06 ޖުލައި 2021 - 10:55

ބ. ކަމަދޫ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 56.66 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.38 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ބަހައްޓާނެ އެވެ.
މީގެ އިތުރުން ފެން އެ ރަށުގެ ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާނެ އެވެ.
ކަމަދޫ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 3.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން އިދާރީ ބިލްޑިން އިމާރާތް ކުރާނެ އެވެ. އަދި ގެތަކުގައި ޖަންގްޝަން ބަހައްޓައިދީ ނަރުދަމާ ނިޒާމު ވެސް ގުޅުވައިދޭނެ އެވެ.
އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓާރު ސެޓާއި ފެން ތަހުލީލުކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.