06 ޖުލައި 2021 - 13:57

އޮލިމްޕިކްސް އަށް އުންމީދުކޮށް އައިޝަތު ސައުސަން ކުރި މަސައްކަތާއި ވީ ގުރުބާނީ އެހެން އެންމެނަށް ވުރެ ބޮޑެވެ. ދުބާއީގެ ޓްރޭނިން އަށް ދާން ފުރަން އުޅުމުން، އޭނާގެ އަށް އަހަރުގެ ދަރިފުޅު އެދުނީ ނުދިއުމަށެވެ. އެ ކުޑަ ދަރިފުޅުގެ ޅަ ސިކުނޑިއަށް ވިސްނުނީ ކޮވިޑުގެ ހާލަތު ކަމަށް ވުމުން ދަތުރު ކުރުމުން މަންމަ އަށް ކޮވިޑް ޖެހިދާނެ ކަމަށެވެ. އާއިލާ އާއި ދަރިން ދޫކޮށްފައި އޭނާ ދުބާއީ އަށް ފުރައިގެން ދިޔައީ ހިތްދަތި ކަރުނަތަކެއް އޮއްސަމުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ރާއްޖޭގެ ދިދަ ތަމްސީލުކޮށް ގައުމަށް ރީތި ނަން ހޯދައި ދިނުމުގެ މަތިވެރި އަޒުމު އޭނާގެ ހިތުގައި އޮތުމުންވެ.

އޮލިމްޕިކްސް އަށް ފުރުސަތު ލިބެން އޮތް ރާއްޖޭގެ ހަތަރު ފެތުންތެރިންގެ ތެރޭގައި ހިމެނުމުން، ޒުވާން އަލީ އިމްއާން ވެސް ވީ ގުރުބާނީ އަގު އަދި ބޮޑެވެ. ކޮވިޑުގެ އުނދަގޫ ދަތި ހާލަތުގައި ރަޝިއާގެ ކަޒާން އަށް އޭނާ ފުރައިގެން ދިޔައީ ދުނިޔޭގެ ސްވިމިންގެ މައި ޖަމިއްޔާ (ފީނާ) ގެ ސްކޮލާޝިޕެއްގަ އެވެ.

ސްވިމިން ޕޫލް އާއި ކުޅިވަރު ކުޅޭތަންތަން ކޮވިޑްގެ ވަބާގާގައި ބަންދު ކުރުމަކުން، މާލޭގައި ތިބި ސައުސަން އާއި އިމްއާންގެ ޓްރޭނިން އެހާ ހިސާބުން މެދުކަނޑައެއް ނުލި އެވެ. ލޮކްޑައުން ކުރުމުން ފިޒިކަލް ޓްރޭނިންތައް ގޭގައި ކުރިއަށް ގެންދިޔަ އެވެ. ރޯދަ މަހާއި ލޮކްޑައުން އާ އެއްކޮށް ބައްދަލުވެ އެ އުނދަގޫ ތަހަންމަލު އުފުލި އެވެ. ޒުވާން އިމްއާން އަކީ ޓްރޭނިންއަށް ކޮމިޓެޑް ފެތުންތެރިޔެކެވެ.
ސީއެޗްއެސްސީގައި ކިޔަވަމުން އަންނަނިކޮށް، އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުގެ ހައިޕޯފަމަންސް ޓްރޭނިން ސްކޮލާޝިޕެއްގައި ރާއްޖެއިން ބޭރުގައި ޓްރޭނިން ހެދުމުގެ ފުރުސަތު މުބާލް އައްޒާމް އިބްރާހިމް އަށް ލިބުމުން، ބޮޑު ނިންމުމެއް އޭނާ ނިންމަން ޖެހުނެވެ.
ސްކޮލާޝިޕްގެ ފުރުސަތު ކޮންމެ ކޮންމެ ފަހަރަކު ނުލިބޭނެ ކަންވެސް އޭނާ އަށް އެނގެ އެވެ. ކިޔެވުމުގެ ފުރުސަތު ވެސް އޭނާ ބޭނުން ވެ އެވެ. އެ ނިންމުމުގެ ބޮޑު ކަމާއި ބުރަކަން އުފުލަން ޖެހުނީ ހަމައެކަނި މުބާލްގެ ސިކުނޑި ތެރޭގައެއް ނޫނެވެ. އޭނާގެ އާއިލާ އަށް ވެސް އެކަން ވީ ނިންމަން އުނދަގޫ ނިންމުމަކަށެވެ. ސީއެޗްސީން ވަކިވެ އޮލިމްޕިކް ސްކޮލާޝިޕްގެ ބޭނުން ހިފުމަށް މުބާލް ނިންމި އެވެ. އެއީ އޭނާގެ ކެރިއާގައި ނިންމި އެންމެ އުނދަގޫ ނިންމުމެވެ.
ޓޯކިޔޯ އޮލިމްޕިކްސް އަށް ތައްޔާރު ވުމަށް އޮލިމްޕިކްސް ސްކޮލާޝިޕް ލިބުނު ދެ ވަނަ ފެތުންތެރިޔަކީ އައިޝަތު ސާޖިނާ އެވެ. އޭނާ ވެސް ޓްރޭނިން ސްކޮލާޝިޕްގައި މެލޭޝިއާ އަށް ދިޔައީ ރާއްޖޭގައި ހަދަމުން ދިޔަ ކޯހުގެ މެދުތެރެއިންނެވެ. މުބާލްގެ ޓްރޭނިން ހަމަޖެއްސީ އޮސްޓްރޭލިއާ އިންނެވެ.
އެ ދެ އެތުލީޓުންނަށް އޮލިމްޕިކްސް ސްކޮލާޝިޕް ދިނުމުގައި އެންމެ ބޮޑު ބޭނުމަކަށް އޮތީ ޓޯކިޔޯ އޮލިމްޕިކްސް އަށް ތައްޔާރު ވުމަށް ފުރުސަތު ދިނުމެވެ. ކޮންމެ އޮލިމްޕިކް ގޭމްސް އަކަށް ފަހު ދެން ޖެހިގެން އަންނަ އޮލިމްޕިކް ގޭމްސްއާ ދެމެދު ގައުމުތަކުގެ އެތުލީޓުންނަށް ޓްރޭނިން ސްކޮލާޝިޕް ފޯރުކޮށް ދިނުމަކީ އައިސީސީން ކުރަމުން އަންނަ މަސައްކަތެކެވެ. ބްރެޒިލްގައި 2016 ގައި ބޭއްވި އޮލިމްޕިކްސް އަށް ފަހު އައީސީން ސްކޮލާޝިޕް ލިސްޓްގައި ހިމެނުމުން މުބާލް އާއި ސާޖީނާގެ އެންމެ ބޮޑު ހުވަފެނަކީ، ޓޯކިޔޯ އޮލިމްޕިކްސްގައި ދިވެހި ދިދަ މޭމަތީގައި ޖަހއިގެން ރާއްޖެ ތަމްސީލު ކުރުމެވެ.
ނަމަވެސް ފީނާ އިން ފުރަތަމަ ކަނޑައެޅި އުސޫލުގެ ތެރެއިން އޮލިމްޕިކްސް އަށް ދާން ސްވިމިން އެސޯސިއޭޝަނުން ހޮވި ފެތުތެރިންގެ ތެރޭގައި ހިމެނުނީ އެ ދެ އެތުލީޓުންނެއް ނޫނެވެ. ފީނާގެ ރޭންކިންގައި ރާއްޖެއިން އެންމެ ކުރީގައި އުޅޭ ދެ ފެތުންތެރިންނަކީ ސާޖިނާ އާއި މުބާލް ކަމުގައި ވިޔަސް ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން ބޭއްވި ޓައިމް ޓްރެއަލްގައި އެ ދެ އެތުލީޓުންނަށް ކުރި ނުލިބުނެވެ.
ޓައިމް ޓްރެއަލް ބާއްވަން ސްވިމިން އެސޯސިއޭޝަނުން ނިންމީ، ފީނާ އިން ކަނޑައެޅި ހަތަރު ފެތުންތެރިންގެ ތެރެއިން ކޮންމެވެސް ދެ ފެންތުންތެރިޔަކު ފޮނުވުމަށް ރާއްޖެއަށް އިހްތިޔާރު ދިނުމުންނެވެ.
ސްވިމިން އިން ނިންމީ ހަތަރު ފެތުންތެރިންގެ މެދުގައި ބާއްވާ ޓްރެއަލް އަކުން ކުރި ހޯދާ ދެ ފެތުންތެރިންނަށް ފުރުސަތު ދިނުމަށެވެ. އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ، ވިދާޅުވީ ބައިނަލްއަގްވާމީ ގޭމްސްތަކާއި މުބާރާތްތަކަށް ފޮނުވާ ފެތުންތެރިން ފޮނުވުމުގައި މީގެ ކުރިން ވެސް އަމަލު ކޮށްފައި ވަނީ ގައުމީ ލެވަލްގައި ބާއްވާ ޓައިމް ޓްރެއަލްއަށް ކަމަށެވެ.
"ޓައިމް ޓްރެއަލް އުސޫލަކީ 10 އަހަރަށް ވުރެ ގިނަ ދުވަސްވީ ސިސްޓަމެއް. މީގެ ކުރިން އެހެން ގޭމްތަކަށް ވެސް އަދި އޮލިމްޕިކްސް އަށް ވެސް ފޮނުވަނީ ޓައިމް ޓްރެއަލްގައި ކުރި ހޯދާ ފެތުންތެރިން،" އިސްމާއީލް ވިދާޅުވި އެވެ.
އޮލިމްޕިކްސް އަށް ކޮލިފައި ނުވާ ގައުމުތަކަށް ފުރުސަތު ދެނީ، ފީނާ ގަބޫލު ކުރާ މުބާރާތްކުގައި ވާދަކޮށްގެން ވަކި މިންވަރަކަށް ސްކޯ ކުރާ ފެތުތެރިންނެވެ. ރާއްޖެއިން އެ ކެޓެގެރީއަށް ފެތޭ ހަތަރު ފެތުންތެރިންނަކީ މުބާލް އާއި ސާޖިނާ، އިމްއާން އަދި ސައުސަން އެވެ.
އެ ހަތަރު ފެތުންތެރިންގެ މެދުގައި ބޭއްވި ޓައިމް ޓްރެއަލްގައި ސައުސަން އާއި އިމްއާން ކުރި ހޯދުމުން، ސްވިމި އެސޯސިއޭޝަނުން އޮލިމްޕިކްގެ ފުރުސަތު ދޭން ނިންމީ އެ ދެ ފެތުންތެރިންނަށެވެ.
ދުނިޔޭގެ ރޭންކިންގެ ކުރީގައި ތިބި އިރު ވެސް އަދި އޮލިމްޕިކްސް އިން ދިން ސްކޮލާޝިޕެއްގައި ރާއްޖެއިން ބޭރުގައި ޓްރޭނިން ހަދަމުން ދިޔައިރު ވެސް، ރާއްޖޭގެ އޮލިމްޕިކްސް ޓީމުގައި ނުހިމެނުމުން އެ މާޔޫސްކަން ޕަބްލިކަށް ގެންނަން މުބާލް އާއި ސާޖިނާ ބޭނުން ނުވި އެވެ. ހާއްސަކޮށް މުބާލްގެ ފަރާތުން އިމްއާން އާއި ސައުސަން އަށް ކީ މަރުހަބާ އާއި ދިން ހިތްވަރަކީ އެތުލެޓިސިޒަމްގެ ރީތި ނަމޫނާ އެކެވެ.
ނަމަވެސް ހާލަތު ބަދަލުވީ މިދިޔަ މަހު ބޭއްވި ފީނާގެ އިންތިހާބުންނެވެ. ފީނާގެ ރައީސް ކަމަށް ކުވައިތުގެ ހުސައިން އަލް މުއްސަލިމް އިންތިހާބު ވި ހިސާބުން ކުރީގެ އެކްސްކޯ އިން ނިންމާފައިވާ ނިންމުން ބަދަލު ކުރި އެވެ. އެކަމަކު އެ ނިންމުން ތަކަކީ އޭރު އޭނާ ވެސް އެކްސްކޯގައި އިންނަވައިގެން ފާސް ކުރި ނިންމުން ތަކެކެވެ. ކޮލިފައި ނުވާ ގައުމުތަކަށް ފީނާ އިން އެންގީ އެ ގައުމުތަކުގެ ރޭންކިންގެ އެންމެ ކުރީގައި ތިބި ފެތުންތެރިން ފޮނުވުމަށެވެ.
ފީނާ އިން ރާއްޖެ އަށް އެންގީ މުބާލް އާއި ސާޖިނާގެ ނަމަވެ. އަދި އެ ދެ ފެތުންތެރިން އޮލިމްޕިކްސްގައި ވާދަކުރާނެ ކެޓެގެރީ ވެސް ސީދާ ކަނޑައެޅީ ފީނާ އިންނެވެ. ފީނާގެ ނިންމުން ކުއްލިއަކަށް ބަދަލު ކުރުމުން ރާއްޖޭގެ ވަކި ދެ އެތުލީޓުންނަށް ހައްގެއް ގެއްލުނީ އެވެ.
ސައުސަން އަށް އެ ޚަބަރު ލިބުނީ އޮލިމްޕިކްސް އަށް ތައްޔާރުވާން ދުބާއީގައި ޓްރޭނިން ހަދަމުން ދަނިކޮށެވެ. އޭނާ އަށް ފުރުސަތު ގެއްލި އެހެން ދެ އެތުލީޓުންނަށް ފުރުސަތު ލިބުމުން އޭނާ ދެއްކީ ފުރިހަމަ މިސާލެކެވެ. ފީނާ އިން ކަނޑައެޅި ދެ އެތުލީޓުން ކަމަށްވާ މުބާލް އާއި ސާޖިނާ އަށް މަރުހަބާ ކި އެވެ. އެހެން ދެ އެތުލީޓުންނަށް ފުރުސަތު ލިބިފައި ވަނިކޮށް އެ ފުރުސަތު ގެއްލި މުބާލް އަށް އެ ފުރުސަތު ލިބުމަކީ އޭނާ ބޭނުންވި ގޮތެއް ނޫނެވެ. އޭނާގެ ފަރާތުން ސައުސަން އަށާއި އިމްއާން އަށް އެކަން ހާމަ ކޮށްދިނެވެ.
އޮލިމްޕިކް ފުރުސަތު ގެއްލުމުން އެންމެ ބޮޑު އިމޯޝަނަލް އިހްސާސްތަކެއް ކުރާނެ އެކަކީ ސައުސަން، 33، އެވެ. ކުޅިވަރުގެ ސީނިއާރިޓީ އާއި އުމުރަށް ބަލައި އޮލްމްޕިކްގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ދެން އޭނާ އަށް ލިބުން ދުރެވެ. ފީނާގެ ކުއްލި ނިންމުމުން، އޭނާގެ ހައްގު ވެސް ގެއްލުނީ އެވެ. އެކަމަކު ފީނާ އަށް ވެސް ގަންބާ ނުލެވުނީ ދިވެހި ފެތުންތެރިންގެ އަޒުމެވެ. އުނދަގޫ ވަގުތުގައި ވެސް އެ ފެތުންތެރިން ދެއްކީ ރީތި ނަމޫނާ އެކެވެ.