ކޯލިޝަނުން ވެރިކަން ކުރާއިރު ދޫދީގެން ސިޔާސީ މަސައްކަތް ނުކުރާ ނަމަ ފާގަތި މުސްތަގުބަލެއް ނެތް: އިމްރާން
ކޯލިޝަނުން ވެރިކަން ކުރާއިރު ދޫދީގެން ސިޔާސީ މަސައްކަތް ނުކުރާ ނަމަ ފާގަތި މުސްތަގުބަލެއް ނެތް: އިމްރާން

ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރާއިރު ދޫތަކާއި ހިފެހެއްޓުންތަކާއި އެއްބާރުލުން ދީގެން ސިޔާސީ މަސައްކަތް ނުކުރެވޭ ނަމަ ރާއްޖެ އަށް ފާގަތި މުސްތަގުބަލެއް ނެތް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަށް 10،000 މެމްބަރުން ހަމަކުރަން ފެށި "ސާފު އަމާޒަކަށް" ކެމްޕެއިން ހަފުލާގައި އޭނާ ވިދާޅުވީ، ވޭތުވެދިޔަ ތިން އިންތިހާބު ވެސް ކާމިޔާބުކުރީ އެހެން ޕާޓީތައް ބައިވެރިވެގެން އުފެއްދި ކޯލިޝަނަކުން ކަމަށެވެ އެއާއެކު، ރާއްޖޭގައި މިހާރު އެންމެ މުހިއްމީ ތަފާތު އެކި ވިސްނުންތައް ހުރި މީހުންނާއެކު އެކުގައި މަސައްކަތް ކުރާނެ މާހައުލެއް ގާއިމްކޮށް، އެއްކޮށް މަސައްކަތް ކުރާނެ ޕާޓީއެއް ފުރިހަމަވެގެން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިމްރާން ވިދާޅުވިގޮތުގައި، ސިޔާސީ ލީޑަރުން ކުރަންވީ ކަމަކީ ކޮންމެ ބަޔަކު ވެސް އެ ބައެއްގެ މައިގަނޑު އަސާސްތަކަށް ވިސްނައިގެން އެހެން މީހުންނާއެކު މަސައްކަތްކުރުމުގެ ރޫހެއް ދިރުވައި އެކުގައި އުޅުމުގެ ގޮތްތައް އާލާކޮށް، ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތް ހޯދައިދިނުމެވެ.

"މިއާ އެއްގޮތަށް މަސައްކަތް ބައްޓަން ނުކުރެވިއްޖެ ނަމަ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމެއް ނެތް. ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަމެއް ނެތް. މިނިވަންކަމާއި އިސްތިގުލާލެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވަނީ، މި ސަރުކާރު ކޯލިޝަން ދަމަހައްޓަން ބައިވެރިންގެ ރުހުން ހޯދައިގެން ހިޔާލު ތަފާތުވުންތަކަށް ރިއާޔަތް ހޯދައިގެން މައްސަލަ ހައްލުކޮށްގެން ކުރިއަށް ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އިމްރާން، މީގެ 10 އަހަރު ކުރިން އަދާލަތު ޕާޓީއާ ހަވާލުވެވަޑައިގެންނެވިއިރު އެ ޕާޓީގައި ތިބީ 4،600 މެމްބަރުންނެވެ. އެކަމަކު، އަހަރެއްގެ ތެރޭގައި މެމްބަރުންގެ އަދަދު 11،000 އަށް އިތުރުކުރިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި ބަދަލުތަކާއެކު މެމްބަރުން މަދުވީ އެވެ. އަނެއްކާ ވެސް މެމްބަރުންގެ އަދަދު 10،000 އިން މައްޗަށް ގެންދިޔަސް ޕާޓީން މެމްބަރުން މަދުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގައި މި ވަގުތު ތިބީ 6،652 މެމްބަރުން ކަމަށް ވިޔަސް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަކުރުމަށް އެ ޕާޓީން ވަނީ ފައިސާގެ އިނާމާއެކު މުބާރާތެއް ހުޅުވާލައިފަ އެވެ.

ޕާޓީގެ ގޮފިތައް ނުވަތަ ރަށްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުންގެ ތެރެއިން އެންމެ ގިނަ ފޯމު ހުށަހަޅާ ތިން ގޮތްޕަށް އިނާމު ކަނޑައަޅާފައި ވެ އެވެ. ޕާޓީ އަށް އެންމެ ގިނަ ފޯމު ހުށަހަޅާ ގޮތްޕަށް 30،000ރ. ދެ ވަނަ އަށް 20،000ރ. އަދި ތިން ވަނަ އަށް 10،000ރ ކަނޑައަޅާފައި ވެ އެވެ.

އޭގެ އިތުރުން ޕާޓީގެ އެކި މަޖިލިސްތަކަށް ވެސް މުބާރާތް ހުޅުވާލާފައި ވެ އެވެ. އިލްމުވެރިންގެ މަޖިލީހާއި އަންހެނުންގެ މަޖިލިސް އަދި ޒުވާނުން ތެރެއިން އެންމެ ގިނަ ފޯމު ހުށަހަޅާ މަޖިލީހަކަށް 30،000ރ. ކަނޑައަޅާފައި ވެ އެވެ