްތައް ހިންގާ ތަންތަނުގެ އިތުރުން، އަސްކަރީ ހޮސްޕިޓަލަކާއި ކުށްވެރިން ހައްޔަރުކޮށްފައި ބައިތިއްބާ ޖަލެއް ވެސް ހުރެ އެވެ. އެމެރިކާ ސިފައިން ބަގްރާމް ވައިގެ މަރުކަޒު ދޫކޮށް ދިޔައިރު، އެ ތަނުގެ ޖަލުގައި ތާލިބާން ޖަމާއަތުގެ ގާތްގަނޑަކަށް 5000 މީހުން ހައްޔަރުކޮށްފައި އެބަތިއްބެވެ.
މިދިޔަ މެއި މަސް ފެށުމާ އެކު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށުމާ ގުޅިގެން، ތާލިބާންގެ ހަނގުރާމަވެރިން އަންނަނީ އަފްގާނިސްތާނު ސަރުކާރު ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިދިޔަ ހުކުރު ވިލޭރޭ އެމެރިކާ ސިފައިން ބަގްރާމް ވައިގެ މަރުކަޒުން ފޭބިކަން އިއުލާން ކުރުމާ ވިދިގެން، ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށް، ބޮޑެތި ބައެއް ސިޓީތައް މިހާރު ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.
ޖެނެރަލް އަސަދުﷲ ކޮހިސްތާނީ ވިދާޅުވީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ ބަޔަކު، ބަގްރާމް ވައިގެ މަރުކަޒުގެ ޖަލުގައި ހައްޔަރުކޮށްފައި ތިބުމާ ގުޅިގެން، އެ ޖަމާއަތުގެ ހަނގުރާމަވެރިން އެ މަރުކަޒަށް ވަރަށް އަވަހަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ބަގްރާމް ވައިގެ މަރުކަޒާ ކައިރި ސަރަހައްދުގައިވާ ރަށްފުށު ސަރަހައްދުތަކުގައި ތާލިބާނުންގެ ހަރަކާތްތައް އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަހަރެމެންނާ އެމެރިކާ ސިފައިންނާ އަޅައި ބަލައިފިއްޔާ، ވަރަށް ބޮޑު ތަފާތެއް ފެންނާނެ. އެހެން ނަމަވެސް އަހަރެމެންގެ ގާބިލްކަން ކުރި މިންވަރަކުން، ގައުމުގެ ހުރިހާ ރައްޔިތުންނަށް ހިދުމަތްކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭން މިއަންނަނީ، ވަރަށް ގަދައަށް މަސައްކަތް ކުރަމުން."
އޭޕީ ނޫސް އޭޖެންސީން ބުނި ގޮތުގައި އެމެރިކާ ސިފައިން ބަގްރާމް ވައިގެ މަރުކަޒުން ފައިބައިގެން ދިޔައިރު، ވަރަށް ގިނަ އަދަދެއްގެ އެއްޗެހި ބަހައްޓާފައި ހުއްޓެވެ. އޭގެ ތެރޭގައި އެތައް ހާސް ބޯފެން ފުޅިއާއި އެނާޖީ ޑްރިންކާއި، އަސްކަރީ ކާނާ ޕެކެޓްތައް ހިމެނެ އެވެ. އޭގެ އިތުރުން މަދު އަދަދެއްގެ އަސްކަރީ އުޅަނދުތަކާއި އެތައް ހާސް މަދަނީ އުޅަނދެއް ވެސް ހުއްޓެވެ. ނަމަވެސް އެއިން އެއްވެސް އުޅަނދެއްގެ ތަޅުދަނޑިއެއް ނެތް ކަމަށް އޭޕީން ބުނެ އެވެ.
އެމެރިކާ ސިފައިން ފައިބައިގެން ދިޔައިރު އެމީހުންނާ އެކުގައި ހުރިހާ ބަރު ހަތިޔާރެއް ގެންދިޔަ އެވެ. ނުގެންދެވި ހުރި ގިނަ އަދަދެއްގެ އެކި ބޮޑުމިނުގެ ވަޒަންތައް އެމީހުން ދިޔައީ ގޮއްވާލައިފަ އެވެ. އަދި އަފްގާނިސްތާނު ސިފައިން ބޭނުން ކުރުމަށް މަދު އަދަދެއްގެ ހަތިޔާރު ބަހައްޓާފައި ހުއްޓެވެ.
ބަގްރާމް ވައިގެ މަރުކަޒަކީ، އަފްގާނިސްތާނު ސިފައިންގެ ބޭނުމަކަށް، 1950ގެ އަހަރުތަކުގެ ތެރޭގައި، އެމެރިކާ އިން ހަދައިދިން އަސްކަރީ މަރުކަޒެކެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގެ ސިފައިން 1979 ވަނަ އަހަރު އަފްގާނިސްތާނަށް އަރައި އެ ގައުމު ހިފުމަށް ފަހު، އެ މަރުކަޒު ބޭނުން ކުރަމުން އައީ، ސޯވިއެޓް ޔޫނިއަންގެ މަދަދާ އެކު އަފްގާނިސްތާނުގައި ގާއިމުކުރި ގޮނޑިކޮއްކޮ ސަރުކާރުންނެވެ.
އެއަށް ފަހު ސޯވިއެޓް ސިފައިން އަފްގާނިސްތާނުން ފޭބުމާ ވިދިގެން، އޭގެ ފަހުން އެ މަރުކަޒު ބޭނުންކުރަމުން އައީ މުޖާހިދުން އެކުލަވައިލި ސަރުކާރުންނެވެ. އަދި 1990ގެ އަހަރުތަކުގައި ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އެ ގައުމަށް ވެރިވެގަތުމަށް ފަހު، އެ މަރުކަޒު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. އަދި 2001 ވަނަ އަހަރު އެމެރިކާ ސިފައިން އަފްގާނިސްތާނު ހިފުމަށް ފަހު، އެ މަރުކަޒު އަނެއްކާ ވެސް އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ދިޔައެވެ.